ޓޫރިސްޓް ފެސިލިޓީތަކަށް "މިސްޓްރީ ގެސްޓުން" ނުވަތަ "އަންޑަކަވާ ގެސްޓުން" ފޮނުވަން ޓުރިޒަމް މިނިސްޓްރީން ނިންމައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު ބުނީ ކޮވިޑާ ގުޅިގެން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އާއި ޓޫރިޒަމް މިނިސްޓްރީން ކަނޑައަޅާފައިވާ ގައިޑްލައިންތަކަށް ޓޫރިސްޓް ފެސިލިޓީތަކުން އަމަލުކުރަމުންދޭތޯ ބެލުމަށް މިސްޓްރީ ގެސްޓުން ތައާރަފުކުރުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން މިސްޓްރީ ގެސްޓުން ޓޫރިސްޓް ފެސިލިޓީތަކަށް ގޮސް ކުރާ ތަޖުރިބާއަށް ބިނާކޮށް އެ ޓޫރިސްޓް ފެސިލިޓީއެއްގައި ގާއިމުކޮށްފައިވާ ސްޓޭންޑަޑް ޕްރޮސީޖަރާއި ގައިޑްލައިނަށް އަމަލުކުރަމުން އަންނަ މިންވަރާއި ފެންވަރު ޓޫރިޒަމް މިނިސްޓްރީއަށް ރިޕޯޓްކުރާނެ ކަމަށެވެ. އަދި މި ގެސްޓުން ޓޫރިސްޓް ފެސިލިޓީތަކަށް ބުކިން ހަދާނީ ޓޫރިޒަމް މިނިސްޓްރީ މެދުވެރިނުވެ ޓޫރިސްޓުން އަމިއްލައަށް ކަމަށްވެސް އެމިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ މިއީ ރައްޔިތުންނާއި ޓޫރިސްޓް ފެސިލިޓީތަކުގެ މުވައްޒަފުން އަދި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ބާރުއެޅުމުގެ އިތުރުން އެޗްޕީއޭ އާއި ޓޫރިޒަމް މިނިސްޓްރީން ކަނޑައަޅާފައިވާ ގައިޑްލައިންތަކަށް، ފަތުރުވެރިންނަށް ހިދުމަތްދޭ ތަންތަނުން އަމަލުކުރަމުން އަންނަ މިންވަރު ދެނެގަތުމުގެ ގޮތުން ފެށުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެއް ކަމަށެވެ.
"މިސްޓްރީ ގެސްޓުން" ގެ ޕްރޮގްރާމުގެ އިތުރުން، ޓޫރިސްޓް ފެސިލިޓީތަކުން ސްޓޭންޑަޑް ޕްރޮސީޖަރާއި ގައިޑްލައިނަށް އަމަލުކުރަމުން އަންނަ މިންވަރު ދެނެގަތުމަށް މިނިސްޓްރީގެ ފަރާތުން ޓޫރިސްޓް ފެސިލިޓީތައް އިންސްޕެކްޓް ކުރަމުން ގެންދާނެ ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.
"މިސްޓްރީ ގެސްޓުން" ގެ ޕްރޮގްރާމެއް ޓޫރިޒަމް މިނިސްޓްރީން ފެށުމަށް ނިންމާފައިވާ އިރު، ދ. އަތޮޅުގައި އޮންނަ ކަނޑިންމަ ރިސޯޓުން ކޮވިޑް ޖެހިގެން މުވައްޒަފަކު މަރުވި މައްސަލައެއް ފެންމަތިވެ، އެ ރިސޯޓުގެ މެނޭޖްމަންޓަށް ބޮޑެތި ތުހުމަތުތަކެއް ދަނީ ކުރަމުންނެވެ.
އެގޮތުން ކަނޑިންމަ ރިސޯޓުން ކޮވިޑް ޖެހިގެން މަރުވި، ދ. މާއެނބޫދޫ، ދިލްބަހާރުގޭ އާދަމް ނަސީރަށް އެ ރިސޯޓުގެ މެނޭޖްމެންޓުން އެކަށީގެންވާ ފަރުވާ ފޯރުކޮށްނުދިނުމާއި ފަރުވާ ލަސްވުމާއި އަޅާނުލާކަމުގެ ތުހުމަތު ވަނީ ކޮށްފައެވެ.
އެޗްޕީއޭ އިން ވަނީ އެ މައްސަލަ ފުލުހަށްވެސް ހުށަހަޅައިފައެވެ. އަދި އެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ވެސް އަންނަނީ ތަހުގީގުކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު