ބ. ދަރަވަންދޫގައި ކުރިއަށްގެންދާ "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ގައި ދިރާގާއި ސޮނޭވާ ކޮންޒަވޭޝަން އެންޑް ސަސްޓެއިނަބިލިޓީ މޯލްޑިވްސް (ސޮނެވާ ސީއެސްއެމް) އިން ޕާޓްނާޝިޕެއް ގާއިމުކޮށްފިއެވެ.

މި ޕާޓްނާޝިޕްގެ ދަށުން އެ ޕްރޮގްރާމަށް ދިރާގުން އެހީތެރިކަން ފޯރުކޮށްދޭނެއެވެ. މިއީ ދަރަވަންދޫގައި ގާއިމުވެ މަސައްކަތްކުރާ މަދަނީ ޖަމިއްޔާއެއް ކަމަށްވާ މުރަކަ ފާމްގެ އެއްބާރުލުމާއެކު، ސޮނެވާ ސީއެސްއެމްގެ ފަންނީ އެހީތެރިކަމާއި ތަޖުރިބާ ބޭނުންކޮށްގެން ކުރިއަށްގެންދާ ހަރަކާތެކެވެ.

ޔުނެސްކޯ ބަޔޯސްފިއާ ރިޒާވްގައި ހިމެނޭ އަދި ހަނިފަރު ބޭއާ ކައިރީގައި އޮންނަ ދަރަވަންދޫގެ ފަރުތަކަކީ އެ ރަށުގެ ފަތުރުވެރިކަމަށާއި މަސްވެރިކަމުގެ އިތުރުން ރައްޔިތުންގެ ދިރިއުޅުމާ ވަރަށް ބޮޑަށް ގުޅިފައިވާ ވަސީލަތެކެވެ. މި ޕްރޮގްރާމްގެ ތެރެއިން ފަރު ދިރުވާ އާލާކުރުމުގެ ފަންނީ މަސައްކަތް ދަސްކޮށްދީ، ޒަމާނީ ރިސާޗް އަދި ސައިންސްގެ އަލީގައި ދަރިވަރުންނާއި މިކަމަށް ޝައުގުވެރިވާ ވިޔަފާރިތަކުގެ ބައިވެރިންނާއި އާންމު ރައްޔިތުން ތަމްރީނުކުރާނެއެވެ. އަދި 30 އާއި 50 އާ ދެމެދުގެ އަދަދަކަށް ނާސަރީ ސްޓްރަކްޗަރު އެކުލެވޭ ގޮތަށް ކޮމިއުނިޓީ މުރަކަ ނާސަރީއެއް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ޕާޓްނާޝިޕް ގާއިމުކުރުމާ ގުޅޭގޮތުން ދިރާގުގެ ސީނިއާ މެނޭޖަރު ކޯޕަރޭޓް ސޯޝަލް ރެސްޕޯންސިބިލިޓީ ބިޝާރާ ހަމީދު ވިދާޅުވި ގޮތުގައި، މިއީ މުޖުތަމައުގެ އިސްނެގުމާއެކު ދެމެހެއްޓެނިވި ގޮތަށް ކުރިއަށްދާނެ ޕްރޮގްރާމެކެވެ.

"މުރަކަ ފާމްއާއި ދަރަވަންދޫ މުޖުތަމައުގެ ބައިވެރިވުމާއެކު ކުރިއަށްގެންދާ މި މުހިންމު ޕްރޮގްރާމްގައި ސޮނޭވާ ސީއެސްއެމް އާއެކު ޕާޓްނާވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މި ޕްރޮގްރާމް އެންމެ ހާއްސަވާ ސަބަބަކީ، މިއީ މުޖުތަމައުގެ އިސްނެގުމާއި ފުރިހަމަ ބައިވެރިވުމާއެކު ދެމެހެއްޓެނިވި ގޮތަށް ކުރިއަށްދާނެ ކަމަކަށްވުން. މީގެ ސަބަބުން މުރަކަ އާލާކުރުމާއި، ކަނޑުގެ ދިރުންތައް ރައްކާތެރިކޮށް ބެލެހެއްޓުމަށް ބޭނުންވާ ހުނަރާއި މައުލޫމާތު އަށަގަންނުވައި، އަންނަން އޮތް ޖީލުތަކަށް ތިމާވެށި ރައްކާތެރިކުރުމަށް އެހީތެރިކަން ފޯރުކޮށްދެވިގެންދާނެ،" ބިޝާރާ ވިދާޅުވިއެވެ.

ސޮނެވާ ސީއެސްއެމްގެ ޑިރެކްޓާ އޮފް އޮޕަރޭޝަންސް ޑރ. ޖޯހާނާ ލިއޮންހާޑް ވިދާޅުވީ، ދާއިމީ ނަތީޖާއެއް ހާސިލުކުރެވޭނީ އެކަމަށް ބޭނުންވާ އިލްމާއި ހުނަރު މުޖުތަމައު ތެރޭގައި ދިރުވައިގެން ކަމަށެވެ.

"ދިރާގާ ގުޅިގެން މުރަކަ ފާމާއި، ސީދާ ދަރަވަންދޫގެ ރައްޔިތުންގެ ބައިވެރިވުމާއެކު ކުރިއަށްގެންދާ މުރަކަ ރެސްޓޯރޭޝަން ޕްރޮގްރާމަށް އެހިތެރިކަން ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. މިފަދަ މަސައްކަތްތަކުން ދާއިމީ ނަތީޖާއެއް ހާސިލުކުރެވޭނީ، އެކަމަށް ބޭނުންވާ އިލްމާއި ހުނަރު މުޖުތަމައު ތެރޭގައި ދިރުވައިގެން. އެހެންކަމުން، ދިރުން ޕްރޮގްރާމްގެ މައިގަނޑު އަމާޒަކީ އަމަލީ ތަމުރީނުތަކާއެކު މުޖުތަމައު ބާރުވެރިކުރުވައި، މުރަކަ އާލާކުރުމާއި ފަރުތައް ބެލެހެއްޓުމުގެ މަސައްކަތް އެ ރަށުގެ އިސްނެގުމުގެ ދަށުން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުން. އަޅުގަނޑުމެން އުންމީދު ކުރަނީ މީގެ ސަބަބުން އެ ރަށުގެ ފަރަށް ހެޔޮ ބަދަލުތަކެއް އައުމުގެ އިތުރުން، މިއީ ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ވެސް ނަމޫނާއަކަށް ބަލައިގެން ކުރިއަށް ގެންދެވިދާނެ މަސައްކަތަކަށް ވެގެންދިއުން،" އޭނާ ވިދާޅުވިއެވެ.

ސޮނެވާ ސީއެސްއެމް އަކީ މުރަކަ އާލާކުރުމާއި، ކަނޑުގެ ދިރާސާތައް ކުރުމާއި، ތިމާވެށި ހިމާޔަތްކުރުމުގެ އިތުރުން މުޖުތަމައުގެ ޒިންމާދާރުކަން އިތުރުކުރުމަށް މަސައްކަތްކުރާ މަދަނީ ޖަމިއްޔާއެކެވެ. ހަމައެއާއެކު، ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމަކީ ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން އެންމެ ބޮޑު އިސްކަމެއްދޭ އެއް ދާއިރާއެވެ. މި ޕްރޮގްރާމްގެ ދަށުން ހިންގާ ތަމްރީނުތަކާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތަކަށްފަހު، މި އަހަރުގެ ފަހުކޮޅު ދަރަވަންދޫގައި ފަރުތައް އާލާކުރުމުގެ އަމަލީ ހަރަކާތްތަކާއެކު ހާއްސަ ފެސްޓިވަލެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.