ހުޅުމާލޭގައި ތަރައްގީކޮށްފައިވާ ސޯޝަލް ހައުސިން ފްލެޓުތަކުގައި ދިރިއުޅޭ އާއިލާތަކުގެ ތެރެއިން 50 ޕަސަންޓް މީހުން ގަވާއިދުން ކުލި ނުދައްކާކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކޯޕަރޭޝަނުން މިހާރު 12،000 އަށް ވުރެ ގިނަ ފްލެޓް ބަލަހައްޓަމުން އަންނަ ކަމަށެވެ. ނަމަވެސް، މާލީ ދަތިތަކާއި އެކި ސަބަބުތަކާ ހުރެ އޭގެ ތެރެއިން ދެބައިކުޅަ އެއްބައި ފްލެޓުން ކުލި ނުލިބޭކަމަށް އޭނާ ވިދާޅުވިއެވެ.

ކުލި ނުދައްކާ މީހުންގެ ތެރޭގައި ފްލެޓް ލިބުނު ފަހުން އެއްވެސް ފައިސާއެއް ނުދައްކާ މީހުންނާއި، ދޭތެރެދޭތެރެއިން ކުލި ނުދައްކާ ދޫކޮށްލާ ފަރާތްތައް ހިމެނެއެވެ. އަދި މިދިޔަ އަހަރުގެ މެއި މަހާ ހަމައަށް ހުޅުމާލޭގެ ފްލެޓުތަކުން ކުލީގެ ގޮތުގައި ނުލިބި ހުރި ފައިސާގެ އަދަދު 700 މިލިއަން ރުފިޔާއަށް ވުރެ މައްޗަށް އަރާފައިވާކަމަށް އެޗްޑީސީން ކުރިން ހާމަކުރި ތަފާސްހިސާބުތަކުން ދައްކައެވެ.

ކުލި ހޯދުމުގެ މަސައްކަތުގެ ތެރެއިން، ފައިސާ ނުދައްކާ ފަރާތްތަކަށް ކުލި ދެއްކުމަށް ހަނދާންކޮށްދީ "ޕޭމަންޓް އެޑްވައިސް" ނޯޓިސް ކޮންމެ ތިން މަހަކުން އެއްފަހަރު ފޮނުވަން ފަށާފައިވާކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.

ޒުހައިރު ފާހަގަކުރެއްވި ގޮތުގައި، ފްލެޓުތައް ގަވާއިދާ ހިލާފަށް އެހެން ފަރާތްތަކަށް ކުއްޔަށްދޭ މައްސަލަތައް ބެލުމުގެ ހާއްސަ އިންސްޕެކްޝަނެއްވެސް ވަނީ ހިންގާފައެވެ. އެގޮތުން ހިޔާގެ ހުރިހާ ފްލެޓެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި ގަވާއިދާ ހިލާފަށް ދިރިއުޅޭ ބިދޭސީން ނެރުމަށް ފްލެޓްތަކުގެ ވެރިފަރާތްތަކަށް އަންގައި ސިޓީ ފޮނުވަމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.