ފިޗުން ރާއްޖޭގެ ދަރަނީގެ ރޭޓިން "ސީސީސީ" ރޭޓިން އަށް ދަށް ކުރީ، ރައްޔިތުންގެ މަޖިލީހުން ފާސްކުރި ސަރުކާރުގެ ދަރަންޏާ ގުޅޭ ރިޕޯޓުގެ ސަބަބުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ތުހުމަތު ކުރައްވައިފި އެވެ.
ކޮވިޑާ ގުޅިގެން ރާއްޖެއަށް ލިބޭ ބޭރު ފައިސާ މަދުވެ ދަރަނި އިތުރުވުމާ ގުޅިގެން، ފިޗުން ރާއްޖޭގެ ރޭޓިން "ބީ" އިން "ސީސީސީ" އަށް ވަނީ ދަށްކޮށްފައެވެ.
ނަމަވެސް އެ ރޭޓިން ގަބޫލު ނުކުރާނެކަމަށް ފިނޭންސް މިނިސްޓްރީން އިއްޔެ ވަނީ ބުނެފައެވެ.
އެއެކަމާގުޅިގެން ޝަރީފް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެ ދުވަހު ވެސް މަޖިލީހުން އެ ރިޕޯޓް އެ އޮތް ގޮތަށް ފާސްކުރަން ހެޔޮ ނުވާނެ ކަމަށް ވިދާޅުވިއެވެ.
"އެންމެ ފަހުން މަޖިލީހުން ފާސްކުރި ގަރާރުގެ ނަތީޖާ ފިޗް އިން ރާއްޖޭގެ ކްރެޑިޓް ރޭޓިން ސީސީސީއަށް ބަދަލު އެކުރީ، އެދުވަހުވެސް ތަކުރާރުކޮށް އަޅުގަނޑު ދެންނެވިން ހެޔޮނުވާނޭ، ތިޔަ ގަރާރު ތިގޮތަށް ފާސްކުރަން،" ޝަރީފް ވިދާޅުވިއެވެ.
ޝަރީފް އިތުރަށް ވިދާޅުވީ، ރާއްޖެއަށް މި ދަތި ދަނޑިވަޅުގައި ރައްޔިތުގެ މަޖިލީހުން ފާސްކުރާ ބައެއް ޒާތުގެ ގަރާރު ފާސް ކުރުމުގައި ވަރަށް ވިސްނުންތެރި ކަމާއެކު ގައުމުގެ މަސްލަހަތު އިސް ނުކޮށްފި ނަމަ ރޭޓިން އެޖެންސީތަކުން ރާއްޖެ ކްރެޑިޓްރޭޓިން ދަށްކުރަމުންދިއުން ވަރަށް ގާތް ކަމަށެވެ.
ރާއްޖޭގެ ދަރަންޏާ ބެހޭ ގޮތުން ސަރުކާރަށް ރެކޮމަންޑޭޝަންތަކެއް ހުށަހަޅައި މަޖިލީހުން ރިޕޯޓް ފާސްކޮށްފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އިސް ނަންގަވައިގެންނެވެ.
"ފިޗް" އިިން ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކުރި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މިއަދު ވިދާޅުވީ، އެ ފަދަ ބައިނަލްއަގްވާމީ އިންޑިކޭޓަރުން ދޭ ރޭޓުގެ އަޑު ރާއްޖެއިން އަހަން ޖެހޭ ކަމަށާއި، ނަމަވެސް ގައުމު ދަރަނިވެރި ނުވާނެ ކަމަށެވެ.
ހާއްސަކޮށް ޗައިނާ ކުންފުނިތަކަށް ދައްކަން ޖެހޭ ލޯނުތައް، ފާހަގަ ކުރައްވައި ޓޫރިޒަމް ކުރިއަރައި ދިއުމާއި ދަތުރުފަތުރު ކުރުން ގިނަވަމުން އަންނާތީ، އުއްމީދު އެބައޮތް ކަމަށް ވެސް މަޖިލިސް ރައީސް ވިދާޅުވި އެވެ.
އިބްރާހީމް ޝަރީފު އައްޑޫ މަރަދޫ މެންބަރު
އިބްރާހީމް ޝަރީފު އައްޑޫ މަރަދޫ މެންބަރު
އިބްރާހީމް ޝަރީފު އައްޑޫ މަރަދޫ މެންބަރު