ކަނޑިންމަ މޯލްޑިވްސް

ކަނޑިންމަ މަރު: މުޅި ރިސޯޓު އޮތީ ކޮވިޑުގެ ހާއްޔަކަށް ވެފައި، އާދަމް ނަސީރުބެ މަރުވީ ބަލި އެނދުގައި ފަރުވާއެއް ނުލިބި!

1

ކަނޑިންމަ ރިސޯޓުގައި މަސައްކަތްކުރާ، ދ. މާއެނބޫދޫ، ދިލްބަހާރުގޭ އާދަމް ނަސީރު، މާއެނބޫދޫ އެންމެންގެ އެކުވެރި (އާދަމް ނަސީރުބެ) ކުއްލި ގޮތަކަށް މަރުވުމާ ގުޅިގެން މުޅި ރަށަށް ވެސް ލިބުނީ ކުއްލި ސިހުމެކެވެ. މަރުވި އިރު އޭނާއަށް ކޮވިޑް ޖެހިފައިވާކަން އެނގުމުން އިތުރު ގިނަ ވާހަކަތަކެއް ވަނީ ތިލަ ވެފަ އެވެ. އާދަމް ނަސީރުބެ މަރުވެ ދިޔައީ ބަލި އެނދުގައި އެތައް ދުވަހެއް ވެ ފަރުވާއެއް ނުލިބިގެން ކަމަށް ގަބޫލު ކުރެވޭ ފަދަ އެތައް ވާހަކަތަކެއް ވަނީ ތިލަ ވެފަ އެވެ. މި މައްސަލައިގެ ތަހުގީގު ފުލުހުންނާއި ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް ވަނީ ފަށައިފަ އެވެ.

އާދަމް ނަސީރުބެއަކީ ކަނޑިންމަ ހަދަން ފެށީއްސުރެ މަސައްކަތް ކުރަމުން އައި ރިސޯޓުގެ އެންމެ ދުވަސްވީ އެއް މުވައްޒަފެވެ. އޭނާއަކީ މީހުންނާ ގުޅޭ، ސަކަ މިޒާޖެއްގެ މީހެކެވެ. އެކުގައި އުޅޭ ރައްޓެހީންނާއި އާއިލާގެ މީހުން ގަބޫލު ކުރާ ގޮތުގައި އާދަމް ނަސީރުބެގެ މަރަކީ ބޮޑު އިހުމާލެއްގެ ހިތާމަވެރި ނިމުމެކެވެ. މިދުނިޔެއާ ވަކިވެ ދިޔަ އިރު ގަދަ ހުމާއި ރޯގާ ޖެހި، ބޯ އަނބުރައި ހޮޑުލެވޭތީ އުޅޭތާ ގިނަ ދުވަސްތަކެއް ވެއްޖެ އެވެ. ރަނގަޅަށް ނުކައި ނުބޮވި އުޅޭތާ ވެސް ކިތަންމެ ދުވަހެއް ވެއްޖެ އެވެ.

"އާދަމް ނަސީރުބެއަށް ކުރިޔާލައި ރަނގަޅަށް ފަރުވާ ދެވުނު ނަމަ ރަނގަޅު ކުރެވުނީހޭ އަހަރެން ބުނާނީ. މަރުވެ އެ ދިޔައީ ބަލިވެ އުޅޭތާ ދެ ހަފުތާއަށްވުރެ ވެސް ގިނަ ދުވަސް ވީ ފަހުން، އެ މުއްދަތުގައި ދެ ފަހަރު އަނބުރައިގަނެގެން ވެސް ވެއްޓުނު. މިއީ އިހުމާލެއް ކަމަށް ބުނެވޭނެ ފުރުސަތު އެބަ އޮތް." ކަނޑިންމަ ރިސޯޓުގައި އާދަމް ނަސީރުބެއާ އެއް ކޮޓަރީގައި މަސައްކަތް ކުރާ މުވައްޒަފަކު "ވަން"އަށް ކިޔައިދިނެވެ.

އޭނާ ބުނީ އާދަމް ނަސީރުބެ ބަލިވެ އުޅޭކަން ރިސޯޓުގެ މެނޭޖްމެންޓަށް ނޭނގި އޮވެދާނެ ކަމަށް ގަބޫލުކުރަން ދަތި ކަމަށެވެ. އާދަމް ނަސީރުބެ މަރުވި އިރު، އޭނާގެ ހާލު ވަރަށް ވެސް ދަށް ކަމަށާއި ރަނގަޅަށް ކައިބޮއި ވެސް ނުހެދޭތާ އެތައް ދުވަހެއް ވެއްޖެ ކަމަށެވެ. ކޮވިޑުގެ ހުރިހާ އަލާމާތެއް އާދަމް ނަސީރުބެ ގައިގައި ހުންނަތާ ވެސް އޭރު ގިނަ ދުވަސްތަކެއް ވެއްޖެ ކަމަށާއި، އެ އަލާމާތްތަކުގެ ތެރޭގައި ގަދަ ހުމާއި ބޯ އެނބުރުމާއި ހޮޑު ލެވުމާއި ބޭރަށް ހިންގުމާއި ގައިގައި ރިއްސުން އަދި ރަހަ ނުލުން ވެސް ހިމެނޭ ކަމަށް އޭނާ ބުންޏެވެ. އެކަމަކު ބަލިވެ އުޅުނު މުއްދަތުގެ ތެރޭގައި ވެސް ހިތްވަރުކޮށްފައި އާދަމް ނަސީރުބެ މަސައްކަތަށް ނުކުންނަ ކަމަށާއި އެކަމަކު ބައެއް ދުވަސްދުވަހު ހުއްޓުން އަރައި ގަބު ވެފައި ހުންނަ ކަމަށެވެ. ހަމަ އެ މުއްދަތުގައި ފަރުވާއެއް ހޯދޭތޯ ރިސޯޓުން ބޭރަށް ފޮނުވައިދޭތޯ އާދަމް ނަސީރުބެ ވަރަށް ބޮޑަށް މަސައްކަތް ކުރި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް އާދަމް ނަސީރުބެއާ އެކު މަސައްކަތް ކުރާ އެ މުވައްޒަފު ބުންޏެވެ.

އެ މުވައްޒަފު ބުނީ، އާދަމް ނަސީރުބެ ބަލިވެ އުޅޭތާ އެތައް ދުވަހެއް ވީ އިރު އެކަން ރިސޯޓުގެ މެނޭޖްމެންޓަށް ނޭނގޭ ކަމަށް ދެކެވޭ ވާހަކަ ގަބޫލުކުރަން ފަސޭހަ ނޫން ކަމަށެވެ. އާދަމް ނަސީރުބެ އުޅޭ ކޮޓަރިއަކީ ރިސޯޓުގެ ގިނަ ބަޔަކު މެނޭޖްމެންޓުގެ މުވައްޒަފުންވެސް ހިމެނޭހެން އެންމެ ގިނައިން ދުފަން ވަންނަ ކޮޓަރި ކަމަށާއި އާދަމް ނަސީރުބެ ބަލިވެ އުޅުނު މުއްދަތުގައި ވެސް މެނޭޖްމެންޓުގެ މީހުން އެ ކޮޓަރިއަށް ދުފަން ވަދެ އުޅުނު ކަމަށެވެ. އޭގެ އިތުރުން ރަށު ކުލިނިކަށް ވެސް އާދަމް ނަސީރުބެ ދެއްކި ކަމަށާއި ފަރުވާއަށް މާލެއަށް ނުވަތަ އެނޫންވެސް ތާކަށް ދެވޭތޯ ރިސޯޓުގެ އެޗްއާރަށް ވެސް އެކި ދުވަސް މަތީން އާދަމް ނަސީރުބެ ދިޔަ ކަމަށް އާދަމް ނަސީރުބެ ބުނެފައިވާ ކަމަށް އެ މުވައްޒަފު ބުންޏެވެ.

"އެޗްއާރަށް ވެސް ތިން ދުވަހު ދިޔަ ވާހަކަ އާދަމް ނަސީރުބެ ބުނި، ބުނީ އަޅައެއް ނުލިއޭ، މިތާ އުޅެނީ އިންސާނުންހޭ ވެސް ބުނި. ހާލު ބޮޑުވެގެން ކުޑަހުވަދޫއަށް ގެންދިއުމުގެ ކުރީންވެސް އާދަމް ނަސީރުބެއާ ބައްދަލުވި އަދި ފެނުނު ކޮންމެ މީހަކަށް ވެސް އާދަމް ނަސީރުބެގެ ހާލު ވަރަށް ދަށް ކަން އެނގޭނެ، ވާހަކަދައްކާއިރު ވެސް ހީވަނީ ނޭވާ އަރައިފާނެހެން. އެހާ ބަލިކޮށް އުޅުނީ." އާދަމް ނަސީރުބޭގެ ރޫމް މޭޓް ކިޔައިދިނެވެ.

އޭނާ ބުނީ، ކަނޑިންމަ ރިސޯޓުގައި ކޮވިޑު ފެތުރިފައި އޮންނަތާ އެތައް ދުވަހެއް ވެއްޖެ ކަމަށް ބެލެވޭ ކަމަށާއި ހުމާއި ރޯގާ އެ ރަށު ތެރޭ ބޯކޮށް އޮންނަތާ ވެސް ދުވަސްތަކެއް ވެއްޖެ ކަމަށެވެ. އާދަމް ނަސީރުބެ އުޅުނު ކޮޓަރީގައި އުޅުނީ އެކު ޖުމުލަ ހަތަރު މީހުން ކަމަށާއި އެ ކޮޓަރީގައި އުޅުނު އެހެން މީހެއްގެ ހާލު މާ ބޮޑަށް ގޯސް ވެގެން އާދަމް ނަސީރުބެއާއި އިތުރު އެކަކު އެހެން ކޮޓަރިއަކަށް ބަދަލުވެސް ކުރި ކަމަށް އާދަމް ނަސީރުބޭގެ ރޫމް މޭޓް ބުންޏެވެ.

"ކޮޓަރީގަ އޮންނަ އެހެން މީހަކު މާ ބޮޑަށް ބަލިވެގެން އާދަމް ނަސީރުބެއާ އިތުރު އެކަކު އެ ކޮޓަރީން ނެރެ އެހެން ކޮޓަރިއަކަށް ލީ. އެގޮތަށް ވަކި ކޮށްފަ ހަފުތާއެއް ވާންދެން އެހެން ކޮޓަރިއެއްގަ ބެއިތިއްބި. އެކަމަކު އެދުވަސްވަރު ވެސް އެ ކޮޓަރީގަ ބަލިވެފަ އޮތް މީހާއަށް ބޭރަށް ނުކުތުން މަނައެއް ނޫން. އެމީހުންނަށް ބަރާބަރަށް ޑިއުޓީއަށް ވެސް ބޭރަށްވެސް ދެވޭ. އެހެން މީހުންނަށް އެ ކޮޓަރިއަށްވެސް ވަދެވޭ. އެކަހަލަ ހުރަހެއް ނެތް." އާދަމް ނަސީރުބޭގެ ރޫމް މޭޓް ބުންޏެވެ.

އޭނާ އިތުރަށް ބުނީ، ކޮޓަރި ވަކި ކޮށްފައި ތިބި މުއްދަތުގައި އެއްރޭ ދަންވަރު 1:30 އެހާ އިރު އާދަމް ނަސީރުބޭ އަނބުރައިގަނެގެން ފާހާނާ ތެރެއަށް ވެއްޓުނު ކަމަށާއި އޭރުވެސް ބަލި ހާލުގައި އުޅޭތާ ދުވަސްތަކެއް ވެފައިވާ ކަމަށެވެ. އެރޭ ވެއްޓުނު އިރުވެސް ވަރަށް ގަދަޔަށް ހުން ހުރި ކަމަށް އޭނާ ބުންޏެވެ.

އާދަމް ނަސީރުބޭގެ ފިރިހެން ދަރިފުޅު، އަހުމަދު އާދަމް ވަނީ އޭނާއަށް ފާހަގަވި ކަންކަން ވެސް "ވަން" އާ ހިއްސާކޮށްފަ އެވެ. އޭނާވެސް ގަބޫލު ކުރާ ގޮތުގައި ބައްޕަ މަރުވެ ދިއުމުގައި ރިސޯޓުގެ އިހުމާލު އެބަ އޮތެވެ. އެކަށީގެންވާ ފަރުވާ ނުލިބުމާއި ފަރުވާ ލަސް ވުމާއި މެނޭޖްމެންޓުން ބައްޕައަށް އެއްވެސް އެހީތެރިކަމެއް ނުވަތަ އަޅައިލުމެއް ލިބިފައި ނެތުމަކީ ގަބޫލުކުރަން ފަސޭހަ ވާހަކަ ތަކެއް ނޫން ކަމަށް އަހުމަދު ބުންޏެވެ.

"އާންމުކޮށް ވަރަށް ގިނައިން ބައްޕައާ ވާހަކަ ދައްކަން. މިދިޔަ މަހު 19 ހިސާބުގަ ބައްޕަ ދުފަން ފޯއް ފޮނުވަން ވެގެން ގުޅި ގަޑީގަ ރޯގާގެ ސަބަބުން ބައްޕަގެ އަޑު ބަދަލުވެފަ ހުރީމަ އެ ވާހަކަ އެހީމަ ބުނި މިތާކު ސިއްހީ ފަރުވާއެއް ނެތޭ، ޕެނެޑޯލް ކާޑެއް ފޮނުވައިދޭށޭ. ބައްޕަ އެހެން ބުނީމަ ޕެނަޑޯލް ދެކާޑާއި ސިޓްރިޒެން ދެ ކާޑު ވެސް ފޮނުވިން. އޭރުއްސުރެ ފެށިގެން ވެސް ބައްޕަ ބަލިވެ އުޅޭކަމަށް ފަހުން މި އެނގެނީ." ކަނޑިންމައިން ފުރައިގެން 10 ވަރަކަށް މިނެޓު ތެރޭ ސްޕީޑް ލޯންޗެއްގައި ދެވޭ ހިސާބުގައި އޮންނަ ދ. އަތޮޅުގެ ވެރިރަށް ކުޑަހުވަދޫގައި ވަޒީފާ އަދާކުރާ އަހުމަދު ބުންޏެވެ.

އަހުމަދު ބުނީ، ބައްޕަ މަރުވުމުގެ ކުރީން ހޭދަވި ދެ ހަފުތާއެއްހާ ދުވަސް ތެރޭ ފަރުވާއަށް ފޮނުވައިދޭތޯ ބައްޕަ ވަރަށް ބޮޑަށް މަސައްކަތް ކުރި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށާއި އެހެން ނަމަވެސް ބައްޕަ މަރުވެ ދިޔައީ އެކަމަށް އެއްވެސް އިޖާބައެއް ނުލިބި ކަމަށެވެ.

"ބައްޕަ އަމިއްލައަށް ވެސް މާލެއަށް ނޫނީ ފަރުވާއެއް ލިބޭނެ އެހެން ތާކަށް ފޮނުވައިދޭތޯ ވަރަށް މަސައްކަތް ކުރި. އެޗްއާރަށް ވެސް އެތައް ފަހަރަކު ދިޔަ ކަމަށް މައުލޫމާތު ލިބިފަ ވަނީ. ބައްޕަގެ އެޗްއޯޑީ ގާތުވެސް ބުނި ކަމަށް ވަނީ. ކޮންމެ ގޮތެއް ވިޔަސް ކޮވިޑް ތެރޭ ތަނަކަށް ދެވޭނީ މެނޭޖްމެންޓުން އެހީތެރިވެގެން. ބައްޕަ އަށް އަމިއްލައަށް ފުރައިގެން ތަންތާކަށް ނުދެވޭނެ. ރަށުން ބޭރުވެސް ވެވޭނީ އޮންނަ އުސޫލުތަކުގެ ތެރެއިން." އަހުމަދު، އަސަރާއި އެކު ކިޔައިދިނެވެ.

އޭނާ އިތުރަށް ބުނީ، މިދިޔަ މަހުގެ 28 ވަނަ ދުވަހު ބައްޕަ ގުޅި ކަމަށާއި ބައްޕައަށް އެއްވެސް އެއްޗެއް ނުކެވޭތީ ޖޫސް ޕެކެޓުކޮޅެއް ފޮނުވައިދޭން އެދުނު ކަމަށެވެ. އެ ދުވަހުގެ ފެރީން ބޮޑު ސައިޒުގެ ހަތަރު ޕެކެޓު ޖޫސް ފޮނުވި ކަމަށް ވެސް އޭނާ ބުންޏެވެ.

"ޖެހިގެން އައި ދުވަހު، އެއީ މިދިޔަ މަހުގެ 29 ވަނަ ދުވަހު މެންދުރު ބައްޕައަށް ގުޅާފަ ހާލު އެހީމަ ބުނީ، "ބަލި ވާނީ މިހާ ވަރަށޭ، އަނގައިގަ ލަނީ ހިތި ރަހައޭ، އެއްވެސް އެއްޗެއް ނުކެވެއޭ." އަހުމަދު ބުންޏެވެ.

އަހުމަދު ބުނީ، 29 ވަނަ ދުވަހު ވެސް ބައްޕަ ހޭނެތިގެން ވެއްޓުނު ކަމަށާއި އެއީ އެ ދުވަހުގެ މެންދުރުފަހު ކަމަށެވެ. މި ފަހަރު ބައްޕަ ކުލިނިކަށް ގެންދިޔައީ އެ ކޮޓަރީގައި އުޅޭ މީހުންގެ އެހީތެރިކަމާ އެކު ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށާއި އެރޭވެސް ބައްޕައާ ވާހަކަ ދެކެވުނު ކަމަށެވެ. ހާލު ތަންކޮޅެއް ރަނގަޅު ކަމަށް އެރޭ ބައްޕަ ބުނި ކަމަށް އަހުމަދު ބުންޏެވެ.

"30 ވީ، ހުކުރު ދުވަހު ހެނދުނު ގުޅާފަ ހާލު އެހީމަ ބައްޕަ ބުނި ކުޑަކޮށް ރަނގަޅޭ. އެ ދުވަހު ހަވީރު 5:54 ގަ ގުޅީމަ ބައްޕަ ކީ ނުކީ އެއްޗެއް ސާފެއްވެސް ނުވި. ތިން ހަތަރު ފަހަރު ބުނެގެން ބައްޕަ ކީ އެއްޗެއް ކިރިޔާ އެނގޭވަރުވީ، ބުނީ މިރޭ ފަހަރެއްގަ ކުޑަހުވަދޫއަށް ދާން ޖެހިދާނޭ. އޭގެ އިރުކޮޅެއް ފަހުން އިރު އޮއްސި 6:43 ގައި މުޝްތަރީގޭ ހުސޭނު (އާދަމް ނަސީރުބެގެ ރަށް ދ. މާއެނބޫދޫ އަށް ނިސްބަތްވާ މީހެއް) ގުޅާފަ ބުނީ ކުޑަހުވަދޫއަށް އެބަ ގެންދޭ. އޭރުވެސް ރިސޯޓުގެ މެނޭޖްމެންޓުން އާއިލާގެ އެއްވެސް މީހަކަށް އެއްވެސް މައުލޫމާތެއް ނާންގާ. 29 ވަނަ ދުވަހު ވެސް ހޭނެތިގެން ކުލިނިކުގަ ބާއްވައިގެން ފަރުވާދިން، އެކަންވެސް އާއިލާއަކަށް ނާންގާ،" އަހުމަދު ބުންޏެވެ.

އަހުމަދު ބުނީ ބައްޕަ ކުޑަހުވަދޫއަށް ގެނެސް ބޭލި އިރު ބަނދަރުގައި ހުރި ކަމަށާއި ލޯންޗުން ފޭބި އިރުވެސް ބައްޕަ ވަރަށް ބަލިކަން އެނގުނު ކަމަށެވެ. ކުޑަހުވަދޫއަށް ގެނައި ލޯންޗުގައި ކަނޑިންމަ ޑޮކްޓަރާއި އެސިސްޓެންޓް އެޗައާރް ޑައިރެކްޓަރު ހުރި ކަމަށް އަހުމަދު ބުންޏެވެ. ކައިރިވާން ހުއްދަ ނެތުމުން އޭނާ ހުރީ ދުރުގައި ކަމަށާއި އެތަނުން ހަވާލުވީ ކުޑަހުވަދޫ ހޮސްޕިޓަލުގެ މުވައްޒަފުން ކަމަށެވެ. އެކަމަކު އެތަނުންވެސް އާއިލާގެ މީހަކަށް ނުވަތަ އޭނާއަށް ވެސް އެއްވެސް މައުލޫމާތެއް ނުދޭ ކަމަށް އަހުމަދު ބުންޏެވެ.

އަހުމަދު ބުނީ، ބައްޕަ ކުޑަހުވަދޫއަށް ގެންދިޔަ ދުވަހުގެ ކުރީ ދުވަހު މެންދުރު ވެސް ބައްޕަ ވެއްޓިގެން ކަނޑިންމަ ރިސޯޓުގެ ކުލިނިކަށް ގެންގޮސް ފަރުވާ ދީފައިވާ އިރު، އެންމެ 10 މިނެޓުން ދެވޭހާ ކައިރީގައި، އަދި މެދުނުކެނޑި ރިސޯޓާއި ކުޑަހުވަދޫއާ ދެމެދު ދަތުރުތައް އަބަދު އޮންނަ އިރު، އޭގެ 24 ގަޑިއިރަށް ވުރެވެސް ގިނަ އިރު ފަހުން ބައްޕަ ކުޑަހުވަދޫއަށް ގެންދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

"30 ވަނަ ދުވަހުގެ ރޭ 9:30 އާ 9:40 އެހާ އިރު އެންމެ ފުރަތަމަ ކުޑަހުވަދޫ ޑޮކްޓަރު އަޅުގަނޑާ ވާހަކަދެއްކި، ބުނީ އޮކްސިޖަން ނުހިފަހައްޓާ ވާހަކަ، އެކްސްރޭއެއް ހަދަން އުޅުނު ވާހަކަ، އެކަމަކު އޮކްސިޖަން ދަށްވީމަ އެކްސްރޭއަށް ނުވެއްދުނު ވާހަކަ. ދެން އީސީޖީއެއް ހެދީ، އޭގެން ދައްކަނީ ހާޓް އެޓޭކެއް ޖެހިފަ ކަމަށް. 9:45 ބައްޕަ ނިޔާވީ." އަހުމަދު ބުންޏެވެ.

އަހުމަދު އިތުރަށް ބުނީ، މި މައްސަލައިގައި ފުރިހަމަ ތަހުގީގެއް ހިންގައިދޭން އެދި، ކުޑަހުވަދޫ ގައި ހުންނަ ފުލުސް ސްޓޭޝަންގެ އިންޗާޖަށް ގުޅުމުން އެކަމުގައި ވެސް ފުރިހަމަ އެއްބާރުލުން ނުދިން ކަމަށެވެ.

"އެންމެ ފުރަތަމަ ވިސްނައިދޭން އުޅުނީ ތިކަން ބަލައިފިއްޔާ ކުށްވެރިވާނީ އާއިލާ ކަމަށް! މި ކަމުގަ އޮތީ އާއިލާގެ އިހުމާލު ކަމަށް ވިސްނައިދޭން އުޅޭ ގޮތަކަށް ވާހަކަދެއްކީ. ދެން ފަހުން ބުނި އައިއޯ އަކާ އެކު ސީދާ ތިމަންނަ ބަޔާންތައް ނަގަން މާއެނބޫދޫއަށް ދާނަމޭ، އެކަމަކު އަންނަން ބުނި ދުވަހަކު ނާދޭ، ހަބަރެއްވެސް ނުވޭ. އޭގެ އަނެއް ދުވަހު ގުޅާފަ ބުނީ މައްސަލަ ހެލްތަށް ހުށަހަޅާށޭ." އަހުމަދު ބުންޏެވެ.

މި ވަގުތު މާލޭގައި ހުރި، އާދަމް ނަސީރުބޭގެ އަންހެނުން، ޒުނޭރާ މުހައްމަދު "ވަން"އާ ވާހަކަ ދައްކަމުން ބުނީ، ފިރިމީހާއާ އެއް ކޮޓަރިއެއްގައި އުޅޭ މާއެނބޫދޫ މުވައްޒަފެއްގެ އަންހެނުން މިދިޔަ މަހުގެ 28 ވީ ބުދަ ދުވަހުގެ ރޭ ދެނަމާދު ދޭތެރޭ (މަޣުރިބާއި އިޝާއާ ދެމެދު) ފޯނު ކޮށްފައި ފިރިމީހާގެ ހާލު ވަރަށް ދެރަ ކަމުގެ ހަބަރު ދިން ކަމަށެވެ.

"އެ ކޮޓަރީގަ އުޅޭ މީހެއްގެ އަންހެނުން ގުޅީ. އޭނައަށް މައުލޫމާތު ލިބުނީ އެ ކޮޓަރީގަ ހުންނަ އޭނަގެ ފިރިމީހާގެ ފުށުން. އަހަރެންނަށް ގުޅާފަ ބުނީ އާދަމް ނަސީރުބޭ ވަރަށް ބަލިވެފައޭ އޮތީ. ވަރަށް ހުންވެސް ގަދައޭ." ޒުނޭރާ ބުންޏެވެ.

ޒުނޭރާ ބުނީ ދޭތެރެ ދޭތެރެއިން ފިރިމީހާއާ ވާހަކަދައްކާ ކަމަށާއި ރޯގާ ޖެހިފައި ހުންނަކަން ފާހަގަވާތީ އެ ކަމާވެސް ސުވާލު ކުރާ ކަމަށެވެ.

"ފިރިމީހާއާ ސުވާލު ކުރީމަ ބުނަނީ، ކީއްހޭ ކުރާނީ މިތާކުން ފަރުވާއެއް ލިބޭކަށް ނެތޭ، ތި ހުމާއި ރޯގާ މިތާ ކިތަންމެ ވަރަކަށްވެސް އެބަ އޮތޭ. ތަނަކަށް ދެވޭކަށް ވެސް ނެތޭ. ދެން ކީއްހޭ ކުރާނީ. ފިރިމީހާ އިނީ ހަދާނެ ގޮތް ހުސްވެފަ.!" ޒުނޭރާ ބުންޏެވެ.

ޒުނޭރާ އިތުރަށް ބުނީ ކޮންމެ މީހަކުވެސް މަރުގެ ވަގުތު ޖެހުމުން ގެންދަވާނެ ކަމަށާއި އެހެން ނަމަވެސް ކޮވިޑުގެ މި ދުވަސްވަރު، އެހާ ގިނަ ދުވަހު ބަލިވެ އުޅެ، މުޅި ރަށުގައި ބަލި އޮވެ، ހޭނެތިގެން ދެ ފަހަރު ވެއްޓި ނުކައި ނުބޮއި އޮންނަން ޖެހުން ފަދަ، ހުރިހާ ކަމެއް ހިނގި އިރުވެސް ފަރުވާއެއް ނުދީ، ފަރުވާއެއް ލިބޭނެ ތަނަކަށް ފޮނުވައިވެސް ނުދީ، މަރުވަންދެން އޮންނަން ޖެހުމަކީ އިހުމާލު ނޫން ކަމެއް ކަމަށް ގަބޫލުކުރަން ފަސޭހަ ނޫން ކަމަށެވެ.

"އަހަރެން ފިރިމީހާ ކައިރީ ރޮއިފަ ބުނިން ތިތާ ބޮޑެތި މީހުން ޖަވާބެއް ނުދެންޏާ އެމީހުންގެ ނަންބަރު ދޭށޭވެސް. އެ ކޮޓަރީގައި އުޅޭ އިބްރާހީމްގެ އަންހެނުން މިދިޔަ ބުދަ ދުވަހުގެ ރޭ ގުޅާފަ ބުނި އިބްރާހީމް ވެސް އުޅެނީ ބަލިވެ އޭ. ފަރުވާއަށް މާލެއަށް އާދެވޭތޯ އެބަ ބަލައޭ. އޭނަގެ ގައިގައިވެސް ކޮވިޑުގެ ހުރިހާ އަލާމާތެއް އެބަ ހުއްޓޭ ބުނީ. ބުނީމަ އަހަރެން ބުނިން އެހެން ވިއްޔާ އާދަމް ނަސީރުބޭވެސް ލައިގެން ފޯމު ލައިދޭން. އިބްރާހީމް ގެންނަ އިރު އާދަމް ނަސީރުބެސް މާލެއަށް ގެނެވޭނެ ގޮތެއް ހަދައިދޭން ބުނިން. ރިސޯޓުން އަޅައެއް ނުލާ، ރިސޯޓުން އަހަރެމެންނަށް އެއްވެސް ހަބަރެއްވެސް ނުވޭ." ޒުނޭރާ އަސަރާ އެކު ބުންޏެވެ.

ޒުނޭރާ ބުނީ އެންމެ ފަހުން ހުކުރު ދުވަހު ހެނދުނުވެސް ފިރިމީހާއާ ވާހަކަ ދެކެވުނު ކަމަށެވެ.

"ހުކުރު ދުވަހު ހެނދުނު 09:00 އެހާ އިރު ގުޅުމުން ބުނީ "އަހަރެން ހަމަ އޮތް ކަމޭ.. ބަލިކަމުން ހާލެއް ނެތޭ. ވަރަށް ވަރުބައްޔޭ.." ޒުނޭރާ ބުންޏެވެ.

ޒުނޭރާ ބުނީ އޭގެ ފަހުން ހަމަ އެދުވަހުގެ ހެނދުނު 11:00 އެހައި އިރުވެސް ފިރިމީހާއަށް ގުޅި ކަމަށާއި އެއްވެސް އެއްޗެއް ކައިފިންތޯ އާއި ހާލު ކިހިނެއްތޯ ތަކުރާރުކޮށް ސުވާލު ކުރި ކަމަށެވެ. ހާލު ހަމަ އެކަހަލަ ގޮތެއް ކަމަށާއި ކޮޓަރީގައި މީހަކު ނެތް ކަމަށާއި ކާނެ އެއްޗެއް ނޫނީ ބޯނެ އެއްޗެއް ވެސް ނެތް ކަމަށް އާދަމް ނަސީރުބެ އެ ފަހަރު ބުނި ކަމަށް ޒުނޭރާ ބުންޏެވެ.

ކަނޑިންމަ ރިސޯޓުގެ އެޗްއާރް ޑައިރެކްޓަރު، އިބްރާހީމް އާތިފުއާ "ވަން" އިން މި މައްސަލައިގައި ސުވާލު ކުރުމުން ވިދާޅުވީ، އާދަމް ނަސީރު ބަލި ވެގެން ކުލިނިކަށް ދައްކާފައި އޮތީ 29 ވީ ބުރާސްފަތި ދުވަހު ކަމަށާއި އޭގެ ކުރީން އޭނާ ބަލިވެ އުޅޭ ކަމުގެ އެއްވެސް މައުލޫމާތެއް ލިބިފައި ނުވާ ކަމަށެވެ. ބަލިވެގެން ޑޮކްޓަރަށް ދައްކާން އެހެން ތަނަކަށް ދިއުން ފަދަ ކަމަކަށް އެޗްއާރްގައި ވެސް އެދިފައި ނެތް ކަމަށް އާތިފު ވިދާޅުވެ އެވެ.

"29 ވަނަ ދުވަހު ޑޮކްޓަރަށް ދައްކާފަ އޮތީ. އެންމެ ފަހު ވަގުތާ ހަމައަށް ވެސް ހަމަ ރަނގަޅަށް ހިނގާފަ އުޅުނު ކަމަށް އެނގިފަ ވަނީ. 29 ވަނަ ދުވަހު ދިން ބޭހުން އިމްޕްރޫވް ނުވާކަން އަޅުގަނޑަށް އެނގުނީ 30 ވަނަ ދުވަހު އެހެން މީހެއްގެ ފުށުން. ހަމަ އެވަގުތު ކޮޓަރިއަށް ޑޮކްޓަރު ފޮނުވިން. ކުޑަހުވަދޫއަށް މާލެއަށް ނުވަތަ އެހެން ތަނަކަށް ދާން ބޭނުންވެގެން ވެސް އެޗްއާރުގަ އެދިފައެއް ނެތް." އާތިފް ވިދާޅުވި އެވެ.

އާދަމް ނަސީރުބެގެ މަރުގެ ސަބަބުން، މާއެނބޫދޫ އަށް ވަނީ ފުން ހިތާމައެއް ވެރި ވެފަ އެވެ. އާދަމް ނަސީރުބެއަކީ އެންމެނާވެސް ގުޅޭ އެކުވެރި މަޖާ މީހެކެވެ. މި ކަމާ ގުޅިގެން މާއެނބޫދޫން 25 މީހެއްގެ ރެންޑަމް ސާމްޕަލް ނަގާފައިވާ އިރު، އެ ހުރިހާ ސާމްޕަލް ވެސް ވަނީ ކޮވިޑަށް ނެގެޓިވް ވެފަ އެވެ. 150 އަށްވުރެ ގިނަ މުވައްޒަފުން ވަޒީފާ އަދާކުރާ ކަނޑިންމައިން ނެގި ސާމްޕަލްތަކުގެ ތެރެއިން މިހާތަނަށް 51 މީހަކު ވަނީ ޕޮޒިޓިވް ވެފަ އެވެ. އެހެން ނަމަވެސް ވަން އަށް މައުލޫމާތު ދިން ބައެއް މުވައްޒަފުން ބުނި ގޮތުގައި އެރަށުން އިތުރު އެތައް ބަޔަކަށް ކޮވިޑް ޖެހިފައި ތިބޭނެ އެވެ. އަދި އެތައް ބަޔަކަށް ބަލި ޖެހި ރަނގަޅުވެފައިވެސް ވާނެ އެވެ. ރަށު ތެރެ "ކޮވިޑު ހާއްޔަކަށް" ވެފައި އޮންނަތާ އެތައް ދުވަހެއް ވެއްޖެ ކަމަށް ވަން އަށް މައުލޫމާތު ދިން ބައެއް މީހުން ބުނެފައި ވެއެވެ.