ދ. އަތޮޅުގައި އޮންނަ ކަނޑިންމަ ރިސޯޓުން ކޮވިޑް ޖެހިގެން، ނިޔާވި ދ. މާއެނބުދޫ ދިލްބަހާރުގޭ އާދަމް ނަސީރުގެ މަރުގެ މައްސަލައާ ބެހޭގޮތުން ވާހަކަ ދައްކާއިރު، އެ ރިސޯޓުގެ ވެރިފަރާތުގެ އިހުމާލެއް އޮންނަ ގޮތަށް އެމަންޒަރު ސިފަވާ ގޮތަށް، ސިފަ ކުރުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މިހެން ވިދާޅުވީ، ކަނޑިންމަ ރިސޯޓުން ކޮވިޑް ޖެހިގެން، ނިޔާވި ދ. މާއެނބުދޫ ދިލްބަހާރުގޭ އާދަމް ނަސީރުގެ މަރުގެ މައްސަލައަށް އިންސާފު ހޯދައިދިނުމަށް، ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލައި ދ. ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހަޅުއްވައި ބަހުސް ކުރެއްވި ކުއްލި މައްސަލައާ ގުޅިގެންނެވެ.

އެ ކުއްލި މައްސަލައަށް ބަހުސްކޮށް ނިމުމުން މަޖިލިސް ރައީސް ވިދާޅުވީ، ކުއްލި މައްސަލައިގެ ދައުރަކީ ސަރުކާރާއި އެހެން މުއައްސަސާތަކުގެ ސަމާލުކަމަށް ކަންކަން ގެނައުން ކަމަށެވެ. ކުއްލި މައްސަލައެއްގެ ތެރޭގައި ކަމެއް، ހުށަހެޅި އެކަމެއް ބެލުމަށް ކޮމިޓީއަކަށް ފޮނުވި އެކަމެއް އިތުރަށް ބެލުމެއް ނޯންނަ ކަމަށްވެސް ވިދާޅުވިއެވެ.

"އެހެންނަަމަވެސް ގަވައިދު އެބަ ޖާގަދޭ، އަޅުގަނޑުވެސް އަދި ތިޔަ އިއްޒަތްތެރި މެންބަރުންނަށް ވެސް ކޮމިޓީތަކުގައި ކަންކަން އެދުމަށް،" މަޖިިލިސް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މި މައްސަލައަށް ކުރިއަށްގެންދިޔަ ބަހުސްގައި ހުރިހާ ފަރާތްތަކަަށްވެސް ކަމާގުޅޭ އިތުރު މައުލޫމާތު ސާފުވެފައިވާ ކަމަށާއި، ކަމުގެ މުހިއްމުކަން ސާފުވެފައި ވާނެކަމަށް ފެނިވަޑައިގަންނަވާ ކަމަށެވެ.

ނަަމަވެސް އެކަމުގައި "އެ ރިޒޯޓުގެ ވެރިފަރާތުގެ އިހުމާލެއް އޮންނަ ގޮތަށް، ނުވަތަ އެ މަންޒަރު ސިފަވާގޮތަށް މި މައްސަލަ ނަގައި އަޅުގަނޑުމެން ސިފަ ކުރުމަކީ އަޅުގަނޑު ދެކޭގޮތުގައި އެންމެ ރަނގަޅު ގޮތެއް ނޫން،" ކަމަަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ކަނޑިންމަ ރެޒޯޓަކީ އެ ރެސޯޓުގެ ވެރިފަރާތަކީ އެހެން އިތުރު ކިތަންމެ ޓޫރިޒަމްގެ ވިޔަފާރިއެއް ހިންގާ ފަރާތެއް، އަޅުގަނޑަށް އެނގިފައި އޮތް ގޮތުގައި އަދި ރާއްޖޭގައި މި މަސައްކަތުގައި ޒަމާން ވަންދެން އުޅެމުން އަންނަ ބައެއް، އަޅުގަނޑެއް ނުދެކެން ރިސޯޓުތައް ހިންގާ ފަރާތްތަކުން ކަނޑައެޅިގެން ގަސްތުގައި އެ ބޭފުޅުންގެ މުވައްޒަފުންނަށް ދަތިކޮށް، ނުވަތަ ދެރަކޮށް ހެދުމަކީ އެމީހުންގެ އަމާޒެއް ކަމަކަށް،" އެެމަނިކުފާނު ވިދާޅުވިއެވެ.

މަޖިލިސް ރައީސް ވިދާޅުވީ ރިޒޯޓުތަކުގެ ވެރިން އެމީހުންގެ މުވައްޒަފުން ގޮވައިގެން ވަރަށް ރަނގަޅަށް އުޅެމުން އަންނަ ކަމަށެވެ.

މި ކުއްލި މައްސަލަ ހުށަހަޅުއްވަމުން މެންބަރު އާމިރު ވިދާޅުވީ އާދަމް ނަސީރުގެ މަރުގެ މައްސަލައިގައި ރިސޯޓުން އިހުމާލު ވި ކަމުގެ އޯޑިއޯ ހެކި ވެސް އެބަހުރި ކަމަށެވެ.