ދ. އަތޮޅުގައި އޮންނަ ކަނޑިންމަ ރިސޯޓުން ކޮވިޑް ޖެހިގެން ނިޔާވި ދ. މާއެނބުދޫ ދިލްބަހާރުގޭ އާދަމް ނަސީރުގެ މަރުގެ މައްސަލައިގައި ރިސޯޓުން އިހުމާލު ވި ކަމުގެ އޯޑިއޯ ހެކި އެބަހުރި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދ. ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ވިދާޅުވެއްޖެއެވެ.
އާދަމް ނަސީރުގެ މަރުގެ މައްސަލައަށް އިންސާފު ހޯދައިދިނުމަށް، ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ކުއްލި މައްސަލަ ހުށަހަޅުއްވައި ވާހަކަ ދައްކަވަމުން އާމިރު ވިދާޅުވީ ކަނޑިންމަ ރިސޯޓުގައި ކާޕެންޓަރަކަށް އުޅުނު އުމުރުން 60 އަހަރުގެ އާދަމް ނަސީރު ދ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް މިދިޔަ އޮކްޓޫބަރު މަހުގެ 30 ވަނަ ދުވަހު ނިޔާވުމުގައި ރިސޯޓުގެ އިހުމާލު ހިމެނޭ ކަމަށެވެ.
އެގޮތުން ބަލިވެގެން ރިސޯޓުން އެކަށީގެންވާ ފުރުވާ ނުލިބިގެން ފަރުވާ ހޯދުމަށް ރިސޯޓުން ފުރައިގެން ދިއުމުގެ ހުއްދައަކަށް އެދި އެތައް އާދޭހެއް ކުރިއިރުވެސް، ރިސޯޓުގެ މެނޭޖުމެންޓުން އިޖާބަ ނުދިނުމާއި، އިތުރަށް ފަރުވާ ކުޑަ ކުރުމުގެ ސަބަބުން އޭނާގެ ބަލި ހާލަތު އިތުރަށް ގޯސްވި ކަމަށްވެސް ވިދާޅުވިއެވެ.
މީގެ އިތުރުން ކޮވިޑް 19 އަށް ޝައްކުވާ އަލާމާތްތަކުގެ ތެރޭގައި ހިމެނޭ ކާތަކެތީގައި ރަހަ ނުލުމާއި ވަސް ނުދުވުމުގެ ވާހަކަ އޭނާ ތަކުރާރުކޮށް ބުނެފައިވާކަން އޭނާއާ އެކު ވަޒީފާގައި އުޅޭ މީހުންގެ ބަހުން އެނގެން އޮތް ކަމަށާއި ނަމަވެސް އޭނާ ކޮވިޑް 19އަށް ޓެސްޓު ކުރުމަށް އެ ރިސޯޓުގެ މެނޭޖުމެންޓުން މަސައްކަތް ކޮށްފައި ނުވާ ކަންވެސް އާމިރު ފާހަގަ ކުރެއްވިއެވެ.
އާމިރު ވިދާޅުވީ ކަނޑިންމަ ރިސޯޓަކީ ކޮވިޑް 19 އަށް ޓެސްޓް ކުރެވޭ ރިސޯޓެއް ކަމަށެވެ. އޭނާ ވިދާޅުވީ، އެކަން އެހެން އޮތް ނަމަވެސް އާދަމް ނަސީރު ކޮވިޑް 19 އަށް ފައްސިވެފައިވާކަން ދ. އަތޮޅު ހޮސްޕިޓަލުން ރިޕޯޓު ކުރީ އޭނާ ނިޔާވި ފަހުން ކަމަށެވެ.
އާމިރު ވިދާޅުވީ، އެ މައްސަލައިގައި ރިސޯޓުން އިހުމާލު ވެފައިވާ ކަމުގެ އެތައް އޯޑިއޯ ހެކިތަކެއް މަޖިލީހަށް ވެސް އިއްވައިލެވިދާނެ ކަމަށެވެ. އާމިރު ވިދާޅުވީ އެ ރިސޯޓުގެ މުވައްޒަފުން ތަފާތު އެކި ގޮތްގޮތަށް މެނޭޖްމަންޓުގެ ސަމާލުކަމަށް އެކަން ގެނައުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ.
އެގޮތުން އާދަމް ނަސީރު ބަލިވެގެން ވޭން އަޅާމުންދާތީ ބިރުވެރިކަން އިހުސާސްވެ އަޑު ރެކޯޑުކޮށްގެން، އޭނާއާ އެކީ އެއްކޮޓަރީގައި ނިދި މީހުން ރިސޯޓުގެ މެނޭޖަރަށް އޯޑިއޯ ފޮނުވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
"އޭނާއާ އެކު އެއްކޮޓަރީގައި ނިދަމުންދިޔަ މީހުން އޭނަ ވޭން އަޅަމުންދާތީވެ އެކަމުގެ ބިރުވެރިކަން އިހުސާސް ކުރެވިގެން އެ އަޑު ރެކޯޑް ކޮށްފައި މެނޭޖަަރަށް ފޮނުވުމުންވެސް އަޅައިނުލި ކަމުގެ މައުލޫމާތު އަޅުގަނޑުމެންނަށް ލިބިފައިވޭ، އެ އޯޑިއޯތައް ވެސް އަޅުގަނޑުމެންގެ އަތުގައި އެބަހުރި،" އާމިރު ވިދާޅުވިއެވެ.
އެ މައްސަލައިގައި އާދަމް ނަސީރުގެ ދޮށީ ދަރިފުޅު، ދ. އަތޮޅު ޕޮލިހަށް މައްސަލަ ރިޕޯޓު ކުރުމުން ފުރަތަމަ ވާހަކަ ދެއްކި، މީހާ އެއީ ބެލޭނެ މައްސަލައެއް ނޫން ކަމަށް ބުނެ، ފުރަތަމަ ކޮށްލީ މާޔޫސް ކަމަށާއި، ނަމަވެސް ފަހުން މެސެޖު ކޮށް، އެ މައްސަލަ ބެލޭނެ ކަމަށް ވެރިޔަކު ވިދާޅުވެއްޖެ ކަމަށާއި އިރުކޮޅަކުން ބަޔާން ނެގުމަށް ދާނެ ކަމަށް ބުނިނަމަވެސް މިހާތަނަށް ވެސް ބަޔާނެއް ނަގާފައި ނުވާ ކަމަށް ވިދާޅުވިއެވެ.
އާމިރު ވިދާޅުވީ އެ މުއާމަލާތްތަކުގެ އޯޑިއޯތައް ވެސް އެބަހުރި ކަމަށެވެ.
އެހުރިހާ ކަމެއްގައި އިހުމާލުވެފައިވާކަމުގެ ސާބިތު ހެކި ހުރުމުން އެކަމުގައި ޖިނާއީ މައްސަލައެއް ވާނަ ބަލައިދިނުމަށް ފުލުހުންގެ ކިބައިން ވެސް އެދިވަޑައިގަންނަވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް