ރާއްޖޭގެ ގައުމީ ޒުވާން ފުޓުބޯޅަ ޓީމަށް ލިބުނު ފަހި ފުރުސަތެކެވެ. ކަނޑިންމަ މޯލްޑިވްސްގައި މިވަގުތު ޗުއްޓީ ހޭދަކުރަމުން، ފުޓުބޯޅަ ކޭމްޕެއް ހިންގަމުން އަންނަ ޔޫރަޕުގެ އެންމެ މަތީ ފަންތީގައި ކުޅޭ ދެ ކުޅުންތެރިން ކަމަށްވާ އޭސީ މިލާންގެ ވައިސް ކެޕްޓަން ޑާވިޑޭ ކަލާބްރިއާ އާއި އިނގިރޭސިލީގުގެ ވުލްވްސްގެ ފޯވަޑް ޕެޓްރިކް ކުޓްރޯނޭއާއެކު ތަމްރީނުވެލަން ލިބުނު ފުރުސަތެވެ. އަގުހުރި ވަގުތުތަކެއްގެ ތެރެއިން ކުޅުންތެރިންނަށް ލިބުނީ ތަފާތު ހިތްވަރެކެވެ.
އުމުރުން 25 އަހަރުގެ ކަލާބްރިއާ އާއި ކުޓްރޭނޯވެސް ނިސްބަތްވަނީ އިޓަލީ އަށެވެ. ތަފާތު ފަންތިއެއްގައި ކުޅެ، ޒުވާން ދުވަސްވަރުން ފެށިގެން ޔޫރަޕުގެ 'އެލީޓް' ފުޓުބޯޅައިގައި ހޭދަކުރި ދެ ކުޅުންތެރިންނަކީވެސް ޒުވާން ހުނަރުވެރި ދެ ކުޅުންތެރިންނެވެ. ކަލާބްރިއާއަކީ މިހާރު އިޓަލީ ގައުމީ ޓީމަށްވެސް ބޭނުންތެރި ކުޅުންތެރިއަކަށްވީ އިރު، އޭނާ ވަނީ މިހާތަނަށް އޭސީ މިލާނަށް 149 މެޗު ކުޅެ ދީފައެވެ. ކަނާތް ފަޅިން ފަހަތަށް ކުޅޭ ކަލާބްރިއާއަކީ އިޓަލީގެ ޒުވާން ހުރިހާ ޓީމަކަށް ކަހަލަ ގޮތަކަށް ކުޅެފައިވާ ކުޅުންތެރިއެކެވެ. މިދިޔަ ސީޒަނުގައި ކަލާބްރިއާ ވަނި އޭސީ މިލާނާއެކު ލީގު އުފުލައިލައިފައެވެ.
ކުޓްރޭނޯ ގައުމީ ޓީމަށް އަދި ކުޅުނީ އެއް މެޗު ނަމަވެސް، އޭނާ މިދިޔަ ސީޒަންވެސް ލޯނެއްގައި ހޭދަކުރީ އިޓަލީގެ އެމްޕޯލީގައެވެ. ޔޫތު ކެރިއަރު އޭސީ މިލާންގައި ކުޓްރޭނޯ ހޭދަކުރި އިރު، އޭނާ ވަނީ މިލާނަށްވެސް ގިނަ މެޗުތަކެއް ކުޅެދީފައެވެ. 2019 ވަނަ އަހަރު ވުލްވްސްއަށް ބަދަލުވެ އުމުރުން 24 އަހަރުގެ ކުޓްރޯނޭ މިދިޔަ ދެ ސީޒަން ހޭދަކުރީ ލޯންތަކުގައެވެ.
އެންމެ މަތީ ފަންތީގެ މަޝްހޫރުކަން ލިބިފައި ނުވާ ޒުވާން ދެ ކުޅުންތެރިން ނަމަވެސް، އެ ކުޅުންތެރިން އެލީޓް ފުޓުބޯޅައިގައި ހޭދަކުރި ދަތުރަކީ ފުޓުބޯޅައިގެ ކުރިމަގަކަށް ވިސްނާ ކޮންމެ ކުއްޖަކަށްވެސް ނަމޫނާއަކަށް ބެލިދާނެ ދަތުރެކެވެ. ކަނޑިންމައިން އެ ދެކުޅުންތެރިންނާއެކު ފަރިތަކުރުމަށް ގައުމީ 19 އަހަރުން ދަށުގެ ޓީމަށް ދިން ފުރުސަތަކީ 'މޯޓިވޭޝަނަށް" ދިން ފުރުސަތެކެވެ.
"ދެކުޅުންތެރިންވެސް ޓީމުގެ ތަމްރީނުތަކުގައި ބައިވެރިވުމަކީ ވަރަށް ބޮޑު ކުރިއެރުމެއް. ޓީމުގެ ކުޅުންތެރިންނަށް ވަރަށް ބޮޑު މޯޓިވޭޝަނެއް އެ ލިބުނީ އެ ލެވެލްގެ ދެ ކުޅުންތެރިންނާއެކު ފަރިތަކުރުމަކީ. ހާއްސަކޮށް އެ ކުޅުންތެރިންގެ ކެރިއަރުގެ ތަޖުރިބާތައް ހިއްސާ ކުރުން ވެގެން ދިޔައީ ވަރަށް ބޮޑަށް ކުޅުންތެރިން ޝައުގުވެރިވި ކަމަކަށް،" ގައުމީ 19 އަހަރުން ދަށުގެ ޓީމުގެ ކޯޗު، އަހުމަދު ޝާކިރު (ޝާކިއްޓޭ) "ވަން" އަށް ބުންޏެވެ.
ރާއްޖޭގެ ގައުމީ ޓީމުގެ ކުރީގެ އެސިސްޓެންޓް ކޯޗު ޝާކިއްޓޭގެ ނަޒަރުގައި "ޕްރޮފެޝަނަލް ފުޓުބޯޅައަށް" ވަންނަން ބޭނުންވާ ކުއްޖެއް ނަމަ، ކުރަންވީ ކަންތަކާ ކުރަން ނުޖެހޭނެ ކަންކަން ޕްރޮފެޝަނަލް އެންމެ މަތީ ލެވެލްއެއްގެ ކުޅުންތެރިއެއްގެ ފަރާތުން ޓީމަށް ކިޔައިދެވުމަކީ ލިބުނު ބޮޑު މޯޓިވޭޝަނެއް ކަމަށެވެ.
"އެ ދެކުޅުންތެރިން ދިން ނަސޭހަތްތައްވެސްކުޅުންތެރިން ވަރަށް ބޮޑަށް ބަލައިގަތް. ޕްރެކްޓިސް ފެށުމުގެ ކުރިން އެ ކުޅުންތެރިން ގައުމީ 19 އަހަރުން ދަށުގެ ޓީމަށް ވަރަށް މުހިއްމު ނަސޭހަތްތަކެއް ދިން. ހަގީގަތުގައި މިފަދަ ކަމަކަށް ކަނޑިއްމަ ރިސޯޓުން ދިން ފުރުސަތު ވަރަށް ބޮޑަށް ފާހަގަކުރަން. އަދި ހަމައެއާއެކު ފުރުސަތު ތަނަވަސްކޮށްދޭން އެފްއޭއެމުން ކުރި މަސައްކަތްވެސް ފާހަގަކުރަން،" ކޯޗު ޝާކިއްޓެ ބުންޏެވެ.
ގައުމީ 19 އަހަރުން ދަށުގެ ޓީމުން މިހާރު ތައްޔާރުވަމުން އަންނަނީ އަންނަ މަހު 25 ގައި އިންޑިއާގައި ބާއްވަން ހަމަޖައްސާފައިވާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕަށާއި، އަންނަ އަހަރު އުޒްބެކިސްތާނުގައި ބާއްވަން ނިންމާފައިވާ 20 އަހަރުން ދަށުގެ އޭޝިއަން ކަޕުގެ ކޮލިފިކޭޝަން މެޗުތަކަށެވެ. ޓީމުގެ ފަރިތަކުރުންތަކަށް ކޯޗިން ޓީމުން ބުރަކޮށް މަސައްކަތް ކުރަމުންދާ އިރު، އިއްޔެގެ ތަޖުރިބާއަކީ ލިބުނު ބޮޑު މޯޓިވޭޝަނެކެވެ.
ކަނޑިންމަ މޯލްޑިވްސް
ކަނޑިންމަ މޯލްޑިވްސް
ކަނޑިންމަ މޯލްޑިވްސް
ކަނޑިންމަ މޯލްޑިވްސް