ކޮވިޑްގެ ހާލަތާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު ރައީސްގެ އިތުރުން ބައެއް މިނިވަން މުއައްސަސާތަކުގެ ވެރިންގެ މުސާރަތައް ރައްޔިތުންގެ މަޖިލީހުން ކުޑަކުރި މައްސަލަ ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމަށް އެ ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީގެ ހުށަހެޅުމާ އެއްގޮތަށް، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މުރާޖައާ ކުރުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ ނައިބާއި، ވަޒީރުންގެ އިތުރުން މަޖިލިސް މެންބަރުންނާއި މިނިވަން މުއައްސަސާތަކުގެ ވެރިންނާއި ފަނޑިޔާރުންނާއި، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅަން ޖެހޭ މުސާރަތައް ތިން މަހުގެ މުއްދަތަށް ކުޑަކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މެއިމަހުގެ ތެރޭގަ އެވެ.
އެކަމާ ގުޅިގެން ދުސްތޫރީ މައްސަލައެއްގެ ގޮތުގައި، ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމް ސުޕްރީމްކޯޓަށް ހުށަހެޅުއްވި މައްސަލައިގައި ވަނީ، ރައީސާއި ނައިބު ރައީސްގެ މުސާރަ ގާނޫނެއްގައި ސާފުކޮށް ބަޔާން ކޮށްފައި ވަނީ ބޭނުން ކޮންމެ ވަގުތަކު، އެ ދެ ބޭފުޅުންގެ މުސާރަތައް ކުޑަ ނުކުރެވޭ ގޮތަށް ހެދުމުގެ ބޭނުމުގައި ކަމަށެވެ. އަދި އެ މުސާރަ އާއި އިނާޔަތްތައް ހަމައެކަނި ގާނޫނެއްގައި ބަޔާން ކޮށްފައި ވަނީ ވެސް އެ ސަބަބަށްޓަކައި ކަމަށާއި އެހެން ވެ، އެ ގާނޫނު އިސްލާހު ކުރުމެއް ނެތި މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކުރި ރިޕޯޓަކަށް ބިނާކޮށް ރައީސާއި ނައިބު ރައީސްގެ މުސާރަ މަޖިލީހުން ކުޑަކުރީ ގާނޫނާ ހިލާފަށް ކަމަށް މައްސަލައިގައި ބުނެފައިވެއެވެ.
މީގެ އިތުރުން، މިނިވަން މުއައްސަސާތަކުގެ ތެރެއިން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާއި ހިއުމަން ރައިޓްސް ކޮމިޝަންގެ އިތުރުން ޕްރޮސެކިއުޓާ ޖެނެރަލާއި އިންފޮމޭޝަން ކޮމިޝަނަރުގެ މުސާރަ އާއި އިނާޔަތްތައް އެ މަގާމުގައި ތިއްބަވާ ބޭފުޅުންގެ މަގާމުގެ މުއްދަތުގައި އުނި ނުކުރެވޭނެ ކަމަށް އެ މަގާމުތަކާ ގުޅޭ ގާނޫނުތަކުގައި ބަޔާން ކޮށްފައިވާ ކަމަށް ވެސް ހަލީމު ހުށަހެޅުއްވި މައްސަލައިގައިވެ އެވެ.
އެ މައްސަލައިގައި ބުނެފައި ވަނީ، ގާނޫނެއްގައި ވަކި ގޮތަކަށް ކަމެއް ބަޔާން ކުރުމުން އެއީ ބަރީއަވުމެއް ނެތް އިލްތިޒާމެއް ކަމަށް ބަލަން ޖެހޭ ކަމަށް، މާނަކުރުމުގެ ހަމަތައް ބަޔާން ކުރުމުގެ ގާނޫނުގައި ބަޔާން ކޮޮށްފައިވާތީ އެ މަގާމުތަކުގެ މުސާރަތައް ކުޑަކުރީ ގާނޫނާއި ހިލާފަށް ކަމަށް ކަމޑައަޅައި ދިނުމަށެވެ.
މި މައްްސަލަ ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗުއް ބެއްލެވުމަށްފަހު، ހުކުމް އިއްވެވީ، އުއްތަމަ ފަނޑިޔާރު އަހުމަދު މުހުތަސިމް އަދުނާނެވެ.
މިމައްސަލައިގައި، އުއްތަމަ ފަނޑިޔާރުގެ ރައުޔަށް ދެން ތިއްބެވި ހުރިހާ ފަނޑިޔާރުން ވަނީ ތާއީދު ކުރައްވައިފައެވެ.
ހުކުމް ކުރައްވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ، މި މައްސަލައަކީ "ދިވެހި ރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ 11 ވަނަ މާއްދާއިން ސުޕްރީމްކޯޓަށް ލިބިފައިވާ އަސްލީ އިހްތިސޯސްގެ ދަށުން ބެލޭނެ މައްސަލައެއް ނޫންކަން މި މައްސަލަ ބެއްލެވި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅައި ހުކުމްކޮށްފިން،" ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މުސާރަ އާއި އިނާޔަތްތައް ކަނޑައެޅުމުގެ ގާނޫނު ބުނާގޮތުން ރައީސްގެ މުސާރައަކީ މަހަކު 100،000ރުފިޔާ އެވެ. ނައިބު ރަައީސްގެ މުސާރައަކީ މަހަކު 75،000 ރުފިޔާ އެވެ. އެކަމަކު އެ ގާނޫނު އިސްލާހު ކުރުމެއް ނެތި ތިން މަސް ދުވަހުގެ މުސާރަ މަޖިލީހުން ކަނޑައަޅާފައި ވަނީ ރައީސްގެ މުސާރަ 65،000 ރުފިޔާއަށް، ނައިބު ރައީސްގެ މުސާރަ 48،000 ރުފިޔާއަށް ކުޑަކޮށްފައެވެ.
ސުޕްރީމް ކޯޓް