ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ގެނައުމަށް ހެލްތު މިނިސްޓްރީން ކުރިއަށްގެންދިޔަ މަސައްކަތްތަކުގައި، އެކަމަށް ހަރަދުކުރި 30.9 މިލިޔަނަކަށްވުރެ ގިނަ ފައިސާ ވަގަށް ނަގާފައިވާ ކަމަށާއި، އެކަމުގައި ދައުވާ ނުކުރަން ދައްކަން ޖެހޭ ބަހަނާއެއް އޮތްކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ވެންޓިލޭޓަރުގެ މައްސަލަ ތަހުގީގުކޮށް އޭސީސީން ނެރުނު ރިޕޯޓުގައި ހިމެނޭ ފަރާތްތަކަށް ދައުވާ ކުރުމުގެ މައްސަލަ އަލުން މުރާޖައާކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ފާސްކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން މިއަދު ކުރިއަށްގެންދާ ބަހުސްގެ ތެރެއިން، މެންބަރުންނާ މުހާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މަޖިލިސް ރައީސް ވިދާޅުވީ އަމާޒަކީ ތިރީސް މިލިޔަން ނުވަލައްކަ އެގާރަ ހާސް ފަސްދޮޅަސް ތިން މިލިޔަން ރުފިޔާ ދިވެހި ދައުލަތަށް ހޯދައިދިނުން،" ކަމަށެވެ. އެ ފައިސާ ވަނީ ވަގަށް ނަގާފައި ކަމަށާއި އެކަމުގައި އޭސީސީން އޮތީ ދައްކަންވީ ހުރިހާ ވާހަކައެއް ދައްކާފައި ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ނަަމަވެސް އެ މައްސަލައިގައި ޕީޖީއަށް ދައުވާ ކުރަން ފެނިވަޑައި ނުގަތް ސަަބަބު ދެނެވޮޑިގަންނަވާނީ މާތް ރަސްކަލާނގެ ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.

"އެ ފައިސާ ވަނީ ވަގަށް ނަގައިފަ، ޕްރޮސިކިއުޓާ ޖެނެރަލްއަށް ވެސް އެކަން އެނގިވަޑައިގަންނަވާ. މާތް ރަސްކަލާނަގެ ދެނެވޮޑިގެންވާނީ އެބޭފުޅާއަށް މި ދައުވާ ކުރަން ފެނިވަޑައި ނުގަތް ސަަބަބު، އަދި އޭސީސީ އެ އޮތީ ދައްކަންވީ ހުރިހާ ވާހަކައެއް ދައްކައި ނިމިފައި އަޅުގަނޑަކަށް ނުވިސްނޭ މިކަމުގައި ދެން އަޅުގަނޑުމެން އިތުރު ބަހަނާ ދައްކަމުން މި ހިނގާ އެއްވެސް ސަބަބެއް،" މަޖިލިސް ރައީސް ވިދާޅުވިއެވެ.