ދ. އަތޮޅުގައި އޮންނަ ކަނޑިންމަ ރިސޯޓުން 17 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ދާދި ދެންމެއަކި ބުނީ، ކަނޑިންމަ ރިސޯޓުން ނެގި 20 ސާމްޕަލްގެ ތެރެއިން 17 ސާމްޕަލެއް ޕޮޒިޓިވް ވެފައިވާ ކަމަށާއި އެރިސޯޓްގައި ތިބި ޕޮޒިޓިވް މީހުންގެ ތެރެއިން ހައިރިސްކް މީހުން ފެސިލިޓީ އަކަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ކޮންޓެކްޓް ޓްރޭސިން އާއި އިތުރު ސާމްޕަލް ނެގުމުގައި ދ.އަތޮޅު ހޮސްޕިޓަލްގެ ޓީމެއް އެ ރިސޯޓުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް ވެސް އެޗްއީއޯސީން މައުލޫމާތު ދެއެވެ.

ކޮވިޑު ޖެހިގެން ރާއްޖެއިން 38 ވަނަ މީހަކު މަރުވެފައިވާ އިރު، އެމީހާ އަކީ ކަނޑިންމަ ރިސޯޓުގައި ހުއްޓައި ބަލިވެގެން ދ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ މީހެއް ކަމަށާއި އޭނާ ކޮވިޑަށް ޕޮޒިޓިވްކަން އެނގުނީ ސާމްޕަލް މާލެ ގެނެސް ޓެސްޓު ކުރުމުން ކަމަށް އެޗްއީއޯސީން ވަނީ ބުނެފަ އެވެ.

އެޗްއީއޯސީން ބުނީ އެ ރިސޯޓުގައި ތިބި ފަތުރުވެރިންގެ ތެރެއިން ފުރަން ވެފައި ތިބި ފަތުރުވެރިންނަށް ފުރައިގެން ދެވޭނީ ކޮންޓެކްޓަކަށް ނުވާނަމަ ޕީސީއާރް ޓެސްޓް ހެދުމަށްފަހު ނެގެޓިވް ވުމުން ކަމަށެވެ.

އިއްޔެ ހަވީރުން ފެށިގެން ކަނޑިންމަ ރިސޯޓަށް މީހުން އަރައި ފޭބުން މަނާކޮށްފައިވާ ކަމަށް ވެސް އެޗްއީއޯސީން މައުލޫމާތު ދެއެވެ.