ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެންނަން ފެންނަ އިސްލާހުތަކާ މެދު ސިޔާސީ ޕާޓީތަކާއެކު ކުރެވުނު މަޝްވަރާތަކަށްފަހު، އެ ގާނޫނަށް ގެންނަން ފެންނަ އިސްލާހުތަކުގެ ޑްރާފްޓް އިލެކްޝަން ކޮމިޝަން (އީސީ) އިން އެޓާނީ ޖެނެރަލް (އޭޖީ) އޮފީހަށް ހުށަހަޅައިފި އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެންނަން ފެންނަ އިސްލާހުތަކުގެ ޑްރާފްޓް އޭޖީއަށް ފޮނުވީ އިއްޔެ އެވެ. އަދި އެ ގާނޫނަށް ފެންނަ އިސްލާހުތަކާ ގުޅޭގޮތުން މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ސިޔާސީ ޕާޓީތަކާއެކު އީސީން ވަނީ މަޝްވަރާ ބައްދަލުވުންތަކެއް ބާއްވައިފަ އެވެ.

އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވީ، އޭޖީއަށް ހުށަހެޅި އިސްލާހުތަކުގެ ޑްރާފްޓުގައި ސިޔާސީ ޕާޓީތަކުގެ މަޝްވަރާގެ މަތިން ގިނަ އިސްލާހުތަކެއް ހިމަނާފައިވާނެ ކަމަށެވެ.

އެގޮތުން ޕާޓީ ސަސްޕެންޑް ކުރުމުގެ މާއްދާ އުނިކޮށްފައިވާނެ ކަމަށާއި އަދި ޕާޓީއެއް އުވާލެވޭނީ ހަމައެކަނި ކޯޓަށް ހުށަހަޅައިގެން ކަމަށް ބަޔާން ކޮށްފައިވާނެ ކަމަށް ޝަރީފު ވިދާޅުވި އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި މިހާރު އޮންނަނީ ޖޫރިމަނާ ކުރުމަށްފަހު ޕާޓީ އުވާލެވޭގޮތަށެވެ. ނަމަވެސް އީސީން ފުރަތަމަ އެކުލަވާލި ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ޑްރާފްޓުގައި ހިމަނާފައިވަނީ އިންޒާރު ދިނުމާއި ޖޫރިމަނާ ކުރުމަށްފަހު ސަސްޕެންޑް ކުރުމަށެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެންނަން ފެންނަ އިސްލާހުތަކުގެ ޑްރާފްޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނީ އޭޖީ އޮފީހުން އެއާ މެދު ގޮތްތަކެއް ނިންމުމަށްފަހުގަ އެވެ.