އިދިކޮޅު ޕީޕީއެމް/ ޕީއެންސީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އިތުބާރު ނެތް ކަމުގެ މައްސަލައާ ގުޅިގެން ގާނޫނުއަސާސީން ފޮނުވަންޖެހޭ 14 ދުވަހުގެ ނޯޓިސް މިއަދު މިނިސްޓަރު އިމްރާނަށް ފޮނުއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން މަޖިލިސް ރައީސް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ 10 މެންބަރުންގެ ސޮޔާއެކު ހޯމް މިނިސްޓަރު އިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވާ ކަމަށެވެ.

އެހެންކަމުން "ގާނޫނުއަސާސީގެ 101 ވަނަ މާއްދާގެ (ށ) އަދި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 207 ވަނަ މާއްދާގެ (ށ)ގެ ދަށުން މި މައްސަލައިގެ ބަހުސް ފެށުމުގެ 14 ދުވަސް ކުރިން ދޭންޖެހޭ ނޯޓިސް މިއަދު ފޮނުވާނެ ކަމަށާއި އަދި އެ ނޯޓިސްގެ މުއްދަތު ހަމަވުމުން އެ މައްސަލަ މަޖިލީހުގައި އެޖެންޑާ ކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، 10 މެންބަރުން ސޮއިކޮށް މިނިސްޓަރެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމުން އެޖެންޑާ ހިންގާނެ ކަމަށާއި އެ މައްސަލަ ކުރިއަށް ގެންދަން ޖެހޭނެ ކަމަށެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިނިސްޓަރު އިމްރާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ އިއްޔެ އެވެ. މި މައްސަލަ މަޖިލީހަށް ވެއްދުމަށްފަހު، ޕީޕިއެމްގެ ނާއިބު ރައީސް އަދި ނައިފަރު ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ އިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުއްވީ، ގާނޫނުއަސާސީގެ 98 ވަނަ މާއްދާ އާއި 32 ވަނަ މާއްދާއާ ހިލާފުވެވަޑައިގެންފައިވާތީ ކަމަށެވެ.