Close
ޖިންސީ ފުރައްސާރަކުރުން

ކެންޔާ މީހާ މަރާލާނެ ކަމުގެ ބިރުދައްކައި ޖިންސީ ގުނަވަނުގައި ހިފައި، ގަދަކަމުން ކޮޓަރިއަށް ވައްދަން އުޅުނު: ވަކީލުން

ހުޅުމާލޭ ފަޅުތެރޭގައި އޮތް ސަފާރީ ތެރޭގައި ޖިންސީ ގޯނާކުރި ކަމަށް ބުނާ ކެންޔާ އަންހެން މީހާ މަރާލާނެ ކަމުގެ އިންޒާރުދީ ސަފާރީއެއްގެ ކޮޓަރިއަކަށް ގަދަކަމުން ވައްދަން އުޅުނު ކަމަށް އެ އަންހެން މީހާގެ ވަކީލުން ވިދާޅުވެއްޖެ އެވެ.

ހުޅުމާލޭ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ޕޯލިން ޑުޓާ ގެޝޮރޯ ނަމަކަށް ކިޔާ ކެންޔާ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލައެއް ފެންމަތިވީ މިދިޔަ ޖޫން މަހުގެ ތެރޭގަ އެވެ. އެ އަންހެންމީހާއާ ބެހެން އުޅުމުން ސަފާރީން މޫދަށް ފުންމާލި ކަމަށާއި އޭނާ މޫދުން ނަގައިގެން ހުޅުމާލެ ޖެޓީއާ ހަމައަށް ގެންދިޔައީ އަންހެން މީހާއަށް ޖިންސީ ގޯނާކުރަން އުޅުނު ކަމަށް ބުނާ ދެ މީހުން ކަމަށް އަޑުތައް ފެތުރިފައި ވެއެވެ.

ނަމަވެސް އެ ހާދިސާގެ ތަފްސީލެއް އެއްވެސް ފަރާތަކުން މާބޮޑަކަށް ކިޔައިދީފައެއް ނުވެ އެވެ. އެ މައްސަލައާ ގުޅުން މިދިޔަ ޖުލައި މަހު ފުލުހުން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ޑެޕިއުޓީ ކޮމިޝަނަރު އަބްދުލް މަންނާނު ޔޫސުފް ވިދާޅުވީ ސަފާރީ ކޭސްގެ ވިކްޓިމް ފުލުހުންގެ ތަހުގީގަށް ދީފައިވާ ބަޔާނަށް ބަލާއިރު، ސަފާރީގައި ޖިންސީ ގޯނާއަށް ވުރެ ބޮޑުކަމެއް ހިނގިކަމަށް ބެލެވޭ ކަމަށެވެ. އެހެން ނަމަވެސް އެއީ ކޮން ކަމެއްކަމެއް މިއަދާ ހަމަޔަށްވެސް ފުލުހުން އާންމުކޮށްފައެއް ނުވެއެވެ.

ނަމަވެސް ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްްރާމްގައި އާންމުންގެ ފަރާތުން އަމާޒުވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އިމްރާން އަބްދުﷲ ރޭ ވަނީ، ސަފާރީގައި ހިނގީ ކުޑަ ކަމެއް ކަމަށާއި އެއީ ރޭޕެއް ނޫން ކަމަށެވެ.

މިިނިސްޓަރު އިމްރާންގެ އެ ވާހަކަތައް ކުށްވެރިކޮށް ކެންޔާ އަންހެން މީހާގެ ދެ ވަކީލުން ކަމަށް ވާ ނޫރުބާން ފަހުމީ އަދި ހައްވާ ޝަފީއާ ރިޒާގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް މިއަދު ފޮނުއްވި ސިޓީއެއްގައި ބުނީ، ސަފާރީ ކޭހުގެ ތަހުގީގަށް މުވައްކިލު ދީފައިވާ ބަޔާންތަކުގައި ވެސް، އެފަރާތް މަރާލާނެ ކަމަށް ބުނެ ބިރުދައްކައި ސަފާރީގައި ހުރި ކޮޓަރިއަކަށް ގަދަކަމުން ގެންދިއުމަށް މަސައްކަތްކޮށްފައިވާކަން ހާމަވާން އެބަ އޮތް ކަމަށެވެ.

"މި މައްސަލައިގެ ތަހުގީގަށް މި ފާމުގެ މުވައްކިލު މިހާތަނަށް ދީފައިވާ ބަޔާންތަކުގައި ވެސް، އެފަރާތް މަރާލާނެ ކަމަށް ބިރުދައްކައި، އެފަރާތުގެ ޖިންސީ ގުނަވަނުގައި ދަމައި ހިފައިގަނެ، އެފަރާތަށް ޖިންސީ އަނިޔާކުރި ފަރާތުގެ ޖިންސީ ގުނަވަނުގައި ހިފުމަށް އަންގައި، ސަފާރީގައި ހުރި ކޮޓަރިއަކަށް ގަދަކަމުން ގެންދިއުމަށް މަސައްކަތްކޮށްފައިވާކަން ހާމަވާން އޮތް އިރު، މި ހާދިސާއަކީ، "އާންމު ޕަބްލިކް ތަނެއްގައި ވެސް ހުރެފައިވެސް ބަޔެއްގެ ތެރޭގައި ހުރެފައި ވެސް މީހަކަށް ކޮށްލެވިދާނެ ވަރުގެ ކަމެއް" ކަމާއި "އަދި ކުރީމަ ކަމެއް ކުރިކަން ވެސް ނެނގޭ ވަރުގެ ކަމެއް ހިނގާފައި އޮތީ" ކަމަށް މި މައްސަލަ ތަހުގީގުކުރާ އިދާރާއާ ހަވާލުވެ ހުންނެވި ވަޒީރު ވިދާޅުވުމުން، ހަމަ ގައިމުވެސް މިނިސްޓަރ އޮފް ހޯމް އެފެއާޒް ޝެއިހް އިމްރާން އަބްދުﷲ މިހެން ވިދާޅުވެފައި އެވަނީ، މި މައްސަލައިގެ ތަހުގީގަށް ޖިންސީ އަނިޔާ ލިބުނު ފަރާތުން ދިން މައުލޫމާތެއްގެ މައްޗަށް ބިނާކޮށް ނޫންކަން ފާހަގަކުރަމެވެ،" ވަކީލުންގެ ބަޔާނުގައި ވިދާޅުވި އެވެ.

ވަކީލުން ވިދާޅުވީ، މި މައްސަލައިގެ ތަހުގީގު ފުރިހަމަވެފައިނުވާ ދަނޑިވަޅެއްގައި، ޖިންސީ އަނިޔާގެ އެފަދަ ބޮޑު އަމަލެއް ހިމެނޭ މައްސަލައެއް އެއީ ކުޑަކަމެއްގެ ގޮތުގައި ވިދާޅުވެ އާންމުންނަށް ހަގީގަތް އޮޅޭ ގޮތަށް އަދި އެ މައްސަލައިގައި ތުހުމަތުކުރެވޭ މީހުންނަށް ކުށުގެ ޒިންމާއިން ބަރީއަވާ ގޮތަށް މިނިސްޓަރު އިމްރާން ވާހަކަދައްކަވާފައިވާތީ، މިނިސްޓަރުގެ ގާބިލުކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ.

އޭގެ އިތުރުން އެ މައްސަލަ ތަހުގީގުކުރާ އިދާރާއާ ހަވާލުވެ ހުންނެވި ވަޒީރު އެފަދައިން ވާހަކަދައްކަވާފައިވާތީ، އިންސާފުވެރިކަމާއި އަަދުލުވެރިކަމާއެކު އެ މައްސަލަ ތަހުގީގު ކުރެވޭނޭކަމުގެ އެއްވެސް ޔަގީންކަމެއް ނެތް ކަމަށް ވެސް ވަކީލުން ވިދާޅުވި އެވެ.

އެހެންކަމުން މިނިސްޓަރު އިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލަ ބަލައި، ގާނޫނުއަސާސީން ރައްޔިތުންގެ މަޖިލީހަށް ލިބިދޭ ބާރުތަކުގެ ދަށުން އެ މައްސަލައާ ގުޅިގެން މިނިސްޓަރަށް ފިޔަވަޅު އަޅައި ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ވަކީލުން ފޮނުއްވި ސިޓީގައި ވިދާޅުވެފައިވެ އެވެ.