ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ކްރިޕްޓޯކަރަންސީ ބޭނުންކޮށްގެން ގަނެ ވިއްކާކަމުގެ ތުހުމަތުގައި ހައްޔަރުކުރި ތ. ވިލުފުށީ މޫނިމާގެ، އާދަމް އަދްލާން ލަތީފް (22އ) ހެކި ނެތިގެން ކުރިމިނަލް ކޯޓުން މިއަދު ދޫކޮށްލައިފިއެވެ.

ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މި މައްސަލާގައި އަދްލާން ހައްޔަރުކުރީ މިދިޔަ މަހުގެ ފަސްވަނަ ދުވަހުއެވެ. ފުލުހުން ތުހުމަތުކޮށްފައިވާ ގޮތުގައި އޭނާ ވަނީ "ބައިނޭންސް" އެކްސްޗޭންޖްގެ ވޮލެޓެއް ބޭނުންކޮށްގެން ކުޑަކުދިންގެ ބަރަހަނާ މަންޒަރުތައް ހިމެނޭ ފޮޓޯއާއި ވީޑިއޯގެ ވިޔަފާރިކޮށްފައެވެ.

މި މައްސަލާގައި އޭނާ ބަންދުން ދޫކޮށްލުމަށް ކޯޓުން ކުރި އަމުރުގައި ބުނީ އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކަށް ބާރުދޭނެ އެކަށީގެންވާ ހެއްކާއި ގަރީނާ ފުލުހުންނަށް ހުށަހެޅިފައި ނުވާ ކަމަށެވެ. މީގެ އިތުރުން، އިންޓަޕޮލްގެ ފަރާތުން ލިބިފައިވާ ކަމަށް ބުނާ މައުލޫމާތުތައް ހިމެނޭ ރަސްމީ ލިޔުމެއް ޝަރީއަތަށް ހުށަހަޅާފައި ނުވާކަންވެސް ކޯޓުން ފާހަގަކުރިއެވެ.

އަދި މި މައްސަލާގައި ބަޔާން ދިން އެއްވެސް ފަރާތަކުން އޭނާއާ ދެކޮޅަށް އެއްވެސް ވާހަކައެއް ބުނެފައި ނުވާ ކަމަށްވެސް ކޯޓު އަމުރުގައިވެއެވެ.

ފުލުހުން މީގެ ކުރިން ބުނެފައިވަނީ، އަދްލާންގެ އަތުން ފެނުނު އިލެކްޓްރޯނިކް ސާމާނުތައް ތަހުލީލު ކުރިއިރު، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރު ފެންނަ ގިނަ އަދަދެއްގެ ވީޑިއޯ އާއި ފޮޓޯ ފެނިފައިވާ ކަމަށެވެ. އަދި ކްރިޕްޓޯ އެކައުންޓް މެދުވެރިކޮށް މިކަމުގެ މުއާމަލާތްތައް ހިންގާފައިވާ ކަމަށްވެސް ފުލުހުން ކުރިން ބުނެފައިވެއެވެ.

ކުރިމިނަލް ކޯޓުން އަދްލާން ދޫކޮށްލާފައިވަނީ ވަކި ޝަރުތުތަކެއްގެ މަތިންނެވެ. އޭގެ ތެރޭގައި އޭނާގެ ޕާސްޕޯޓު ހިފެހެއްޓުމާއި، ކޯޓުގެ ހުއްދަނެތި ރަށުން ބޭރަށް ދިއުން މަނާކުރުން ހިމެނެއެވެ.