ވަޒީފާގެ މާހައުލުން ދިމާވާ ޖިންސީ ފުރައްސާރަ އާއި ޖިންސީ ގޯނާ ހުއްޓުވުން ހަރުދަނާކުރުމަށްޓަކައި، ޖިންސީ ފުރައްސާރަ ކުރުމާއި، ގޯނާކުރުން ހުއްޓުވުމުގެ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން ބިލެއް މަޖިލީހަށް ފޮނުވައިފިއެވެ.
މި ބިލުގެ ބޭނުމެއްކަމަށް ބިލުގައި ބުނެފައިވަނީ، ގާނޫނުގެ ދަށުން ވަޒީފާ އަދާކުރާ ތަންތަނުގައި ޖިންސީ ފުރައްސާރަ ކުރުމާއި، ގޯނާކުރުން ހުއްޓުވުމަށްޓަކައި އަޅާން ޖެހޭ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރުން ކަމަށެވެ.
އެ ގޮތުން ވަޒީފާދޭ ފަރާތްތަކުން އުފައްދާން ޖެހޭ ޖިންސީ ފުރައްސާރަ ކުރުމާއި ގޯނާ ކުރުން ހުއްޓުވާ ކޮމިޓީތަކުން އަދާކުރާން ޖެހޭ މަސްއޫލިއްޔަތުތައް ގާނޫނުގައި އިތުރަށް ތަފްސީލުކޮށް، އެ ފަދަ އަމަލުތަކުގެ ޝިކާރައަކަށްވާ ފަރާތްތަކުގެ ހައްގުތައް ރައްކާތެރި ކުރެވޭގޮތަށް އިޖުރާއަތްތައް ހަރުދަނާ ކުރުން ހިމެނޭ ކަމަށްވެސް ބުނެފައިވެއެވެ. ވަޒީފާ ދޭ ފަރާތްތަކުން ގާނޫނު ތަންފީޒު ކުރާ މިންވަރު ބަލައި މޮނިޓާ ކުރުމުގެ ބާރުގެ ދާއިރާ އިތުރަށް ފުޅާކޮށް، ގާނޫނު ތަންފީޒުުރުމަށް ދިމާވާ ދަތިތައް ހައްލު ކުރުންވެސް މި ބިލުގެ މަގުސަދުތަކުގެ ތެރޭގައި ހިމަނާފައިވެއެވެ.
މި ބިލުގައި ފުރައްސާރަ ނުވަތަ ގޯނާގެ އަމަލު ހިންގީ ވަޒީފާ އަދާކުރާ ތަނުގައި ނުވަތަ މަސައްކަތުގެ ރަސްމީ ވަގުތެއް ނުވަތަ ވަޒީފާގެ މުއާމަލަތަކާ ގުޅިގެން ކަމަށް ވާން ނުޖެހޭކަމަށް ވަނީ ބަޔާންކޮށްފައެވެ. ވަޒީފާދޭ ކޮންމެ ފަރާތަކުންވެސް މިފަދަ ކަންކަމުގައި އެތަނަކަށް ހާއްސަ ސިޔާސަތެއް އެކުލަވައިލާން ޖެހޭނެ ކަމަށާއި ވަޒީފާގެ މާހައުލަކީ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ އަމަލުތަކުން ރައްކާތެރިވެފައިވާ މާހައުލަކަށް ހެދުމަށް އެފަދަ އަމަލުކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅޭނެކަން އަންގައި ހޭލުންތެރިކުރުވުމާއި ތަމްރީންތައް ދޭން ޖެހޭނެ ކަމަށްވެސް ބިލުގައިވެއެވެ.
ޖިންސީ ފުރައްސާރަ ކުރުމާއި ގޯނާ ކުރުން ހުއްޓުވާ ކޮމިޓީތައް އެކުލަވާލުމަށްފަހު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އަންގާންޖެހޭގޮތަށް ގާނޫނުގައި އޮތް ބައި ބަދަލުކޮށް އެކަން ހިޔުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، (އެޗްއާރުސީއެމް) އަށް އަންގާން ޖެހޭގޮތަށް ބިލުގައިވަނި އެކަން ބަދަލުކޮށްފައެވެ.
އެ ކޮމިޓީގައި ތިން މެންބަރުން ތިބޭން ޖެހޭނެ ކަމަށް މިހާރު ގާނޫނުގައި އޮތްގޮތް ބަދަލުކޮށް، މަދުވެގެން ތިން މެންބަރުން ތިބޭން ޖެހޭނެ ކަމަށާއި، ކޮމިޓީ އެކުލަވައިލާން ޖެހޭނީ އޮނަހިރި އަދަދަކަށް ދެ ޖިންސުގެ މެންބަރުންގެ މައްޗަށް ކަމަށްވެސް ބުނެފައިވެއެވެ.
އެ ކޮމިޓީތަކުން ބަލާ މައްސަލަތަކުގައި ގޮތް ނިންމައި ފިޔަވަޅު އަޅާނަމަ އެކަން ފަސް ދުވަހުގެ ތެރޭގައި އަންގާންވާނެ ކަމަށް ވެސް ވަނީ ބަޔާންކޮށްފައެވެ. މައްސަލަ ބަލައި ނިންމުމަށް 60 ދުވަހުގެ މުއްދަތެއް ކޮމިޓީއަށް ލިބޭއިރު އިތުރު މުއްދަތެއް ބޭނުންކަމަށް ފެންނަ ނަމަ މުއްދަތު 30 ދުވަހަށް އިތުރު ކުރެވޭނެ ކަމަށްވެސް ބިލުގައިވެއެވެ.
މައްސަލަ ބަލާ މުއްދަތުގައި ޝަކުވާ ރައްދުވާ ފަރާތް، މުސާރަ ހިނގާގޮތަށް ސަސްޕެންޑު ކުރުމުގެ ބާރު މި އިސްލާހުގެ ދަށުން ކޮމިޓީއަށް ލިބޭނެއެވެ.
ޖިންސީ ފުރައްސާރަ ނުވަތަ ގޯނާގެ ޝަކުވާ ރައްދުވާ މީހަކީ ޔުނިފޯމް އެޅި ހިދުމަތެއްގެ މީހެއް ނަމަ އެއީ ރައްޔިތުން އިތުބާރުކުރާ ފަދަ ބާރުވެރި މަގާމެއްގައި ހުރި މީހަކަށް ވީތީ މައްސަލަ ނިންމުމުގައި އެންމެ މަތީ މިންގަނޑުތަކުން ކަންކަން ބަލަންވާނެ ކަމަށްވެސް އިސްލާހުގައި ވެއެވެ. އަދި އެފަދަ ފަރާތްތަކާމެދު ކޮމިޓީތަކުގެ ނިންމުންތަކާއި މައްސަލަތައް ހުށަހަޅަން ޖެހޭނީ ސިވިލް ކޯޓަށް ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.
އިބްރާހިމް ޒަކީ
ޖިންސީ ފުރައްސާރަކުރުން
ޖިންސީ ފުރައްސާރަކުރުން
ޖިންސީ ފުރައްސާރަކުރުން
ޖިންސީ ފުރައްސާރަކުރުން