ދުނިޔޭ ފުޓުބޯޅައިގައި އެންމެ ގިނަ މީހުން ބަލާ މެޗު ކަމަށްވާ އެލް ކްލެސިކޯއަކަށް އަނެއްކާވެސް ތައްޔާރެވެ. މިހާތަނަށް އެކިއެކި މުބާރާތްތަކާއި އެކުވެރިކަމުގެ މެޗުތަކުގައި ބާސާ އާއި ރެއާލް 277 ފަހަރު ކުރިމަތިލާފައި ވެއެވެ. މިއީ އެލް ކްލެސިކޯއަށް އެ ދެޓީމު ތައްޔާރުވާ 90 ވަނަ ސީޒަނެވެ. ސްޕެއިންގެ ގަދަ ބާރުގެ ކުރިމަތިލުން މިފަހަރު ތަފާތެވެ. ކޮވިޑް 19ގެ ހާލަތާއި ޓީމުތަކުގެ ތަފާތުތަކުންވެސް މެއެވެ. ހަމަ ޔަގީނުންވެސް އެންމެ ބޮޑު ތަފާތަކީ ހުސް ސްޓޭޑިއަމެއްގައި މިރޭގެ ކްލެސްކޯ ކުޅެން ޖެހުމެވެ. މިއީ ތާރީހުގައިވެސް ހުސް ދަނޑެއްގައި، ސަޕޯޓަރުންނާ ނުލައި އެލް ކްލެސިކޯ ކުޅޭނެ ފުރަތަމަ ސީޒަނެވެ.

"ސަޕޯޓަރުން ނުލައި ކުޅޭނަމަ ތަފާތުތަކެއް އަންނާނެ. އެއީ މިކަހަލަ ބޮޑެތި މެޗުތައް ކުޅޭނީ ސީދާ ކުޅުންތެރިންނަށް. ސަޕޯޓަރުންނަކީ މިކަލަ މެޗުތަކުގައިވެސް އިތުރު ކުޅުންތެރިއެއްގެ ރޯލު އަދާކުރާ ބައެއް،" ބާސާ ގެ ކޯޗު ރޮނަލްޑް ކޯމަން ބުނެފައި ވެއެވެ.

މިރޭގެ މެޗު އޮތީ ބާސާ ދަނޑުގައެވެ. ބާސާ ދަނޑުގައި މިރޭގެ އެލް ކްލެސިކޯ އޮތުމުން ބާސާ ސަޕޯޓަރުންނަށް އެހެން ކަމެއްވެސް ހާއްސަ ވެގެން އެބަދެއެވެ. ބާސާގައި މައްސަލަތަކެއް ޖެހި، މިދިޔަ ސީޒަނަށް ފަހު ކްލަބު ދޫކޮށްލާނެ ކަމަށް ބުނި، ކްލަބުގެ ކެޕްޓަން ލިއޮނަލް މެސީ، މި ސީޒަނަށްފަހު ބާސާއިން ދާނަމަ، މިރޭގެ އެލްކްލެސިކޯ އަކީ ޔަގީންކަމާއެކު އޭނާ ބާސާ ދަނޑުގައި ކުޅޭ ފަހު ކްލެސިކޯއެވެ. ބާސާގެ ތާރީހު ދުށް، ދުނިޔޭގެ ފުޓުބޯޅަ ތާރީހު ދުށް އެންމެ މޮޅު ކުޅުންތެރިޔާ، މެސީގެ ބާސާ ކެރިއަރަށް ހިޔަނި އެޅިފައިވާއިރު، އޭނާ ހޯމްގައި ކުޅޭ ފަހު ކްލެސިކޯއަށް މިރޭގެ މެޗު ވެއްޖެނަމަ، ސަޕޯޓަރުންނަށް ނުވަދެވުން އެއީ ބޮޑު ދެރައެކެވެ.

2009 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ހަމައަށް އެލް ކްލެސިކޯއަކީ ސްޕެއިންގެ އެންމެ ވަރުގަދަ ދެ ކްލަބު ކަމަށްވާ ބާސާއާއި ރެއާލް މެޑްރިޑްގެ ކުރިމަތިލުމެއް އެކަންޏެއް ނޫނެވެ. އެއީ މެސީ އާއި ރޮނާލްޑޯގެ ވެސް ކުރިމަތިލުމެކެވެ. 2018 ވަނަ އަހަރުން ފެށިގެން ރޮނާލްޑޯ ޔުވެންޓަސްއަށް ކުޅެމުންދާތީ، މިހާރު އެލް ކްލެސިކޯއަކީ އެ ކުރިމަތިލުމަށް ހާއްސަ ޕްލެޓްފޯމެއް ވެސް ނޫނެވެ. މި ސީޒަންގައި އެ ދެކުޅުންތެރިންގެ ކުރިމަތިލުން ފެންނާނީ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައެވެ. މި ހަފްތާގައި ބާސާ އާއި ޔުވެންޓަސް ޗެމްޕިއަންސް ލީގުގައި ކުޅޭ މެޗުގައި މެސީ އާއި ރޮނާލްޑޯގެ ކުރިމަލތިލުމަށް އިންތިޒާރު ކުރަން ޖެހިފައިވާނަމަވެސް، ކޮވިޑް 19 ޖެހިގެން ކަރަންޓީނުގައި ހުރި ރޮނާލްޑޯއަށް އެ މެޗަށް ޔަގީން ކަމެއް ނެތެވެ.

އެލް ކްލެސިކޯއަށް ބޮޑެތި ބަދަލުތަކެއް އައިސްފިއެވެ. ފޯރި ކުޑަނުވި ނަމަވެސް، މިހާރުގެ ހާލަތަކީ ބާސާ އާއި ރެއާލްއަށްވެސް އުނދަގޫ ހާލަތަކެވެ. ޓީމުގެ ރަން ޖީލެއްގެ ނިމުން އައިސް، އަނެއްކާވެސް އާ ފެށުމަކާ ދިމާއަށް ބާސާ އާއި ރެއާލްއިން ވެސް މިސްރާބު ޖަހާފައިވާއިރު، އެލް ކްލެސިކޯ ބޮޑަށް ހާއްސަ ވަނީ ޒުވާން ތަރިންނަށެވެ. ރެއާލްއަށް ސީޒަންގެ ފެށުން އުނދަގޫވެ، ޒައިނުއްދީން ޒިދާން އަށް ޕްރެޝަރާ ކުރިމަތިވެފައިވާއިރު، ޒިދާންގެ އެންމެ ވަރުގަދަ ހަތިޔާރަކީވެސް ޒުވާން ކުޅުންތެރިންނެވެ. އޭގެ ތެރޭގައި މާޓެން އޮޑެގާޑާއި ވިނީޝިއަސް ޖޫނިއާގެ އިތުރުން ރޮޑްރީވެސް ހިމެނެއެވެ.

ރެއާލްގެ ކެޕްޓަން ރާމޯސް އާއި ބާސާގެ ކެޕްޓަން މެސީގެ ހަނދާން ނައްތާލަނީކީ ނޫނެވެ. އެކަމަކު މިކަހަލަ ބޮޑެތި މެޗުތަކުގައި ވިދާލުމަށް މިހާރު ކެތްމަދުވެފައި ތިބީ ދެކޮޅުންވެސް ޒުވާން ހުނަރުވެރިންނެވެ. ބާސާއަށް ބަލާއިރު، އަންސޫ ފަޓީއާއި ސާޖިއޯ ޑެސްޓް އަދި ފްރޭންކް ޑި ޔޮންގް ހިމެނެއެވެ. ސީޒަންގެ ފުރަތަމަ އެލް ކްލެސިކޯ އޮންނާނީ މިރޭ ރާއްޖެގަޑިން 7:00 ގައެވެ.