ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ގެނައުމަށް ހެލްތު މިނިސްޓްރީން ކުރި މަސައްކަތްތަކުގައި، އިހުމާލުވާ ފަރާތްތަކަށް ދައުވާ ކުރުމަށް އެދި އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވުމުން ދައުވާ ނުކުރެއްވީ ކީއްވެތޯ ބެލުމަށް، ޕްރޮސިކިއުޓާ ޖެނެރަލް ހުސެއިން ޝަމީމު ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ހާޒިރު ކުރަން ނިންމައިފިއެވެ.

އެ މައްސަލައިގައި އޭސީސީން ފޮނުވި ރިޕޯޓުގައި ދައުވާކުރެވޭ ވަރަށް ހެކި ނެތްކަމަށް ވިދާޅުވެ އެ މައްސައިގެ ތަހުގީގީ ރިޕޯޓް ޕީޖީ ވަނީ އަލުން އޭސީސީއަށް ފޮނުވާލައްވައިފައެވެ.

އެ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މައްސަލަ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އަންގަވައިފައެވެ.

އެ ކަމާގުޅިގެން ކޮމިޓީން ބޭއްވި ބައްދަލުވުމުގައި، ޕީޖީ ޝަމީމު ކޮމިޓީއަށް ހާޒި ކުރުމުގެ އިތުރުން، އޭސީސީގެ ރިޕޯޓު ތަހުގީގު ކުރުމަށްވެސް ވަނީ ނިންމައިފައެވެ.

މި މައްސަލައާ ބެހޭގޮތުން ބޭއްވި ކޮމިޓީ ބައްދަލުވުމުގައި، ވެންޓިލޭޓަރުތައް ގެނައުމަށް ދޫކޮށްފައިވާ ފައިސާ ލިބޭނެ ގޮތަކީ ކޮބައިތޯ ބެލުމަށާއި އެތަކެތި ގެންނަން ހަވާލުކުރި ސަޕްލަޔަރަކީ ކޮބައިތޯ ބެލުމަށާއި، އެ މައްސަލައިގައި އިހުމާލުވަނީ ކޮންބައެއްތޯ ބެލުމަށްވެސް ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

މިނިސްޓްރީ އޮފް ހެލްތަށް ބޭނުންވާ 75 ވެންޓިލޭޓަރު ސަޕްލައިކޮށްދިނުމަށް ދުބާއީގެ ކުންފުންޏެއް ކަމަށްވާ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކުރުމުގައި މާލިއްޔަތު ގާނޫނާ ހިލާފަށް އަމަލުކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލަ ތަހުގީގުކޮށް އޭރު ހުންނެވި ހެލްތު މިނިސްޓަރު އަބުދުﷲ އަމީން ހިމެނޭގޮތަށް 11 ފަރާތަކަށް ދައުވާ ކުރަން އޭސީސީން ފޮނުވުމުން، ހެކި ނެތް ކަމަށް ވިދާޅުވެ އެފަރާތަތްތަކަށް ދައުވާ ނުކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް ނިންމެވީ މމިދިޔަ އަންގާރަ ދުވަހުއެވެ.

ވެންޓިލޭޓަރުތައް ގަތުމުގެ މައްސަލަ ފުލުހުންނާއި އޭސީސީ ގުޅިގެން ހިންގި ތަހުގީގާ މެދު ޕީޖީއާ އާއި އޭސީސީއާ ދެމެދު ދެމެދު ވަނީ ހިލާފު އުފެދިފައެވެ.

އެހެންކަމުން "މި ހިޔާލުތަފާތުވުން އުފެދިފައިވާތީ އަޅުގަނޑު އެދެން މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މި މަސައްކަތް އިތުރަށް ބައްލަވައިދެއްވުމަށް،" ކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ ވެންޓިލޭޓަރު ގަތުމުގެ ކޮރަޕްޝަންގައި ބައިވެރިވި ފަރާތްތައް ކަނޑައެޅިގެން ހޯދި އެ ފަރާތްތަކަށް ހައްގު އަދަބު ދެވި، ދައުލަތަށް ގެއްލުން ވި ފައިސާ އަނބުރާ ދައުލަތަށް ހޯދި އެކަން ނިމެންދެން މަޖިލިސް އެމައްސަލައިގައި ފާރަވެރިކަމާއެކު އޮތުމަކީ މަޖިލީހުގެ ގާނޫނީ ވާޖިބު ކަމަށެވެ. އަދި އެއީ ގާނޫނުއަސާސީ މަޖިލީހާ ހަވާލު ކޮށްފައިވާ ފުޅާ މަސައްކަތް އަދި މަޖިލީހުގެ ހިންގާ ގަވާއިދުވެސް ބަޔާންކުރާ ފުޅާ މަސައްކަތް ކަމަށްވެސް ވިދާޅުވިއެވެ.

"ތިޔަ މެންބަރުން މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވުމަށްޓަކައި ރައްޔިތުންގެ ގާތުގައި ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވި ވާހަކަ ތަކުގެ އަސާސް، ހިޔާނާތާއި ވައްކަމާއި މިބާވަތުގެ ކަންކަން ދައުލަތުގެ އެއްވެސް މުއައްސަސާއެއްގައި އަށަގަތަ ނުދިނުމަށް، މެންބަރުން އަބަދުވެސް ތި ތިއްބަވަނީ ކަމަރު ބަންނަވައިގެން، އެއީ އަޅުގަނޑަށް ލިބޭ ވަަރަށް ބޮޑު އުފަލެއް،" މަޖިލިސް ރައީސް ވިދާޅުވިއެވެ.