މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދުގެ މައްޗަށް ދައުވާ ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފޮނުއްވާފައިވާ ލިޔެކިޔުންތައް ނުބައްލަވާ ކަމަށާއި އެ މައްސަލައިން ތަނާޒުލެވެސް ވެވަޑައިގެންފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ކޮވިޑާ ގުޅިގެން ގެންނަން ނިންމި ވެންޓިލޭޓަރުތަކުގެ މައްސަލައިގައި، ހެލްތު މިނިސްޓަރާއި އެ މިނިސްޓްރީގެ ބައެއް މުވައްޒަފުންގެ މައްޗަށް ދައުވާ ކުރަން އޭސީސީން ފޮނުވި މައްސަލައިގައި ދައުވާ ނުކުރަން ނިންމި ސަބަބުތަކާ ގުޅޭ ގޮތުން މީޑިއާއަށް މައުލޫމާތު ދެއްވުމަށް މިހާރު ކުރިޔަށްދާ ޕްރެސް ކޮންފަރެންސްގައި، އެހެން މައްސަލައަކާ ގުޅިގެން ޝިފާގެ މައްޗަށް ދައުވާ އޭސީސީން ފޮނުވާފައި އޮތް ނަމަވެސް ދައުވާ ކޯޓަށް ފޮނުވުން ލަސްވާ ސަބަބާ ގުޅޭގޮތުން ނޫސްވެރިޔަކު ސުވާލު ކުރުމުން، ޕީޖީ ޝަމީމް ވިދާޅުވީ އެ މައްސަލައިގެ ލިޔެކިޔުންތައް ނުވެސް ބައްލަވާ ކަމަށާއި އެއީ ޝިފާއަކީ ދެބޭންގެ ދެދަރި ބޭފުޅަކަށް ވާތީ ކަމަށެވެ.

"ޝިފާގެ މައްސަލައިގައި އަޅުގަނޑަށް ހަމަ ލާހިކެއް ނޫން އެއްޗެއް ދަންނަވާކަށް މިހާރު. މަޖިލީހުން ފާސްކުރައްވާފައިވާ ގާނޫނުގައި ބުނާގޮތުން އަޅުގަނޑުގެ މަސްލަހަތު ފުށުއަރާނެ. ޝިފާއަކީ އަޅުގަނޑާއި ދެބެއިންގެ ދެދަރި ކުއްޖެއް. އެހެންވީމާ ޝިފާގެ މައްސަލައިގައި އެއްވެސް ގޮތަކަށް ނުކެރޭނެ. ނުވެސް ބަލަން ފައިލެއްވެސް. އެ މައްސަލައިން އަޅުގަނޑު ވަނީ ތަނާޒުލުވެފައި،" ޝަމީމު ވިދާޅުވިއެވެ.

ޝިފާގެ މައްޗަށް ދައުވާކުރަން އޭސީސީން ފޮނުވާފައިވަނީ މާލޭ ލޮނުޒިޔާރާތްކޮޅު ސަރަހައްދުގައި މާލޭ ސިޓީ ކައުންސިލުން ތަރައްގީކޮށްފައިވާ ޕާކް (އަޑި ޕާކް)ގެ މައްސަލައިގައެވެ.

އޭސީސީން ބުނީ އަޑި ޕާކު މައްސަލައިގައި ޝިފާގެ މައްޗަށް ދައުވާކުރުމަށްޓަކައި ފޮނުވާފައިވަނީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދަ ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށެވެ.

މާލޭ ލޮނުޒިޔާރަތްކޮޅު ސަރަހައްދުގައި ޕާކު ތަރައްގީކުރުމަށް މާލޭ ސިޓީ ކައުންސިލުން ހިންގާފައިވާ މަޝްރޫއުގައި ހިމެނޭ އިމާރާތްތަކުގެ މަސައްކަތްތަކުގެ ތެރެއިން ދެ ފާހާނާބަރީގެ މަސައްކަތް އަމީން ކޮންސްޓްރަކްޝަނުން ކޮށް ނިންމާފައިވާ އިރު، އެ މަސައްކަތް އެކުންފުންޏާ ހަވާލުކޮށްފައިވަނީ ލިޔެކިޔުމެއް ނެތި ބީލަމަކާ ނުލައި ކަމަށާއި ނަމަވެސް އެ މަސައްކަތަކީ، އިއުލާނުކޮށްގެން ވާދަވެރި ބީލަމެއްގެ ތެރެއިން ހަވާލުކުރެވެން އޮތް މަސައްކަތެއް ކަމަށެވެ.

އެގޮތުން ފުރަތަމަވެސް ހަމައެކަނި އަމީން ކޮންސްޓްރަކްޝަނުން ކޯޓޭޝަން ހޯދައިގެން ދައުލަތުގެ މާލިއްޔަތުގެ ގަވައިދު (20 ފެބުރުވަރީ 2017)ގެ 10.25 ވަނަ މާއްދާގެ ދަށުން ސިންގަލް ސޯސް ޕްރޮކިއުމަންޓްގެ އުސޫލުން ފިނޭންސް މިނިސްޓްރީން ހުށަހަޅައިގެން މަސައްކަތް ހަވާލުކުރުމަށް މަސައްކަތް ކޮށްފައިވާ ކަމަށް އޭސީސީން ބުންޏެވެ. ނަމަވެސް އެ މައްސަލައިގެ ތަަހުގީގު ފެށި ފަހުން، ދެންހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި ކައުންސިލްގެ އިދާރާއިން އިއުލާނުކޮށްފައިވާކަމާއި، ނަމަވެސް އެ މަސައްކަތްތައް އެއްވެސް ފަރާތަކާ ހަވާލުކޮށްފައިނުވާ ކަމަށް އޭސީސީން ބުންޏެވެ.

މީގެ އިތުރުން އޭސީސީން ބުނީ އަމީން ކޮންސްޓްރަކްޝަނުން ފާހާނަ ބަރީގެ މަސައްކަތް ކުރަމުން ދިޔަ އިރު، އެ މަސައްކަތް ހުއްޓުވުމުގެ ބާރު ލިބި އޮވެ އެ މަސައްކަތް މޭޔަރު ޝިފާ ހުއްޓުވައިފައި ނުވާ ކަމަށެވެ.

"ވުމާއެކު، ހާމަކަންބޮޑު ދެފުންފެންނަ އުސޫލެއް ނެތި، އެއްބަސްވުމެއް އަދި ލިޔެކިޔުމެއް ނެތި، އަމީން ކޮންސްޓްރަކްޝަންއާ މަސައްކަތް ހަވާލުކޮށް ކުރުވުމާއި، ހިލޭ އެހީގެ ހުށަހެޅުމެއް ލިބިފައި އޮއްވައި އެކަން ހިއްސާކުރަންޖެހޭ ފަރާތްތަކާ ހިއްސާނުކޮށް، އެ ކުންފުނިން އަމަލީގޮތުން ދެ ފާހާނާބަރީގެ މަސައްކަތް ފެށިފަހުންވެސް ކައުންސިލްގެ އިދާރާގެ ބަޖެޓްގެ ތެރެއިން ބިޑް ކޮމިޓީ މެދުވެރިކޮށް މަސައްކަތް ހަވާލުކުރާނެ ފަރާތެއް ކަނޑައެޅުމަށް މާލޭ ސިޓީގެ މޭޔަރު ސިފާ މުހައްމަދު މަސައްކަތްކޮށްފައިވާކަމާއި، އޭނާ އެފަދައިން އަމަލުކޮށްފައިވަނީ އަމީން ކޮންސްޓްރަކްޝަނަށް ނާޖާއިޒު މަންފާއެއް ހޯދައިދިނުމުގެ ނިޔަތުގައިކަން ތަހުގީގަށް ލިބިފައިހުރި ހެކިތަކުން އެނގެން އޮތުމުން، މާލޭ ސިޓީގެ މޭޔަރު ސިފާ މުހައްމަދު، ގ.އެޓްނާ / ކ.މާލެ ގެ މައްޗަށް ގާނޫނުލްއުގޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދަ ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާކަމުގެ ދައުވާކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ގާނޫނުގެ 25 ވަނަ މާއްދާގެ (ހ) ގެ 2 ގެ ދަށުން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް ނިންމީއެވެ." އޭސީސީން ބުނެފައިވެއެވެ.