މާލޭ ސިޓީގެ މަގުތައް، މާލޭ ސިޓީ ކައުންސިލް މެދުވެރިކޮށް، އަލުން ތަރައްގީކުރަން ހަވާލުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މާލޭގެ އިންތިހާބީ މޭޔަރު އާދަމް އާޒިމް ހުވާކުރެއްވުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މާލޭގެ މޭޔަރުގެ މަގާމުގައި މޭޔަރު ޝިފާ މުހައްމަދު ހުންނެވިއިރު ވަނީ މާލޭގެ މަގު ހެދުމުގެ މަޝްރޫއެއް ފަށާފައި ކަމަށެވެ. އެ މަޝްރޫއަށް ގާތްގަނޑަކަށް 400 މިލިއަން ރުފިޔާގެ ބަޖެޓެއް އޮތް ކަމަށެވެ.
އެ މަނިކުފާނު، މޭޔަރުގެ މަގާމާ ހަވާލުވެވަޑައިގެން މަގު ހެދުމުގެ މަސައްކަތް ކުރިއަށްގެންދަން ނިންމެވުމުން އޭރުގެ ސަރުކާރުން ވަނީ އެކަމަށް ހުރަސް އަޅައި، އެ މަޝްރޫއު އަތުލައިގެންފައި ކަމަށެވެ. އެހެންވެ މަގު ހެދުމުގެ މަޝްރޫއު ހުއްޓިގެންދިޔަ ކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިހާރު ނިންމާފައި ވާނީ އަނެއްކާވެސް އެ މަސައްކަތް ކުރަން. ސަރުކާރުން ބޭނުންވަނީ އެކަން ކުރިއަށް ގެންދަން ކައުންސިލް މެދުވެރިކޮށް،" ރައީސް ވިދާޅުވިއެވެ.
މާލެއަށް ދެވަނައަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ މަގުތަކާއި ގުޅިފައިވާ އެކިއެކި މައްސަލަތައް ކަމަށާއި އޭގެ ތެރޭގައި މަގުތަކުގެ ފެންވަރު ދަށްވުން ހިމެނޭ ކަމަށް ވިދާޅުވިއެވެ. އެ މަނިކުފާނު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ހަމަޖެހިގެން ދިޔަ އެހީގެ ދަށުން، އެންމެ އިސްކަމެއް ދޭނީ މާލޭގެ މަގުތައް ހެދުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އިންތިހާބުކުރާ މަގާމުތަކުގެ ބޭފުޅުންނަށް ރައްޔިތުން ފެންނަންވާނީ ވޯޓު ކައިރިވީމާ ނޫން ކަމަށާއި އަބަދުވެސް ރައްޔިތުންގެ ގާތަށް ވަޑައިގެންނަވަން ވާނެ ކަމަށެވެ.
ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން މިމަހުގެ ހަތަރުވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވެފައިވަނީ މާލޭގެ ހުރިހާ މަގެއްގައި ސްޓޯމް ވޯޓާ ސިސްޓަމް ގާއިމުކޮށްގެން ހެދުމަށް އެތައް 100 މިލިއަން ޑޮލަރުގެ ބޮޑު މަޝްރޫއެއް ކުރަން ރޭވިފައިވާ ކަމަށެވެ.
މުއްތަލިބް ވިދާޅުވެފައިވަނީ މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނީ އެ ބޮޑު މަޝްރޫއު ނިމުމުން ކަމަށެވެ. އެ ޕްރޮޖެކްޓް ކުރިއަށްގެންދަން ނިންމާފައިވަނީވެސް އުތުރު ފަރާތުން ސީވޯލް ބޭރަށް ޖައްސައި އެ މަގުވެސް ފުޅާކޮށްގެން ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު