އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގައި މާލެ ދާއިރާގެ ރައީސްކަމުގެ ގޮނޑި މާލޭ ސިޓީގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދު ކާމިޔާބުކޮށްފިއެވެ.
ޝިފާ އެ ދާއިރާއަށް އިންތިހާބުވެފައިވަނީ އެމްޑީޕީގެ މާލެ ދާއިރާގެ ރައީސް ކަމުގެ ގޮނޑީގައި ފެށުނީއްސުރެ އިންނަވާ އަކުރަމް ކަމާލުއްދީންގެ މައްޗަށް ބޮޑު އަޣުލަބިއްޔަތަކުން ކުރި ހޯދައިގެންނެވެ.
ވަގުތީ ނަތީޖާއިން މިހާރު ދައްކާ ގޮތުގައި އިންތިހާބުގައި ޝިފާއަށް 700 އަށްވުރެ ގިނަ ވޯޓު ވަނީ ލިބިފައެވެ. އަކުރަމަށް ލިބިފައިވަނީ 400 އަށްވުރެ ގިނަ ވޯޓެވެ. މި އިންތިހާބުގައި އެ ދާއިރާއަށް ދެން ވާދަކޮށްފައިވަނީ އަހުމަދު މުނާޒު މޫސާ ވަލީދެވެ.
އިންތިހާބުން ނާކާމިޔާބުވުމާ ގުޅިގެން އަކުރަމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިންތިހާބުގައި ނާކާމިޔާބުވި ނަމަވެސް އޭނާއަށް ވޯޓު ދިން އަދި އޭނާ ހޮވުމަށް މަސައްކަތް ކުރި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ޝިފާއަށް ތާއީދު ކުރައްވާކަން ސޯޝަލް މީޑިއާގައި ހާމަކުރައްވައި، ޝިފާގެ ކެމްޕެއިނާ ގުޅޭ ގިނަ ޕޯސްޓުތައްވެސް ޓުވިޓާގައި ރިޓުވީޓު ކުރައްވައިފައެވެ. މީގެ އިތުރުން ރައީސް ނަޝީދުގެ ބައެއް އަރިސް ބޭފުޅުން ކަމަށްވާ އެމްޑީޕީ ޕާލަމެންޓް ގްރޫޕުގެ ލީޑަރު އަލީ އާޒިމާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީވެސް ވަނީ ޝިފާއަށް ތާއީދު ކުރައްވާކަން ސޯޝަލް މީޑިއާގައި ހާމަކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު