އިތުރަށް ފުރިހަމަކުރުމަށްޓަކައި ޕްރޮސިކިއުޓާޖެނެރަލް (ޕީޖީ) އޮފީހުން އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ފޮނުވައިލި، މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދުގެ މައްޗަށް ކުރެވޭ ކޮރަޕްޝަނުގެ ތުހުމަތުގެ މައްސަލައާ ބެހޭ ގޮތުން ފޮނުވަން ޖެހޭ ލިޔުންތައް ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށް އޭސީސީން ބުނެފިއެވެ.

ވަން އޮންލައިން އަށް، އެކަމާބެހޭ މައުލޫމާދު ދެއްވަމުން އޭސީސީގެ އޮފިޝަލް ޒަމް ހީނާ ވިދާޅުވީ، ޕީޖީ އޮފީހުން އެ މައްސަލަ އޭސީސީއަށް ފޮނުވައިލި ސަބަބުތަކާ ގުޅިގެން އެ މައްސަލައާ ގުޅިގެން، ގާނޫނުން އޭސީސީއަށް ލިބިގެން ވާ ބާރުތަކާއި އެހެނިހެން ކަންތައްތައް ފާހަގަކޮށް މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ޕީޖީ އޮފީހަށް އޭސީސީން ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.

ނަމަވެސް އެ ސިޓީއަށް ޕީޖީ އޮފީހުން އަދި ވެސް ޖަވާބެއް ދީފައި ނުވާކަމަށް ޒަމްހީނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މައްސަލަ އޮތީ އެހިސާބުގައި ކަމަށެވެ.

ލޮނުޒިޔާރަތްކޮޅުގައި އަޑިޕާކުގައި މާލޭ ސިޓީ ކައުންސިލުން ޕާކު ހެދުމުގައި ކޮރަޕްޝަނަށް ތުހުމަތު ވާ ގޮތަށް ކަންތައް ކޮށްފައިވާތީ އޭސީސީން ކުރީގެ މޭޔަރު ޝިފާގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވީ ހުސްވި 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހުއެވެ.

އޭސީސީން އެދުނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ ޝިފާގެ މައްޗަށް އުފުލުމަށެވެ. އެ ދައުވާ ސާބިތުވެއްޖެ ނަމަ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ނަމަވެސް ޑިއު ޕްރޮސެސްގެ ތެރެއިން ފުރިހަމަކުރަން ޖެހޭ ބައެއް ކަންކަން ހުރުމުން އެކަންކަން ފުރިހަމަ ކޮށް، އަލުން މައްސަލަ ހުށަހެޅުމަށް ކަމަށް ބުނެ ނޮވެމްބަރު މަހުގެ ތެރޭގައި ޕީޖީ އޮފީހުން އެ މައްސަލަ ވަނީ އޭސީސީއަށް އަނބުރާ ފޮނުވާލައިފައެވެ.

އެ މައްސަލާ ގުޅިގެން ޝިފާ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ ރައްޔިތުންގެ ޓެކްސް ފައިސާ އިން ނުވަތަ މުދަލާ މެދު އެއްވެސް އިރެއްގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައި ނުވާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

ޝިފާގެ މައްސަލައިގައި ދައުވާ ކުރުން ލަސްވާތީ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ޝިފާއަކީ ޕީޖީ ހުސައިން ޝަމީމާ ދެބޭންގެދެދަރި ބޭފުޅެއް ކަމުން ޝަމީމް ވަނީ އެ މައްސަލައިން ތަނާޒުލްވެވަޑައިގެންފައެވެ.