ހެލްތު މިނިސްޓްރީން ގެންނަން އުޅުނު ވެންޓިލޭޓަރުތަކުގެ މައްސަލައިގައި އިދާރީ އަދި ގަވައިދާ ހިލާފު ކަންކަން ފާހަގަވާ ކަމަށާއި އެހެން ނަމަވެސް ކޮރަޕްޝަނުގެ ދައުވާއެއް ކުރެވޭނެ އެއްވެސް ހެއްކެއް މި މައްސަލައިގައި މިހާރު ލިބިފައިވާ ލިޔެކިޔުންތަކަށް ބަލާއިރު ނެތް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް، ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ.
ހުސެއިިން ޝަމީމު މިހެން ވިދާޅުވީ، ވެންޓިލޭޓަރުތަކުގެ މައްސަލަ ތަހުގީގުކޮށް، ހެލްތު މިނިސްޓަރު އަބުދުﷲ އަމީންއާއެކު އެ މިނިސްޓްރީގެ އިސް މަގާމުތަކުގައި ތިއްބެވި 11 ފަރާތެއްގެ މައްޗަށް ދައުވާކުރުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަނުން ޕީޖީއަށް ފޮނުއްވި، ރިޕޯޓް އެ ކޮމިޝަނަށް އަނބުރާ ފޮނުވާލުމަށްފަހު އެކަމާ ބެހޭ މައުލޫމާތު ނޫސްވެރިންނަށް ހިއްސާ ކުރައްވަމުންނެވެ.
ޝަމީމު ވިދާޅުވީ އެ ރިޕޯޓު ދިރާސާކޮށް ބެލިއިރު އެއްވެސް ފަރާތަކަށް ޖިނާއީ ދައުވާއެއް ކުރެވޭ ވަރަށް ހެކި ނެތް ކަމަަށެވެ. އަދި އޭސީސީން އެ މައްސަލަ ތަހުގީގު ކުރަމުންދިޔައިރު ފުރަތަމަ ކޮޅުގައި، އެ މައްސަަލައާ ބެހޭގޮތުން އޭސީސީން ޕީޖީއާ މަޝްވަރާ ކުރި ނަމަވެސް، އެ މައްސަލަ ދައުވާކުރަން ފޮނުވުމާ ބެހޭގޮތުން މަޝްވަރާ ކޮށްފައި ނުވާ ކަމަށް ވެސް ވިދާޅުވިއެވެ.
ޝަމީމު ވިދާޅުވީ، އޭސީސީގެ ރިޕޯޓުގައި ދައުވާކުރަން ފޮނުވާފައިވާ ފަރާތްތަކަށް ޖުމުލަ 12 ވައްތަރެއްގެ ތުހުމަތު ކޮށްފައިވާ ކަމަށެވެ. އަދި ތުހުމަތު ކޮށްފައިވަނީ ޖުމުލަ ދެ މުއާމަލާތެއްގެ މައްޗަށް ކަމަށްވެސް ވިދާޅުވިއެވެ.
އޭގެ ތެރެއިން ފުރަތަމަ ކަމަކީ 20 ވެންޓިލޭޓަރަކާއި، 50 ވެންޓިލޭޓަރެއް ހޯދުމަށް ނާޑް ޕްރައިވެޓް ލިމިޓެޑާއި މެޑްޓެކާ ހަވާލުކުރި މައްްސަލަ ކަމަށާއި އެ މައްސަލައިގައި ފުރަތަމަ ތުހުމަތު ކޮށްފައިވަނީ ބިޑު ކުރުމަކާނުލައި އެ މަސައްކަތް އެ ދެ ކުންފުންޏާ ހަވާލުކޮށްފައިވާތީ ކަމަށެވެ.
ނަމަވެސް އެ މައްސަލައިގައި އެ ފަރާތްތަކަށް ދައުވާކުރެވެން ނެތްކަން އޭސީސީން ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަމަށް ޝަމީމު ވިދާޅުވިއެވެ.
ހެލްތު މިނިސްޓްރީގެ ފައިނޭންޝަލް އެގްޒެކެޓިވް އަހްމަދު އަސްލަމްގެ މައްޗަށް ދައުވާ އުފުލައިދޭން އެދިފައި އޮތީވެސް މަގާމުގެ ޒިންމާގައި އޭނާ އަދާކުރަން ޖެހޭ މަސްއޫލިއްޔަތުތަކެއް އަދާކުރި ގޮތަށް ބަލާފައި ކަމަށް ރިޕޯޓުން ފާހަގަވާ ކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.
މީގެ އިތުރުން ހެލްތު މިނިސްޓަރު އަބުދުﷲ އަމީންގެ މައްޗަށް ކޮށްފައިވާ ތަހުގީގުގައި، އެ ދެ ކުންފުންޏާ ވެންޓިލޭޓަރު ގެނައުމަށް ހަވާލު ކުރުމުގައި އަމަލީގޮތުން މިނިސްޓަރުގެ ބައިވެރިވުމެއް އޮތްކަމަށް ނުފެންނަ ކަމަށް ކޮމިޝަން ރިޕޯޓުގައި ބުނެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އެ މަސައްކަތް ދުބާއީ ކުންފުންޏަށް އެވޯޑު ކުރުމާ ބެހޭގޮތުން ބިޑް ކޮމީޓިގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކަށްވެސް ދައުވާކުރެވޭ ވަރުގެ ހެކި ރިޕޯޓުން ލިބެން ނެތް ކަމަށްވެސް ޝަމީމު ވިދާޅުވިއެވެ.
ޝަމީމު ވިދާޅުވީ އޭސީސީގެ ރިޕޯޓަށް ބަލާއިރު، ވެންޓިލޭޓަރުގެ މައްސަލައިގައި ފާހަގަވަނީ އެކަމާ ބެހޭގޮތުން އިދާރީ އޮޅުންތަކެއް މިނިސްޓްރީގެ ހިނގާފައިވާ ގޮތް ކަމަށެވެ. ނަމަވެސް ޖިނާއީ ދައުވާއެއް ކުރެވެން ނެތް ކަމަށްވެސް ވިދާޅުވިއެވެ.
ގާނޫނާއި ގަވާއިދާ ހިލާފަށް ކުރާ ކޮންމެ ކަމަކީ ކޮރަޕްޝަނެއް ނޫން ކަމަށާއި ކޮރަޕްޝަނަކަށް ވަނީ ގާނޫނާއި ގަވައިދާ ހިލާފަށް ކުރާކަމުން މީހަކަށް މަންފާއެއްވުން ނުވަތަ މަންފާއެއް ވުމުގެ ފުރުސަތު އޮތުން ކަމަށްވެސް ވިދާޅުވިއެވެ.
ޝަމީމު ވިދާޅުވީ، އެ ރިޕޯޓުގައި މައްސަލަ ސާބިތު ކުރެވޭ ވަރަށް ހެކި ހުރި ނަމަ މައްސަލަ ކޯޓަށް ހުށަހަޅުއްވާނެ ކަމަށެވެ.
ޕްރޮސިކިއުޓާ ޖެނެރަލް
ޕްރޮސިކިއުޓާ ޖެނެރަލް
ޕްރޮސިކިއުޓާ ޖެނެރަލް