ރިޕޯޓް

ސަރުކާރު ލޯނުގައި ލަންކާގައި ޕައިލެޓުކަން ކިޔަވާ ދަރިވަރުން ގޮތް ހުސްވެފައި

އަލީ ޔާމިން

4

"އަޅުގަނޑުމެން އަތުގައި މިވަގުތު އެއްވެސް ފައިސާއެއް ނެތް. ސަރުކާރުގެ ލޯނުގައި އަޅުގަނޑުމެން ކިޔެވިއެއްކަމަކު، ކޯހުގެ މުއްދަތު އިތުރުވުމުގެ ސަބަބުން މިހާރު ކޯސްފީ އާއި އެހެނިހެން ހަރަދުތައް ކުރަން މިޖެހެނީ އަމިއްލަ ޖީބުން. މިހާރުވެސް އެތައް ފައިސާއެއް ހަރަދުކުރެވިއްޖެ. ނަމަވެސް މިހާރު މިތިބީ އިތުރު އެއްވެސް ގޮތެއް ނެތިފައި. ކޯސް ދޫކޮށްލާފައި އެނބުރި ރާއްޖެއަށް ދާން މަޖުބޫރުވާ ހާލަތުގައި." މިއީ ސަރުކާރުގެ ލޯނުގެ ދަށުން ލަންކާގައި ޕައިލެޓު ތަމްރީން ހަދަމުން އަންނަ ދަރިވަރަކު އެ ދަރިވަރުންނަށް މިހާރު ކުރިމަތިވެފައިވާ މާލީ ގޮންޖެހުމުގެ ވާހަކަ ފެށި ގޮތެވެ.

ސަރުކާރުގެ ލޯނުގެ ދަށުން 15 ވަރަކަށް ކުދިން ލަންކާގައި ޕައިލެޓް ކޯސް ކިޔަވަމުން އަންނައިރު، އެ ދަރިވަރުން މިހާރު ވަނީ މާލީ ދަތިކަމެއްގެ ތެރެއަށް ގޮސް ކަމާބެހޭ ފަރާތްތަކުގެ އެހީއަކަށް އެދިފައެވެ. ކަންބޮޑުވުންތައް ބަޔާންކޮށް، މިދިޔަ މާޗު މަހުގެ ތެރޭގައި އެކުދިންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ވަނީ ސިޓީއެއް ވެސް ފޮނުވައިފައެވެ. އެ ސިޓީއާއެކު އެ ދަރިވަރުން ސޮއިކޮށް ޕެޓިޝަނެއް ވެސް ހުށަހެޅިއެވެ. ނަމަވެސް މިއަދާ ހަމައަށްވެސް އެ ސިޓީއަށް ސަރުކާރުގެ ފަރާތުން އެއްވެސް ޖަވާބެއް ލިބިފައި ނުވާ ކަމަށް އެ ދަރިވަރުން ބުންޏެވެ. އެކަމާ ގުޅޭ ގޮތުން ރައީސް އޮފީހުގެ ބަހެއް ހޯދަން "ވަން"އިން ކުރި މަސައްކަތް ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ.

"ސަރުކާރުގެ އިދާރާތަކުގައި ވަރަށް އާދޭސް ކުރެވިއްޖެ. ރައީސް އޮފީހަށް ފޮނުވި ސިޓީގެ ޖަވާބުވެސް އަދި ނުލިބޭ. އަޅުގަނޑުމެން މިވަގުތު މިތިބީ ވަރަށް ހާލުގައި." ލަންކާގައި ޕައިލެޓް ކޯސް ފުރިހަމަ ކުރަމުން އަންނަ ދަރިވަރަކު ހުރިހާ ދަރިވަރުންގެ ފަރާތުން "ވަން"އަށް މައުލޫމާތު ދެމުން ބުންޏެވެ.

ނަން ހާމަނުކުރުމަށް ޝަރުތުކޮށް "ވަން"އަށް މައުލޫމާތު ދެމުން އެ ދަރިވަރު ބުނީ، ސަރުކާރުގެ ލޯނުގައި މިވަގުތު ލަންކާގައި ޕައިލެޓުކަން ކިޔަވާ ކުދިންގެ ތެރޭގައި އައްޑޫގައި ހުންނަ ފްލައިން ސްކޫލުގައި ކޯސް ފެށި ދަރިވަރުންވެސް ހިމެނޭ ކަމަށެވެ. އެއީ ހަޔާ އެޑިއުކޭޝަނުން މަތީ ތައުލީމަށް ދޫކުރާ ލޯނުގެ ދަށުން އެ ކޯސް ފުރިހަމަކުރުމަށް އެންމެ ފުރަތަމަ ހުއްދަ ދިން މަރުކަޒަކީވެސް އައްޑޫ ފްލައިން ސްކޫލަށް ވުމާއެކުގައެވެ. ނަމަވެސް އައްޑޫ ފްލައިން ސްކޫލުގައި ކިޔަވަމުން އަންނަ ދަރިވަރުންނަށް ބޭރުގެ އެހެން ގައުމަކުން ކޯހުގެ ބާކީ ބައި ފުރިހަމަ ކުރުމުގެ ހުއްދަ ސަރުކާރުން މިދިޔަ އަހަރު ދިނުމުން އެތަނުގައި ކިޔަވަމުންދިޔަ ބައެއް ދަރިވަރުން ސްރީލަންކާގެ ފްލައިން ސްކޫލުތަކަށް ބަދަލުވި ކަމަށް އޭނާ ބުންޏެވެ.

ދަރިވަރު ބުނި ގޮތުގައި ސަރުކާރުން ލޯނު ހަމަޖައްސައިދީފައިވަނީ 18 މަހުގެ ޕައިލެޓް ކޯހަކަށެވެ. އައްޑޫ ފްލައިން ސްކޫލުގައި ތަމްރީން ހަދަމުން ދިޔަ ދަރިވަރުންގެ ތެރެއިން ބައެއް ދަރިވަރުން ލަންކާއަށް ބަދަލުވީ، އައްޑޫ ސިޓީ ގަމުގައި ހިންގާ ފްލައިން ސްކޫލުގެ މެނޭޖުމެންޓުން ކަންތައް ކުރަމުން އަންނަ ގޮތުން ކޯސް ދިގުލައިގެން ދިއުމުގެ އިތުރުންނާއި އައްޑޫގައި ދިރިއުޅުމުގެ ހަރަދުތައް، ސަރުކާރުން ދީފައިވާ ފައިސާއާ ނުބައްދަލުވުމުން ކަމުގައި އޭނާ ބުންޏެވެ. އެގޮތުން 2017 އަދި 2018 ވަނަ އަހަރު ކުރީ ސަރުކާރުން ކޯހުގެ ކިޔެވުމަށް ދޫކޮށްފައިވާ ލޯނުގެ ސްޓައިޕެންޑުގެ (ހުރުމާއި ކެއުމުގެ ހަރަދު) ގެ ގޮތުގައި ދޫކޮށްފައިވަނީ ކޮންމެ މަހަކު 4500ރ ކަމަށް އެ ދަރިވަރު ބުންޏެވެ. ނަމަވެސް 2018 ވަނަ އަހަރު ލޯނު ލިބުނު ދަރިވަރުންނަށް ސްޓައިޕެންޑުގެ ހަރަދުތައް ކުރުމަށް 6000ރ ސަރުކާރުން ހަމަޖައްސައިދިން ނަމަވެސް ކުރީގެ ދަރިވަރުންނަށް ސްޓައިޕެންޑު އިތުރުކޮށްދީފައި ނުވާ ކަމަށްވެސް ދަރިވަރު ބުންޏެވެ.

"ކޯސް ފީގެ ބޭރުން ހުރުމާ ކެއުމުގެ ހަރަދަށް މި އިންނަނީ 4500ރ ދީފައި. ނަމަވެސް ރެންޓަށް އެކަނިވެސް އެބަ އަރާ 4000ރ ވަރު. އަދި ކެއުމާއި ޒަރޫރީ އެހެން ކަންކަން ފުރިހަމަކުރުމަށް އިތުރު ހަރަދުތައްވެސް އެބަދޭ. އެހެންކަމުން ސަރުކާރުން އަޅުގަނޑުމެންނަށް ދީފައި މިވާ ސްޓައިޕެންޑަކީ ދެކޮޅު ޖެހޭ ސްޓައިޕެންޑެއް ނޫން. ސްޓައިޕެންޑުން ދެކޮޅު ނުޖެއްސޭތީ އަޅުގަނޑުމެންނަށް މަޖުބޫރުވީ ކޯސް ފީއަށް ކަނޑައަޅާފައިވާ ފައިސާއިން ބައެއް ހަރަދުތައް ކުރަން. އަމިއްލަ ޖީބުންވެސް ވަރަށް ހަރަދު ކުރެވިއްޖެ" ދަރިވަރު ބުންޏެވެ.

އަށާރަ މަސް ދުވަހުގެ ކޯހަކަށް ސަރުކާރުން ފައިސާ ހަމަޖައްސައިދިން ނަމަވެސް ޕައިލެޓު ކޯސް ފުރިހަމަ ކުރުމަށް އެވްރެޖު ގޮތެއްގައި އެއަށް ވުރެ ގިނަ ދުވަސް ނަގާ ކަމަށް އެ ދަރިވަރުން ފާހަގަ ކުރިއެވެ. ސަރުކާރުން ކޯހަށް ފައިސާ ހަމަޖައްސައިދީފައިވަނީ 18 މަސް ދުވަހުން ކޯސް ނިމޭނެ ކަމަށް ބަލައި އެ މުއްދަތަށް ކަމަށްވާއިރު، އެމުއްދަތު ހަމަވެ، ކޯސް ދިގުލައިގެންދާ މުއްދަތުގައި ހަރަދުތައް ކުރަން ޖެހެނީ އަމިއްލަ ޖީބުން ކަމުގައި އެކުދިން ބުންޏެވެ. ކޮވިޑްގެ ހާލަތާއި ގުޅިގެން އެނބުރި ރާއްޖެ އައުމަށް ފަހު ލަންކާއަށް ދިއުމަށްވެސް އަތުން ބޮޑު ހަރަދެއް ކުރަން ޖެހުނު ކަމަށް ހުރިހާ ދަރުވަރުންގެ ފަރާތުން ވާހަކަ ދެއްކި ދަރިވަރު ބުންޏެވެ. އެގޮތުން ޓިކެޓުގެ ހަރަދާއި ކަރަންޓީން ވުމާއި، ޕީސީއާރް ޓެސްޓު ހެދުމުގެ ކަންކަމަށް ގާތްގަނޑަކަށް 28،000ރ އެ ދަރިވަރުންގެ ޖީބުން ހަރަދުވެފައިވާ ކަމަށް ބުންޏެވެ.

ލަންކާގައި ސަރުކާރުގެ ހަރަދުގައި ޕައިލެޓުކަން ކިޔަވާ ދަރިވަރުންގެ ކޯސްތައް ފުރިހަމަ ކުރުމަށް ބާކީ އަދި އަހަރެއްހާ ދުވަސް އޮތް އިރު، އެ ދަރިވަރުން މިހާރު އެތިބީ ކޯސްފީ ދެއްކޭނެ ފަދައެއް ނެތި، ކޯސް ދޫކޮށްލައި އެނބުރި ރާއްޖެ އައުމަށް ތައްޔާރަށެވެ.

"އަޅުގަނޑުމެންގެ ގިނަ ދަރިވަރުންގެ ހާލަކީ މިއީ. 90 އިންސައްތައަށް ވުރެ ގިނަ ދަރިވަރުން މިހާރު މިތިބީ ކޯސް ހުއްޓާލާފައި އެނބުރި ރާއްޖެ ދާން ޖެހިދާނެ ފަދަ ހާލަތެއްގައި. އަމިއްލަ ޖީބުން ހަރަދުކޮށްގެން އަޅުގަނޑުމެންނަށް މި ކޯސް ކުރިއަށް ގެންދެވޭކަށް ނެތް." ދަރިވަރު ބުންޏެވެ.

ލަންކާގައި ޕައިލެޓް ތަމްރީން ހަދާ ދަރިވަރުން މާލީ ދަތިކަމެއްގައި ތިބިއިރު، ގަމުގައި ހުންނަ ފްލައިން ސްކޫލްގައި ކިޔަވަމުން އަންނަ ދަރިވަރުންވެސް އަންނަނީ ކޯސް ދިގުލައިގެން ދިއުމުގެ ސަބަބުން އަމިއްލަ ޖީބުން ބޮޑު ހަރަދެއް ކުރަން ޖެހޭތީ އެކަމާ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އެ ދަރިވަރުންގެ ކަންބޮޑުވުންތަކަށް އެދެވޭ ހައްލެއް ގެނެސްދޭނެ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެ މިނިސްޓްރީން ވެސް އަދި ސަރުކާރުގެ ކަމާބެހޭ އެހެން އިދާރާއަކުންވެސް ލަންކާގައި ޕައިލެޓު ތަމްރީން ފުރިހަމަ ކުރަމުން އަންނަ ދަރިވަރުންގެ ކަންބޮޑުވުންތަކަށް މިއަދާ ހަމައަށްވެސް ވަކި އެއްޗެއް އާންމުކޮށްފައެއް ނުވެއެވެ.

ސަރުކާރުގެ ލޯނުގައި ލަންކާގައި ޕައިލެޓްކަން ކިޔަވާ ދަރިވަރުންގެ ކަންބޮޑުންތަކަށް ރަސްމީ އެއްވެސް އިދާރާއަކުން ރިއާޔަތްކޮށްފައި ނުވާތީ އެކަމުގެ މައުލޫމާތު ހޯދުމަށް "ވަން"އިން ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ގެ ބަހެއް ހޯދުމަށް މެސެޖު ކުރުމުން ވިދާޅުވީ ޕައިލެޓުކަން ކިޔަވާ ވަކި ވަކި ކުދީންގެ ސިޓީ ލިބިވަޑައިގެންނެވި ކަމަށާއި އެ ކުދީންނަށް ޖަވާބު ދެއްވާފައި ވާނެ ކަމަށެވެ. އެ ހުރިހާ ކުދީންގެ ފަރާތުން ގުޅިގެން ފޮނުވި ސިޓީއެއް މި ފަހަކުން ލިބިވަޑައިގެންފައި ނުވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެ ކުދީންނަށް މިނިސްޓްރީން ދެއްވި ޖަވާބުގެ ތަފްސީލެއް މިނިސްޓަރުގެ ޖަވާބުގައެއްވެސް ނުދެއްވަ އެވެ.

ސަރުކާރުގެ ލޯނުގައި ލަންކާގައި ޕައިލެޓްކަން ކިޔަވާ ދަރިވަރުންނަށް ބޮޑު މާލީ ދަތިކަމެއް ކުރިމަތިވެފައިވާއިރު އެ ދަރިވަރުން އެތިބީ މާދަމާވެސް ކޯސް ދޫކޮށް ރާއްޖެ އަންނަން ޖެހިދާނެ ފަދަ ހާލަތެއްގައެވެ. އެ ދަރިވަރުންގެ އެދުމަކީ އެދަރިވަރުންގެ ކަންބޮޑުވުންތަކަށް ސަރުކާރުން އަވަސް ހައްލެއް ހޯދައިދީ އެ ދަރިވަރުންގެ ކޯހުގެ ބާކީ އޮތް މުއްދަތު ފުރިހަމަ ކުރުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމެވެ.