މަޖިލީހުގެ ރައީސް

ފްރީ ޓްރޭޑް އެގްރިމެންޓުގައި ޑިއުޓީ ކަނޑާލަން އޮތީ ރާއްޖޭން ނުބާނާ ބާވަތުގެ މަހަަށް: މަޖިލިސް ރައީސް

ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ ސަރުކާރުގައި، ޗައިނާއާއެކު ހަދާފައިވާ ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) ގައި ރާއްޖޭގެ މަހަށް ޗައިނާއިން ސުންޕަސެންޓްގެ ޑިއުޓީއެއް ކަނޑައަޅާފައި ވަނީ، ރާއްޖޭން ނުބާނާ ބާވަތްތަކަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލިސް ރައީސް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެފްޓީއޭއިން ދިވެހި މަސްވެރިންނަށް ލިބެން ޖެހޭ މަންފާތައް ސަރުކާރުން ހިފަހައްޓާފައިވާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު ފިޝަރީޒް މިނިސްތަރު ޒަހާ ވަހީދާ ކުރެއްވި ސުވާލަށް މިނިސްޓަރު ދެއްވި ޖަވާބާ ގުޅިގެން، އެ އެގްރީމެންޓާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.

ޖާބިރުގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޒަހާ ވިދާޅުވީ، އެ އެގްރީމެންޓުގެ ކަންކަން ބަލަހައްޓަމުން ގެންދަނީ، ރައީސް އޮފީހާއި ފޮރިން މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީން ކަމަށެވެ. އެއީ ފިޝަރީޒް މިނިސްޓްރީއާ ހަވާލު ކުރައްވާފައިވާ މަސައްކަތެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން މީގެ ކުރިންވެސް ފިނޭންސް މިނިސްޓަރު މަޖިލީހުގައި ވިދާޅުވެފައިވާ ގޮތަށް، އެ އެގްރީމެންޓަކީ މިވަގުތަށް އޮޕަރޭޝަނަލް އެގްރީމެންޓެއް ނޫން ކަމަށާއި އެހެންކަމުން އެ އެގްރީމެންޓުން މަސްވެރިންނާއި އިންވެސްޓަރުންނަށް ލިބެން ޖެހޭ އެއްވެސް މަންފާއެއް ހިފަހައްޓާފައި ނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.

އެކަމާ ގުޅިގެން އެފްޓީއޭއާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން މަޖިލިސް ރައީސް ވިދާޅުވީ، އެ އެގްރީމެންޓްގައި ސުން ޕަސެންޓް ޑިއުޓީ ކަނޑައަޅާފައިވަނީ ރާއްޖޭގައި ނުބާނާ ބާވަތުގެ މަހަށް ކަމަށެވެ.

"އެ އެގްރިމެންޓްގެ ދަށުން އެއްބަސްވެފައިވާ މަސްވެރިކަމުގެ ބާވަތްތަކުގެ ޑިއުޓީގެ ތެރޭގައި ދިރޭމަސް، އޯނަމެންޓަލް (ޓޭންކުގައި ގެންގުޅޭ) މަހަށް 17.5 ޕަސެންޓް، އެހެން ދިރޭ މަހަށް 17.5 ދެން ރާއްޖޭގައި ނުލިބޭ އެއްޗެއްވެއްޖެއްޔާ ސުންޕަސެންޓް، އެކަހަލަ އެއްޗެއްސަށް ވަރަށް ރަނގަޅަށް ހުރީ، އިއްޒަތްތެރި މެންބަރުން ބައްލަވާލަވައިފިއްޔާ މި ޑިއުޓީ ޝީޓުން ފެނިވަޑައިގަންނަވާނެ ފްރީޓްރޭޑް އެގްރީމެންޓްގައި އަޅުގަނޑުމެނަށް ލިބިފައި މިއޮތް ޑީލު، ރާއްޖޭން ނުބާނާ ހުރިހާ ބާވަތެއްގެ މަހަކަށް ސުންޕަސެންޓް އެބަހުރި، މިތަނުގައި ކިރިޔާވެސް ލިބޭ ބާވަތެއްގެ އެއްޗެއް ވެއްޖެއްޔާ ޔޫރަޕިއަން ޔޫނިއަންގެ ޑިއުޓީއާ ދާދި އެއްވަރެއްގައި ބަހައްޓާފަ ހުރީ،" މަޖިލިސް ރައީސް ވިދާޅުވިއެވެ.

މަޖިލިސް ރައީސްގެ އެ ވާހަކަފުޅާ ގުޅިގެން ނިޒާމީ މައްސަލަ ނަންގަވައި، އެޕްޓީއޭގެ ކަންތަކުގައި ކުރީގެ ސަރުކާރުގައި އެންމެ އިސްކޮށް މަސައްކަތް ކުރެއްވި އޭރުގެ އިކޮނޮމިކް މިނިސްޓަރު އަދި މިހާރުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވީ މަޖިލިސް ރައީސްގެ ވާހަކަފުޅުގައި ކަނޑައެޅިގެން ހެއްދެވީ އިތުރުފުޅެއް ކަމަށެވެ. އެ އެގްރީމެންޓްގައި 296 އައިޓަމް ސުންޕަސެންޓްގައި އެކްސްޕޯޓް ކުރެވޭނެ ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.