ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ ސަރުކާރުގައި، ޗައިނާއާއެކު ހަދާފައިވާ ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) ގައި ރާއްޖޭގެ މަހަށް ޗައިނާއިން ސުންޕަސެންޓްގެ ޑިއުޓީއެއް ކަނޑައަޅާފައި ވަނީ، ރާއްޖޭން ނުބާނާ ބާވަތްތަކަށް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހައްދަވަނީ އިތުރުފުޅު ކަމަށް، އެ އެގްރީމެންޓްގެ ކަންތަކުގައި އޭރު އެންމެ އިސްކޮށް އުޅުއްވި، އަދި އެ އެގްރީމެންޓްގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވި، އޭރުގެ އިކޮނޮމިކް މިނިސްޓަރު މިހާރުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރާ ސުވާލު ކުރަން ކަނޑައަޅާފައި އޮތް ވަގުތުގައި ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު ފިޝަރީސް މިނިސްޓަރު ޒަހާ ވަހީދާ ސުވާލު ކުރެއްވީ އެފްޓީއޭއިން ދިވެހި މަސްވެރިންނަށް ލިބެން ޖެހޭ މަންފާތައް ސަރުކާރުން ހިފަހައްޓާފައިވާ ކަމަށް ވިދާޅުވެ އެ މައްސަލައާ ބެހޭގޮތުންނެވެ.

ޖާބިރަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޒަހާ ވިދާޅުވީ، އެ އެގްރީމެންޓުގެ ކަންކަން ބަލަހައްޓާމުން ގެންދަނީ، ރައީސް އޮފީހާއި ފޮރިން މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީން ކަމަށެވެ. އެއީ ފިޝަރީޒް މިނިސްޓްރީއާ ހަވާލު ކުރައްވާފައިވާ މަސައްކަތެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން، މީގެ ކުރިންވެސް ފިނޭންސް މިނިސްޓަރު މަޖިލީހުގައި ވިދާޅުވެފައިވާ ގޮތަށް، އެ އެގްރީމެންޓަކީ މިވަގުތަށް އޮޕަރޭޝަނަލް އެގްރީމެންޓެއް ނޫން ކަމަށާއި، އެހެންކަމުން އެ އެގްރީމެންޓުން މަސްވެރިންނާއި، އިންވެސްޓަރުންނަށް ލިބެން ޖެހޭ އެއްވެސް މަންފާއެއް ހިފަހައްޓާފައި ނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރުގެ ޖަވާބާ ގުޅިގެން އެފްޓީއޭއާ ބެހޭގޮތުން ވާހަކަ ދައްކަވަމުން، މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އެ އެގްރީމެންޓްގައި ސުންޕަސެންޓް ޑިއުޓީ ކަނޑައަޅާފައިވަނީ ރާއްޖޭގައި ނުބާނާ ބާވަތުގެ މަހަށް ކަމަށެވެ.

"އެ އެގްރިމެންޓްގެ ދަށުން އެއްބަސްވެފައިވާ މަސްވެރިކަމުގެ ބާވަތްތަކުގެ ޑިއުޓީގެ ތެރޭގައި ދިރޭމަސް، އޯނަމެންޓަލް (ޓޭންކުގައި ގެންގުޅޭ) މަހަށް 17.5 ޕަސެންޓް ދިރޭ އެހެން މަހަށް 17.5 ދެން ރާއްޖޭގައި ނުލިބޭ އެއްޗެއް ވެއްޖެއްޔާ ސުންޕަސެންޓް، އެކަހަލަ އެއްޗެއްސަށް ވަރަށް ރަނގަޅަށް ހުރީ، އިއްޒަތްތެރި މެންބަރުން ބައްލަވާލައްވައިފިއްޔާ މި ޑިއުޓީ ޝީޓުން ފެނިވަޑައިގަންނަވާނެ ފްރީޓްރޭޑް އެގްރީމެންޓްގައި އަޅުގަނޑުމެނަށް ލިބިފައި މިއޮތް ޑީލު، ރާއްޖޭން ނުބާނާ ހުރިހާ ބާވަތެއްގެ މަހަކަށް ސުންޕަސެންޓް އެބަހުރި، މިތަނުގައި ކިރިޔާވެސް ލިބޭ ބާވަތެއްގެ އެއްޗެއް ވެއްޖެއްޔާ ޔޫރަޕިއަން ޔޫނިއަންގެ ޑިއުޓީއާ ދާދި އެއްވަރެއްގައި ބަހައްޓާފަ ހުރީ،" މަޖިލިސް ރައީސް ވިދާޅުވިއެވެ.

މަޖިލިސް ރައީސްގެ އެ ވާހަކަފުޅާ ގުޅިގެން ނިޒާމީ މައްސަލަ ނަންގަވައި، ސައީދު ވިދާޅުވީ މަޖިލިސް ރައީސްގެ ވާހަކަފުޅުގައި ކަނޑައެޅިގެން ހެއްދެވީ އިތުރުފުޅެއް ކަމަށެވެ. އެ އެގްރީމެންޓްގައި 296 އައިޓަމް ސުންޕަސެންޓްގައި އެކްސްޕޯޓް ކުރެވޭނެ ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.

ނަމަވެސް މަޖިލިސް ރައީސް ވިދާޅުވީ، އެމަނިކުފާނު ވިދާޅުވީ މަޖިލީހުގައި އޮތް އެ އެގްރީނެންޓްގެ ކޮޕީގައި ހުރި ކަންކަމުގެ ވާހަކަ ކަަމަށާއި އެ އެގްރީމެންޓް ނިންމީވެސް އެ މަޖިލީހުން ކަމަށެވެ. އަދި "ތިބޭފުޅުން އެ އެގްރީމެންޓް ބައްލަވާފައި ނެތް ކަމަށް،" ސައީދާ މުހާތަބު ކުރައްވައި މަޖިލިސް ރައީސް ވިދާޅުވިއެވެ.