ދުނިޔޭގެ ހަކަތައިގެ ވިޔަފާރީގައި އެންމެ ބޮޑު ކުންފުނި، ވިޓޯލް އިން އިހަވަންދިއްޕޮޅުގައި އިތުރު އިންވެސްޓްމަންޓް ކުރާނެކަމުގެ ޔަގީންކަން ދީފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ހއ. ހޯރަފުށީގައި ބައިނަލްއަގުވާމީ ބަންކަރިންގެ ހިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ ބައިނަލްއަގުވާމީ ބަންކަރިން ފަދަ ހިދުމަތްތައް ކުރީ ސަރުކާރުތަކަށް ފެށިފައިނުވަނީ އެ ސަރުކާރުގެ ވެރިންގެ ކިބައިގައި އެކަމަށް ބޭނުންވާ ހިތްވަރު ނެތުމުގެ ސަބަބުން ކަމަށެވެ. މި ސަރުކާރަށް 10 މަސްވީއިރު ސްޓޭޓް ޓްރޭޑިން އޯގަނިޒޭޝަން (އެސްޓީއޯ)އާ ގުޅިގެން ވިޓޯލް ކުންފުނިން މަސައްކަތްކުރަން ނިންމުމަކީ ވިޓޯލް ކުންފުނިން ރާއްޖެއަށް ކުރާ އިތުބާރު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އުފާވެރި ހަބަރަކީ ރާއްޖޭގައި ވިޓޯލް މި ހަ މަސްދުވަހު ކުރި މަސައްކަތުގައި އިއްޔެގެ ވަގުތެއްގައި އަޅުގަނޑުމެން، ރައީސުލްޖުމްހޫރިއްޔާއާ ވެސް އެކުގައި ބައްދަލުވުމެއް އަޅުގަނޑުމެންނަށް ލިބުން އިރުގައި މި ބޭފުޅުން ބައްދަލުކޮށްލީ ހަމައެކަނި ޝުކުރިއްޔާއޭ ދަންނަވާލަން، ކީއްވެގެންތޯ. ވިޓޯލްގެ ބަހުން ބުނާނަމަ އެ ބޭފުޅުން ބަންގުލަދޭޝްއާ އެއްކޮށް، ސްރިލަންކާއާ އެއްކޮށް އަދި ބައެއް ގައުމުތަކާއެކު ވެސް މި ވިޔަފާރިކޮށްފި. މާނައަކީ މިކަމާ ގުޅުންހުރި ވިޔަފާރިތައް. ދިވެހިރާއްޖޭގައި މިހާ އަވަހަށް މިކަން ވެގެން ދިއުން އެ ބޭފުޅުން ރައީސުލްޖުމްހޫރިއްޔާއަށް ދެއްވި އިތުބާރަކީ އިރާދަކުރެއްވިއްޔާ އިތުރު އިންވެސްޓުމެންޓުތައް މި ސަރަހައްދުގައި ކުރާނެކަން. އެއީ އިތުބާރު އުފެދޭ ގޮތަކީ،" ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ބައެއް އިއްޒަތެރި ބޭފުޅުން ވަނީ ވިޓޯލް ފަދަ ކުންފުނިތައް ރާއްޖެ ނައުމަށް ވާހަކަ ދައްކައިފައި ކަމަށާއި އެއީ ގައުމިއްޔަތާ ހިލާފު ވާހަކައެއް ކަމަށެވެ. އެފަދަ ގޮތަކަށް ވިސްނަމުންދާ ފަރާތްތަކުން ދެވަނަ ވިސްނުމަކުން ވިސްނަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އިންވެސްޓަރުންގެ ހިތުގައި ވަހުމް އުފައްދަން ފުރުސަތު ނުދޭނެ ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.

ބަންކަރިންގެ ހިދުމަތާ ގުޅިގެން އަމާޒުވަމުންދާ ފާޑުކިޔުންތަކަށް ރައްދުދެއްވައި ސައީދު ވިދާޅުވީ ބިމެއް ހިއްކައިގެން ބަންކަރިންގެ ހިދުމަތް ދެވޭނީ އެ ހިދުމަތަށް އެކަށީގެންވާ ޑިމާންޑެއް އުފެދިގެން ކަމަށެވެ. ރާއްޖެއަށް މިވަގުތު އެންމެ ރަނގަޅު ގޮތަކީ އޮފް ޝޯކޮށް ހިދުމަތް ފަށައި ހިދުމަތް އިޝްތިހާރުކޮށް ޓްރެފިކް ހޯދުން ކަމަށް ސައީދު ވިދާޅުވިއެވެ.

އިހަވަންދިއްޕޮޅު ކައިރިން ނުވަތަ އެ ސަރަހައްދުން ކޮންމެ ދުވަހަކު 300 ވަރަކަށް ބޯޓު ދަތުރުކުރާ އިރު، އޭގެ ތެރެއިން ކުޑަ ޕަސަންޓެއް ރާއްޖޭގެ ބަންކަރިންގެ ހިދުމަތް ބޭނުންކުރުމަކީ ވެސް ލިބިގެންދާ ކުރިއެރުމެއް ކަމަށް ސައީދު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ވިޝަން ކޮންމެ ހިސާބަކަށް ދިޔަޔަސް، ކޮންމެ އަތޮޅެއްގައި މިކަހަލަ ކަމެއް ކުރިކަމުގައިވިޔަސް އެ މާކެޓް އިންޓްރޮޑިއުސްކޮށްގެން ނޫންގޮތަކަށް މިކަން ކުރެވޭކަށް ނޯންނާނެ. އެހެންވީމަ އަޅުގަނޑުމެން ޝައްކެއް ނުކުރަން މި ޓްރެފިކްގެ އެސްޓީއޯއިން ޓާގެޓް ކުރަނީ އެންމެ ޕަސެންޓަކަށް ކަމުގައިވިޔަސް އަޅުގަނޑުމެންނަށް މިތާނގައި އޮންޕޯޓް ހިދުމަތް ފެށުމަށް ހެޔޮވަރު އަދަދެއް އެއީ،" ސައީދު ވިދާޅުވިއެވެ

މިނިސްޓަރު ވިދާޅުވީ ތެލުގެ ވިޔަފާރިއަކީ ވޮލިއުމްގެ މައްޗަށް ބިނާވެފައިވާ ވިޔަފާރިއެއް ކަމަށެވެ. އެ ވިޔަފާރިއަށް ކެޕިޓަލް އިންވެސްޓުމެންޓަކީ ކޮންމެހެން މުހިންމު ކަމެއް ނޫން ކަމަށް ސައީދު ވިދާޅުވިއެވެ. ބަންކަރިންގެ ހިދުމަތް ފެށުމަށް އެސްޓީއޯއިން ވަނީ 15 މިލިއަން ޑޮލަރާއި 20 މިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް އިންވެސްޓުކޮށްފައި ކަމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅަކީ އާދައިގެ ގޮތަކަށް ބަންކަރިންގެ ހިދުމަތް ފަށައި މަޑުމަޑުން ފުޅާކުރުން ކަމަށް ސައީދު ވިދާޅުވިއެވެ.