ރާއްޖޭގެ މާލީ ހާލަތު މިހާރު އޮތީ ނިޒާމީ ވޯޓެއް ނަގަން އެކަށީގެންވާ ހާލަތެއްގައި ނޫން ކަމަށް ޕީއެންސީގެ ނައިބު ރައީސް، ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު، ރ. ހުޅުދުއްފާރަށް މިރޭ ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ސައީދު ވިދާޅުވީ، ރާއްޖޭގެ އިގްތިސޯދު ބޮޑު އަނދަވަޅަކަށް ވެއްޓިފައިވަނިކޮށް، ވެރިކަމުގެ ނިޒާމު ރިޔާސީ ނިޒާމަކުން، ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަކީ ފިތްކަނޑައިގެންދާ ވަރުގެ ވާހަކަތަކެއް ކަމަށެވެ.

"ބަރުލަމާނީ ވާހަކައެއް ދައްކަނީ، މިއީ ފިތްކަނޑައިގެންދާ ވަރުގެ ވާހަކައެއް. ދައްކަން ހުރި ވާހަކަތައް ވަރަށް ގިނަ ހަގީގަތުގައި. ރާއްޖޭގެ މާލީ ހާލަތު ނިޒާމާ ކުޅެން ތަނެއް ތަނެއް ނުދޭ. 114 ބިލިއަނަށް ރާއްޖެ ދަރުވާލާފައި ދެން ނުބުނެވޭނެ ނިޒާމް ބަދަލު ކުރަން ހިނގާށޭ. ކުރެވޭނެ ކަމެއް ނޫން އެއީ" ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ "އަޅުގަނޑުމެންގެ ކެންޑިޑޭޓު ވެރިކަމަށް ހަމަ ހޮވިހޮވި އޮއްވައި ދެވަނަ ރައުންޑެއްގެ މެދު ތެރެއިން ކޮން ވާހަކައެއް ދައްކަންތޯ މި އުޅެނީ" ކަމަށެވެ. ސައީދު ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނިޒާމީ ވޯޓަކަށް އެއްބަސްވެވަޑައިގެންނެވީ "މޯރަލް ވެލިއުލްސް" އެއް ނެތުމުން ކަމަށެވެ.

މީގެ އިތުރުން ސައީދު ވިދާޅުވީ ރިސޯޓުތަކުގެ ކުލީގެ ޖޫރިމަނާއިން ހަތަރު ބިލިއަން ރުފިޔާ ރައީސް ސޯލިހު މާފުކޮށްދެއް އެއީ ބޮޑު ހިޔާނާޠެއް ކަމަށެވެ. އެއީ ޓެކްސްގެ ގާނޫނުގެ ވުޖޫދުވުމަށްފަހު އެއްވެސް ރައީސުލްޖުމްހޫރިއްޔާއެކު ކުރެއްވިކަމެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.