އައްޑޫސިޓީގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ބައްދަލުކުރައްވައިފި ކަމަށް ބިޒްނަސް ސެންޓާ ކޯޕްރޭޝަން (ބީސީސީ)އިން ބުނެފިއެވެ.
ބީސީސިން އިއްޔެ ބުނީ އެ ބައްދަލުކުރެެއްވުމުގައި އައްޑޫ ސިޓީ ހިމެނޭ ސަރަހައްދުގައި ހަރަކާތްތެރިވާ ވިޔަފާރިތަކަށް ހުރި ގޮންޖެހުންތަކާއި، ވިޔަފާރި ހިންގައި ކުރިއެރުވުމަށް ހުރި ދަތިތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައި އެކަންކަން ހައްލު ކުރުމަށް ކުރެވެން ހުރި ކަންކަމާ ގުޅޭގޮތުން ވިޔަފާރިވެރިންނާއެކު މަޝްވަރާ ކުރައްވައި ވިޔަފާރިވެރިންގެ ސުވާލުތަކަށް މިނިސްޓަރު ޖަވާބު ދެއްވި ކަމަށެވެ.
ރާއްޖޭގެ އިގުތިސޯދުގައި އެ ސަރަހައްދުގެ ވިޔަފާރިވެރިންގެ ދައުރު ފުޅާކޮށް ކުރިއަރުންވަން ބޭނުންވާ ކަންތައްތައްވެސް ބައްދަލުވުމުގެ ބައިވެރިން މިނިސްޓަރު ސައީދަށް ހިއްސާ ކުރެއްވި ކަމަށާއި އައްޑޫ ސިޓީ ސަރަހައްދުގައި ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުތަކާއި ކުރިއަށް އޮތްތަނުގައި ފެއްޓެވުމަށް ރާއްވަވާފައިވާ މަޝްރޫއުތަކާބެހޭ މައުލޫމާތުވެސް ސައީދު ހިއްސާ ކުރެއްވި ކަމަށް ބީސީސީން ބުންޏެވެ.
އެ މަޝްވަރާގެ ތެރޭގައި މަޝްރޫއުތައް އެންމެ އެކަށީގެންވާ ގޮތެއްގައި ހިންގައި ކުރިއަށް ގެންދާނެ ގޮތްތަކާމެދުވެސް މަޝްވަރާ ކުރެއްވި ކަމަށާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ކުރަމުން އަންނަ މަސައްކަތުގައި ގާނޫނީ ގޮތުން ހުރި ގޮންޖެހުންތައް ބައްލަވައި ވިޔަފާރިތަކަށް ފަހި މާހައުލެއް ހޯއްދަވައިދެއްވުމަށް ޓަކައި ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތަކާ ގުޅޭގޮތުންވެސް ވިޔަފާރިވެރިން އިކޮނޮމިކް މިނިސްޓަރާ މަޝްވަރާ ކުރެއްވި ކަމަށް ބީސީސީން ބުންޏެވެ.
ބީސީސީން އިތުރަށް ބުނީ މިނިސްޓަރު ސައީދުގެ ވާހަކައިގައި، ވިޔަފާރިވެރިންނަށް ހުރި ދަތިތައް ހައްލު ކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅާ އެއްގޮތަށް ސަރުކާރުން މަސައްކަތް ކޮށްދެެއްވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.
ސަރުކާރުން އެ ސަރަހައްދުގައި ކުރިއަށް ގެންދިއުމަށް ރާވާފައިވާ މަޝްރޫއުތައް ވީހާވެސް އަވަހަކަށް ފަށައި އޭގެ މަންފާ ރައްޔިތުންނަށް ލިބޭނެ ގޮތް ފަހިކޮށްދިނުމަށް ސަރުކާރުން އިސްކަން ދޭނެ ކަމަށްވެސް މިނިސްޓަރު ސައީދު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު