ރިޕޯޓް

ލޯބިވާއަށް ލޯބިން ފޮނުވި ފޮޓޯއަކުން ބްލެކްމެއިލް ވެ، ޖިންސީ ޝިކާރައިގެ އަޅަކަށް!

އަހުމަދު ސާއިލް އަލީ

4

އުމުރުން 27 އަހަރުގެ އެ އަންހެން ކުއްޖާގެ އަލަތު ލޯބި ނޫނަސް އެ ފިރިހެން ކުއްޖާ އަށް ޓަކައި މުޅި މީހާ ހުސްކުރި އެވެ. ލޯބީގެ ދަޅައިގައި ޖެހި ރަނގަޅަށް މޮޔަވި އެވެ. އޭނާއަށް ވުރެ 10 އަހަރު ދޮށީ އެ ފިރިހެން ކުއްޖާ އޭނާއާ މެދު ފުރަތަމަ ކަންތައް ކުރި ގޮތުން އެއީ "މިސްޓާ ރައިޓް" ކަމަށް ހިތުގެ އަޑިން ގަބޫލު ކުރެވުނެވެ. އެހެންވެ އެ ލޯބީގެ ބޭނުމުގައި އެ ފިރިހެން ކުއްޖާ އެދުނުހާ ކަމެއް އޭނާ ދިޔައީ ކޮށްދެމުންނެވެ. އެންމެ ގިނައިން ފިރިހެން ކުއްޖާ އެދެމުން ދިޔައީ ޖިންސީ ގުޅުންތައް ހިންގުމަށެވެ. އޭނާ އެ އަންހެން ކުއްޖާއަށް ވިސްނައި ދީފައި އޮތީ ލޯބި އިތުރު ވާނީ ގިނައިން އެކަން ކުރި ވަރަކުން ކަމަށެވެ.

"ފުރަތަމަ ކޮޅު ކީކޭ ބުނާނީ އޭނަ ވަރަށް ވަރަށް ރަނގަޅު. އެހާ ކެއާ ކުރާނެ. އަޅުގަނޑު ކުޑަކޮށް ބޮޑާ ހާކާލިޔަސް ހީވާނީ މޮޔަވެދާނެހެން. އެހެންވެ އަޅުގަނޑަށް ވިސްނުނު އޭނާ އަސްލުވެސް ވަރަށް ލޯބިވާކަން. އަޅުގަނޑުވެސް ހުރީ އޭނާއާ ހެދި މޮޔަވާވަރު ވެފަ. އެހެންވެ އޭނާ ގެއްލިދާނެތީ ބުނިހާ ކަމެއް ކުރިން. ދުވަހަކު ވެސް މީހަކަށް ޓްރަސްޓް ނުކުރާ ވަރަށް ޓްރަސްޓް ކުރިން. ތެދަށް ބުނަންޏާ އޭނާއަށް ގޮސް ހުސްވިން،" ޒިންމާދާރު ވަޒީފާއެއްގައި އުޅޭ ފިރިހެން މީހާގެ ލޯބި ލިބުނު ގޮތް ކިޔައިދެމުން އެ އަންހެން ކުއްޖާ ބުންޏެވެ.

ދުވަސްތައް ފާއިތުވެދިޔަ ވަރަކަށް ފިރިހެން ކުއްޖާ އެ ފަދަ އެދުންތަކަށް އެދޭ ގޮތް ބަދަލުވާން ފެށި އެވެ. ގުޅުންތައް ހިންގަން ބައްދަލު ނުވެވޭތީ ފޯނު މެދުވެރިކޮށް އެފަދަ ގުޅުންތައް މަޑު މަޑުން ބާއްވަން ފެށި އެވެ. ފުރަތަމަ ކޮޅު އޯޑިއޯ ކޯލްތަކެވެ. ފަހުން "ސްނެޕް ޗެޓް" އެޕްލިކޭޝަން މެދުވެރިކޮށް ފޮޓޯ އާއި ވީޑިއޯ އެވެ. އެއީ ދިވެހިންގެ މެދުގައި މަގުބޫލު އެޕެކެވެ. އޭގެން ފޮނުވާ ފޮޓޯ އަދި ވީޑިއޯ ބަލާތާ ވަކި ވަގުތެއްގެ ތެރޭގައި ގެއްލޭތީ ގިނަ ބަޔަކު އެއަށް އިތުބާރު ކުރަނީ އެވެ. ނަމަވެސް ސްކްރީން ރެކޯޑްކޮށްގެން ނުވަތަ އެހެން ފޯނަކުން އެ ފޮނުވި މަންޒަރުގެ ފޮޓޯ ނަގައިގެން އެތައް ބަޔަކަށް ލަނޑު ލިބިފައި އެބަހުއްޓެވެ. އެ އަންހެން ކުއްޖާއަށް ވެސް ވީ އެހެނެވެ.

"އަޅުގަނޑުވެސް ވަރަށް ގިނަ ރިލޭޝަންޝިޕްތަކުގައި އުޅުނިން. އެކަމަކު ދުވަހަކު ވެސް އެގޮތަށް ފޮޓޯ ނޫނީ ވީޑިއޯއެއް ނުފޮނުވަން. އެކަމަކު އޭނަ ކިޔާ ވަރުން އަޅުގަނޑު ފޮނުވަން ފެށީ. ފުރަތަމަ ފޮނުވީ ހަމައެކަނި ހަށިގަނޑު. ދެން އޭނަ ބުނާނެ ވަރަށް ލޯތްބޭ. އެހެން ކިޔައިގެން ހައްދާނެ. ދެން ފަހުން ބުނަނީ މޫނު ވެސް ފެންނަ ގޮތަށް ފޮނުވަން. އަޅުގަނޑު ބުނީ ނޫނެކޭ. ބޮޑީ ފެނުނީމަ ބޭބީއަށް އެނގޭނެ ނޫންހޭ މިއީ (އަންހެން ކުއްޖާގެ ނަން) ކަން. އެކަމަކު އޭނާ ކުރެއް ނުކުރޭ. ބުނަނީ ތި ލޯބި ނުވަނީ އޭ. ޓްރަސްޓް ނުކުރަނީ އޭ. ކިހިނެއްހޭ ޓްރަސްޓް ނުކުރަންޏާ އުޅޭނީ. އެހެންވެ ފަހުން މޫނާއެކު ފޮނުވަން ފެށީ،" ރޮމުން ރޮމުން އުނދަގުލާއެކު ވާހަކަ ދައްކަމުން އެ ޒުވާން އަންހެން ކުއްޖާ ބުންޏެވެ.

އޭރުވެސް ފިރިހެން ކުއްޖާއަށް މާބޮޑު ބަދަލެއް ނާދެ އެވެ. އެބުނާ ލޯތްބާއި އަޅައިލުން ދިޔައީ ދެމުންނެވެ. ނަމަވެސް ދުވަސް ވާވަރަކަށް އޭނާއަށް ބަދަލު އަންނަކަން އޭނާއާ ހެދި މޮޔަވެފައި ހުރި އަންހެން ކުއްޖާއަށް ފާހަގަވާން ފަށައިފި އެވެ. ކުރިން އަބަދު ކައިވެނި ކުރުމުގެ ވާހަކަ ދައްކަމުން އައި ފިރިހެން ކުއްޖާގެ ރާގު މުޅިން ބަދަލުވާން ފެށި އެވެ. އެކަން ވެސް ވާން ހުރެއްޖެނަމަ ވާނެ ކަމަށް ބުނުން ފަދަ ކަންފަސޭހަ ގޮތްގޮތަށެވެ.

"އެހެން ޖޭންޗް ވަމުން ގޮސް ފަހުން ހަމަ މުޅި މީހާ އެއްކޮށް ބަދަލުވި. ސެކްސް ނޫން ކަމަކަށް އަޅުގަނޑު ގާތަކަށް ނާދޭ. އެކަން ވީމަ އެ ނިމުނީ. ދެން އަޅުގަނޑު ކޮބައިތޯ ވެސް ބަލައި ނުލާނެ. ޝަކުވާ ކުރީމަ ފުރަތަމަ ބުނަނީ ބިޒީއޭ. އެހެން އުޅެނިކޮށް އަޅުގަނޑަށް އެނގުނީ އޭނާ ޗީޓް ކުރިކަން (އެހެން ކުއްޖަކާ ގުޅުން ބާއްވާކަން). ދެން އަޅުގަނޑު ހަމަ އެއްކޮށް ޑިޕްރެސް ވެއްޖެ. ވަގުތުން ބުނިން މިވަރުން ނޫޅެވޭނޭ. ބުނީމަ އޭނާ ފޮނުވީ އަޅުގަނޑު ކޮށްފައި ހުރި ސްނެޕްތަކުގެ ސްކްރީން ޝޮޓް. ފޮނުވާފައި ބުނީ ޖެހޭނީ ހުންނަންށޭ. އެހެން ނޫނީ ބޭޒާރު ވާނޭ،" އެ ހިސާބަށް ބުނެވުނުތަނާ އެ އަންހެން ކުއްޖާއަށް ބާރަށް ރޮއިގަނެވުނެވެ.

ތިމާގެ އަމިއްލަ ނަފުސަށްވުރެ އިތުބާރު ކުރި މީހާ އެ ފޮޓޯތައް ފޮރުވާފައި ހުންނާނެ ކަމަކަށް އޭގެ ކުރިން އެ އަންހެން ކުއްޖާ ވިސްނާފައެއް ވެސް ނެތެވެ. ފޮޓޯތައް ލީކް ކޮށްލާނެ ކަމުގެ އިންޒާރާއެކު ދެން އެ ފިރިހެން ކުއްޖާގެ ފަރާތުން ފެންނަމުން ދިޔައީ ހަރުކަށި ކަމާއި އަނިޔާވެރި ކަމެވެ.

"ހަމަ ގުޅާފަ ބުނާނެ މިވެނި ގަޑިއަކު ހަދަން (ކައިވެނިން ބޭރުން ޖިންސީ ގުޅުން ހިންގަން) ބޭނުމޭ އެ ވަގުތު ހުންނަން ޖެހޭނީ އޭނާގެ އެޕާޓްމަންޓުގައޭ. ދެން އަޅުގަނޑަށް ހަގީގަތުގަ ވެސް ހީވި އަޅުގަނޑު މިއީ ސެކްސް ޓޯއީ އެކޭ. އެކަން ކުރަން ހުރި އަޅެކޭ. އެ ނޫން އެއްކަމެއް ވެސް ފަހުން އޭނާގެ ފަރާތުން ނުލިބޭ،" މެދުރާއްޖެތެރޭ ރަށަކަށް އުފަން އަންހެން ކުއްޖާ ބުންޏެވެ.

ހެދުނު ގޯހަކުން، ލޯބި އަނިޔާވެރިކަމާއި ބިރުދެއްކުމަށް ބަދަލުވެގެން ދިއުމުން ނަފްސާނީ ގޮތުން އެ އަންހެން ކުއްޖާއަށް އެތައް އަސަރެއް ކުރި އެވެ. ވަޒީފާއަށް ދެމުން އައި ސަލާމުކަން ކުޑަވެ މަސައްކަތަށް ފަރުވާ ކުޑަ ކުރެވެން ފެށުނެވެ. ކުރިން ރައްޓެހިންނާއި އާއިލާއެކު ސަކަރާތް ޖަހައި އުފާކޮށް އުޅުނު ޒުވާނާ އަބަދު އެކަނިވާން ބޭނުންވި އެވެ. ކެއިންބުއިމަށް ފަރުވާ ކުޑަކުރެވި ބަލިކަން ފާހަގަ ކުރެވޭ ވަރަށް ހިކެން ފެށި އެވެ.

"އަޅުގަނޑަށް ހަމަ ސުއިސައިޑް ތޯޓްސް (އަމިއްލައަށް މަރުވުމުގެ ވިސްނުން) އަންނަން ފެށި. ވަރަށް ވަރަށް ޑިޕްރެސްވި. މޮޔަވާ ވަރުވި. ކުރެވުނު ފާފަތައް ހިތަށް އަރައި އަބަދު ރޮވެނީ. ތައުބާވާން ބޭނުންވި. އެކަމަކު ފޮޓޯ ލީކް ކޮށްފާނެތީ ހަމަ އެކަން (ޒިނޭ) ކޮށްކޮށް ހުރުން ނޫން ގޮތެއް އޭރު ނެތް ކަމަށް ވިސްނުނީ. ފަހުން އެއްގޮތަކަށް ވެސް އެކަން (ޒިނޭ) ކުރަން ބޭނުމެއް ނުވި. ވިސްނުނު އަސްލު ދީނުގައި އެކަންކަން ހަރާމް ކުރައްވާފައި ވަނީ ކީއްވެކަން،" ތައުބާވާން ވިސްނުނު ގޮތް ބުނެދެމުން އެ ޒުވާނާ ބުންޏެވެ.

ކަމުގެ ބާވަތުން އާއިލާ މީހެއްގެ ގާތުގައި ވެސް އަދި ރައްޓެއްސެއްގެ ގާތުގައި ވެސް އެ ވާހަކަ ބުނަން އޭނާއަކަށް ނުކެރުނެވެ. އެ މީހުންނަށް އޭނާ އެނގިފައިވާނީ ބަސް އަހާ ކިޔަމަންތެރި ކުއްޖެއްގެ ގޮތުގައިކަން އޭނާއަށް އެނގޭތީ އެ މީހުންގެ ގާތުގައި އެފަދަ ވާހަކައެއް ބުނަން ނުކެރުނީ އެވެ. ނަމަވެސް އެ އަނިޔާއަށް އަބަދު އޭނާއަކަށް ކެތެއް ނުވި އެވެ. އެންމެ ފަހުން ކޮންމެ ގޮތެއް ވަރިހަމަ ކަމަށް ބަލައި އެ ފިރިހެން ކުއްޖާގެ އެދުންތަކަށް ދެކޮޅު ހެދި އެވެ. ނަތީޖާއަކަށްވީ ސޯޝަލް މީޑިއާ ޕްލެޓްފޯމެއްގައި ފޮޓޯތައް ލީކްކޮށްލުމެވެ.

"މަންމަ ވެސް ކިރިޔާ މޮޔަ ނުވީ. މުޅި ރަށުގައި އެ ވާހަކަ. ފަހުން ލަދުން ވަޒީފާއަށް ވެސް ނުގޮސް ގޭގަ އޮތީ. ހަމަ ކޮޓަރީގައި. ގޭ މީހުންނާ ހަތަރުކަޅި ހަމަ ކުރަން ވެސް ނުކެރޭ. އޭރު އަޅުގަނޑު އުޅުނު ހާލު ހިތައް ގެންނަން ވެސް ބޭނުމެއް ނޫން. ވަރަށް ވަރަށް ހާލުގައި އުޅުނީ،" މީގެ އަހަރެއްހާ ދުވަސް ކުރިން ހިނގި ކަންކަން ކިޔައިދެމުން އެ އަންހެން ކުއްޖާ ބުންޏެވެ.

ކުށެއް އެކަމަކު އާއްމު ކަމެއް

ދީނުގައި ހަރާމް އަދި ގާނޫނީ ކުށެއް ކަމުގައި ވިޔަސް ކައިވެނީގެ ބޭރުން ޖިންސީ ގުޅުން ހިންގުމަކީ ރާއްޖޭގައި އާންމު ކަމެކެވެ. އެވަރުން އަދި މިހާރު ނިމުނީއެއް ނޫނެވެ. ލޯބި އިތުރު ކުރުމަށް ކަމަށް ބުނެ އެކަކު އަނެކަކަށް ބަދުއަހުލާގީ ފޮޓޯ ފޮނުވުމަކީ ވެސް ވަރަށް އާއްމު ކަމެކެވެ. އެއީ މައްސަލައެއް ކަމަކަށް އަދި ގޯހެއް ކަމަކަށް ގިނަ ލޯބިވެރިން ގަބޫލެއްވެސް ނުކުރެ އެވެ. އެކަމަކު ހަގީގަތަކީ ލޯބި އިތުރުކުރުމުގެ ނަމުގައި ފޮޓޯ އާއި ވީޑިއޯ ސޯޝިއަލް މީޑިއާ މެދުވެރިކޮށް ފޮނުވުމުން އެއީ މަގުމަތީގައި ހުރެ އަމިއްލައަށް އޮރިޔާން ވުން ފަދަ ކަމެކެވެ.

"ބްލެކްމެއިލް ކޭސްތަކުގައި ހަމަ ގިނައީ ތިކަން (ބަރަހަނާ މަންޒަރު ލީކް ކުރާނެ ކަމަށް ބުނެ ބިރު ދެއްކުން). ކޯޓް އަމުރު ހޯދައިގެން ގިނަ ފޯންތައް ހުޅުވައި އެވިޑެންސް ހޯދަން ޖެހެނީ ތިފަދަ މައްސަލަތަކުގައި. ގިނަ ބަޔަކަށް އެކަން އެއްވެސް ކަމަކަށް ނުވަނީ. ދެން ބްލެކްމެއިލް ކޮށްކޮށް އެތައް ކަމެއް ހިނގާ ފަހުން މައްސަލަ މި ރިޕޯޓް ކުރަނީ. އެ ވެސް ގިނަ ފަހަރު ލީކް ކޮށްލާ ހިސާބުން،" ފުލުހުންގެ ތަހުގީގުގައި އުޅޭ އޮފިޝަލަކު ވިދާޅުވި އެވެ.

ތިމާގެ އަމިއްލަ ބަރަހަނާ ފޮޓޯ ނެގުމަކީ ވެސް ބޮޑު ކުށެކެވެ. އެއީ އޮރިޔާން ކާޑް އުފެއްދުމެވެ. އެކަމުގެ ކުށަކީ އެއް އަހަރަށް ވުރެ ދިގު ޖަލު ހުކުމް އަންނަ ކުށެކެވެ. އަމިއްލަ މީހާގެ ވެސް ބަރަހަނާ ފޮޓޯއެއް ނުނެގޭނެ އެވެ. އެފަދަ ފޮޓޯތައް ނަގައި އެހެން މީހުންނަށް ފޮނުވާނަމަ އެކުރެވެނީ އަދި މާބޮޑު ކުށެކެވެ.

ފުރަތަމަ ވެސް ބުނަންވީ ނޫނެކޭ

އެފަދަ ކަންކަމަށް އޮތް ހައްލަކީ އިސްލާމީ އަހުލާގެވެ. ކުށް ފާފަތައް ނުކުރުމެވެ. މަންޒަރުތައް ލީކް ކުރާނެ ކަމުގެ ބިރު ދައްކައި ފައިސާ ހޯދަން ނުވަތަ އެކިއެކި ގުޅުންތައް ހިންގަން އެދުމުން ބިރުން އެކަން ކޮށްދޭނަމަ އެއީ ހެދޭ ގޯހެކެވެ. އެވަރުން އެކަމެއް ނުހުއްޓޭނެ އެވެ. ދުވަހަކަށް ވުރެ ދުވަހެއް އެކަން ކުރާ މީހުންގެ ޑިމާންޑް ކުރާނީ އިތުރެވެ. އެހެންކަމުން ފުރަތަމަ ވެސް ކުރަން ޖެހޭ ކަމަކީ އެކަން ކަމާ ބެހޭ ފަރާތްތަކަށް ހުށަހެޅުމެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވިގޮތުގައި ހޮޓްލައިން 119 އަށް ގުޅައި އެފަދަ މައްސަލަތައް ރިޕޯޓް ކުރުމުން ސީރިއަސް ކަމެއްގެ ގޮތުގައި އެފަދަ މައްސަލަތައް ތަހުގީގު ކުރާނެ އެވެ. ވިކްޓިމްއަށް ދޭން ޖެހޭ ރައްކާތެރިކަން ފުލުހުން ދޭނެ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ބްލެކްމެއިލް ކުރަން ކޮށްފައި ހުންނަ ކަންކަމުގެ ހެކިތައް ރައްކާކޮށްފައި ބެހެއްޓުމަކީ ވެސް މުހިންމު ކަމެކެވެ. އެގޮތުން ފޮޓޯ ނުވަތަ ވީޑިއޯ ލީކް ކުރާނެ ކަމަށް ބުނެ ދޭ އިންޒާރާއި ވަކި ކަމެއް ނުވަތަ ވަކި އެއްޗެއް ދިނުމަށް އަންގާއިރު އެ މެސެޖްތައް ނުވަތަ އޯޑިއޯތައް ރެކޯޑްކޮށްފައި ބަހައްޓަން ވާނެ އެވެ. މައްސަލަ ފުލުހަށް ހުށަހަޅާއިރު ހެކީގެ ގޮތުގައި ބޭނުން ކުރުމަށެވެ.

ބްލެކްމެއިލްގެ ޝިކާރަކަށް ވެފައިވާ ދިވެހިންނަށް ބަލާއިރު އޭގެ ތެރޭގައި ކުޑަ ކުދީންނާއި ޒުވާނުންގެ އިތުރުން މެދު އުމުރުގެ މީހުން ވެސް ހިމެނެ އެވެ. ގިނަ ފަހަރަށް އެކަމުގެ ޝިކާރައަކަށް އަންހެނުން ވާއިރު ފިރިހެނުންނަށް ވެސް އެކަން ދިމާވެފައި އެބަހުއްޓެވެ. އޭގެ ތެރޭގައި ޒިންމާދާރު ވަޒީފާތަކުގައި ތިބި އެތައް ބައެއް ވެސް ހިމެނެ އެވެ. ކުރެވޭ ކުށެއްގެ ސަބަބުން މީހާގެ އަބުރުގައި ލައްގަނޑެއް ޖެހި މުޅި ދުނިޔެއަށް ބޭޒާރު ވަނީ އެވެ. ތިމާ އަމިއްލައަށް ފޮނުވި ބަރަހަނާ މަންޒަރުތައް ލީކް ވެދާނެ ކަމުގެ ބިރަށް އެތައް ހާސް ރުފިޔާއެއް ދޭން ޖެހުމުގެ އިތުރުން އެތައް އަނިޔާއެއް ލިބިފައިވާ އެތައް ދިވެއްސަކު އެބަ ތިއްބެވެ. އެހެންކަމުން އެފަދަ ކަންކަމަށް އަދި ވެސް ވިސްނަވާށެވެ!

ލޯބީގެ އަވައިގައި ޖެހި ޒަމާނީ ގޮތްގޮތަށް އުފާ ކުރަން ކުރެވޭ ނޭދެވޭ ކަންކަމުގެ ސަބަބުން އެތައް ބައެއްގެ ދިރިއުޅުން މިވަނީ ފުން އަނދަވަޅެއްގެ ތެރެއަށް ވެއްޓިފަ އެވެ. އިތުބާރުކޮށް، ލޯބިން ކުރާ ކަމެއްގެ ސަބަބުން މުޅި އުމުރަށް ރޯން ޖެހިފައިވާ މީހުން މަދެއް ނޫނެވެ. މި ޒުވާން އަންހެން ކުއްޖާގެ ހާދިސާ ވެސް އިބުރަތަކަށް ފުދެ އެވެ. ވީ ލޯބިން އޭނާ ފޮނުވި ފޮޓޯއިން ދިރިއުޅުން ވެއްޓުނީ އަނދަވަޅަކަށެވެ.