ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާއިން ދެ ކުއްޖަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ ދެ ކުއްޖެއްގެ ކިބައިން ކޮވިޑުގެ އަލާމާތްތައް ފެނިގެން މިމަހުގެ އަށްވަނަ ދުވަހު ސާމްޕަލް ނަގާފައިވާ ކަމަށާއި އިއްޔެ އެ ދެ ކުދިންގެ ސާމްޕަލްގެ ނަތީޖާ ލިބުނު އިރު ކޮވިޑަށް ޕޮޒިޓިވް ކަމަށެވެ.

"ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި ދެ ކުއްޖަކު ބަލީގެ އަލާމާތްތައް ފެނިގެން ބުރާސްފަތި ދުވަހު ސާމްޕަލް ނެގި. އިއްޔެގައި ރެޒަލްޓް އައި އިރު މި ދެކުދިންވެސް ވަނީ ޕޮޒިޓިވްވެފައި،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ، އެ ދެ ކުދިން ޕޮޒިޓިވްވުމުން ހެދި ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން 89 ކޮންޓެކްޓުން ދެނެގަނެވިފައިވާ ކަމަށެވެ. އަދި ބަލީގެ އަލާމާތްތައް ހުރެގެން އިއްޔެ ހަތަރު ކުއްޖެއްގެ ސާމްޕަލް ނެގި ކަމަށާއި އެކުދިން ބައްޔަށް ނެގެޓިވްވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ. ނަޒްލާ ވިދާޅުވީ، މިއަދު ހަވީރުގެ ވަގުތެއްގައި ކުޑަކުދިންގެ ހިޔާއިން 86 މީހެއްގެ ސާމްޕަލް ނަގާފައިވާ ކަމަށެވެ.

ކުޑަކުދިންގެ ހިޔާއިން ދެ ކުއްޖަކު ކޮވިޑަށް ޕޮޒިޓިވްވުމުން ޖެންޑާ މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، ޕޮޒިޓިވްވި ދެކުދިން ފެސިލިޓީއަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ ދެކުދިންގެ ހާލު ރަނގަޅު ކަމަށެވެ.

މިނިސްޓްރީން ބުނީ، ކުޑަކުދިންގެ ހިޔާއަށް ވަދެ ނުކުމެ އުޅުން ވަގުތީ ގޮތުން މެދުކަނޑާލައިފައިވާ ކަމަށާއި އެ ސެންޓަރުގައި އުޅޭ ކުދިންނާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފިޔަވަޅުތައް އަޅައިފައިވާ ކަމަށެވެ.

ކުޑަކުދިންގެ ހިޔާއިން ދެ ކުއްޖަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ އިރު، މީގެ ކުރިންވެސް އެ ސެންޓަރުން ކުއްޖަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި ހުޅުމާލޭގައި ހުންނަ ފިޔަވަތިންވެސް ވަނީ 23 މީހަކު މިފަހުން ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި 11 ކުއްޖަކުވެސް ހިމެނެއެވެ.