ހާއްސަ ގައިޑްލައިނެއް އެކުލަވާލައި، ކްލަބުތަކުގެ ފަރިތަކުރުންތަކަށް ހުއްދަ ދިނުމަށް ނިންމައިފިއެވެ.
ގައިޑްލައިނަކާއެކު ފަރިތަކުރުންތައް ފެށުމުގެ ހުއްދަ އެޗްޕީއޭއިން އެފްއޭއެމްއަށް ދީފައިވާކަން އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒް (ޖަވާ) ވަނީ "ވަން އޮންލައިން" އަށް ޔަގީން ކޮށްދެއްވައިފައެވެ.
ޖަވާ ވިދާޅުވީ ގައިޑްލައިނެއް އެކުލަވައިލުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި، އެޗްޕީއޭގެ ފަރާތުން ފަރިތަކުރުންތަކަށް ފެހި ސިގްނަލެއް ދީފައިވާ ކަމަށެވެ. ގައިޑްލައިން އެކުލަވައިލެވުނުހާ އަވަހަކަށް ފަރިތަކުރުންތަކަށް ފުރުސަތު ދެވޭނެ ކަމަށްވެސް ޖަވާ ފާހަގަކުރެއްވިއެވެ.
ފުޓުބޯޅަ ފަދަ ކޮންޓެކްޓް ސްޕޯޓްސްއެއް ފަށައިގަންނަން ހުއްދަ ދިނުމަކީ ރިސްކް ބޮޑު ކަމެއް ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ވަނީ މި ހަފްތާ ތެރޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައެވެ. އެހެންނަމަވެސް، ޑިސެމްބަރު މަހަށް ފަށަން ތާވަލުކޮށްފައިވާ ސީޒަނަށް ފަރިތަކުރުންތައް ނުފެށި ލަސްވާތީ އެކަމުގެ ކަންބޮޑުވުންތައް ކްލަބުތަކުން ދިޔައީ އޭރުވެސް އުފުލަމުންނެވެ.
"ކުރިއަށް އޮތް ތަނުގައި ކޭސްތައް ދަށްވާ އަދަދަށް ބަލާފަ ފިޔަވަޅުތަކަށް ލުއި ދެމުންދާނީ. ކޮންޓެކްޓް ސްޕޯޓްސް ކުޅޭއިރު މާސްކެއް ނޭޅޭނެ، ދުރުމިނެއް ނުބެހެއްޓޭނެ. އޭގެ އިތުރަށް އެފަދަ ކަންކަމުގައި އުޅޭއިރު ބާރަށް ނޭވާލުމާ ކަންކަންވެސް ދާނެ. އެހެންވީމަ ވައިރަސް ހުރި މީހެއްގެ ފަރާތުން ބަލި ފެތުރުމުގެ ވަރަށް ބޮޑު ޗާންސެއް އޮތް ކަންކަން މި ކަންކަމަކީ. އެހެންވީމަ ރިސްކް ހައި ކަމެއް އެއީ. އަދި އިތުރަށް ބަލަން ޖެހޭ ކަމެއްކަން ފާހަގަ ކޮށްލަން،" އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެފައިވެއެވެ.
ފުޓުބޯޅަ ކޯޗުންނާއި ކުޅުންތެރިންނަށް އާމްދަނީ ލިބޭނެ ގޮތްތައް، ކޮވިޑް 19 އާއި ގުޅިގެން ބަންދުވެފައިވާއިރު، އެކަންކަމުގެ ކަންބޮޑުވުންތައް ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ހަމައަށް ގެންދިއުމަށް ރާއްޖޭގެ ފުރަތަމަ ޑިވިޝަންގެ ކޯޗުން އަންނަނީ މަސައްކަތް ކުރަމުންނެވެ. ކޮވިޑް 19 އާއި ގުޅިގެން މިދިޔަ ސީޒަންގެ އެފްއޭކަޕް ނުނިންމައި ފުޓުބޯޅަ ހުއްޓާލާފައިވުމާއެކު އޭގެ ފަހުން އެކަޑެމީތަކާއި، ފަރިތަކުރުންތައްވެސް ކުރިއަށް ގެންގޮސްފައެއް ނުވެއެވެ.
އޭއެފްސީ ކަޕަށް ތައްޔާރުވަމުންދިޔަ މާޒިޔާއަށް ފަރިތަކުރުންތަކަށް ފުރުސަތު ދިން ނަމަވެސް، އޭއެފްސީ ކަޕް ކެންސަލްވުމުން މާޒިޔާއިން ވަނީ ފަރިތަކުރުންތައް ހުއްޓާލައިފައެވެ. ގައުމީ ޓީމުން ކުޅެން އޮތް މެޗުތައްވެސް އިތުރަށް ފަސްވެފައިވާއިރު، އެ މެޗުތަކަށް ކުރި ފަރިތަކުރުންތައްވެސް ޖެހުނީ މެދުކަނޑާލާށެވެ.
ކޮވިޑް 19 އަށް މެދު ކަނޑާލުމަށްފަހު ޔޫރަޕްގެ ގިނަ ގައުމުތަކުގެ ފުޓުބޯޅަ އަލުން ފަށައި، ގައުމީ ޓީމުތަކުގެ މެޗުތައްވެސް މިހާރު ވަނީ ކުޅެން ފަށައިފައެވެ. ޔޫރަޕްގެ ފުޓުބޯޅަ ކުޅުންތެރިންވެސް ކޮވިޑަށް ޕޮޒިޓިވް ވެ މިހާރުވެސް ބައެއް މެޗުތަކުގެ ކުރިން ކަރަންޓީނު ވާން ޖެހެއެވެ. އެހެންނަމަވެސް ކޮވިޑަށް ޕޮޒިޓިވް ވާ ކުޅުންތެރިންގެ އަދަދު ވަރަށް ބޮޑަށް މަދުކަން ފާހަގަ ވެއެވެ. ސަބަބަކީ ހުރިހާ ކުޅުންތެރިންވެސް ހަރަކާތްތެރިވަނީ ވަކި ހާއްސަ "ބަބުލް"އެއްގެ ތެރެއިން ކަމަށްވާތީއެވެ.
ކުޅުންތެރިން ވަކި "ބަބުލް"އެއްގެ ތެރެއިން ދަތުރުކުރުމާއި ތަމްރީނުތައް ހެދުމުގައިވެސް ސިއްހީ މާހިރުންގެ އުސޫލުތައް ގެންގުޅެމުންދާތީ ކްލަބެއްގެ ތެރޭގައިވެސް ވައިރަސް ފެތުރިގަތުމަށް ޖާގައެއް ނޯވެއެވެ. ލީގުގައި ކުޅުން ކުރިއަށްދާއިރުވެސް ބެންޗުގައި ތިބޭ ކުޅުންތެރިންވެސް މާސްކް އަޅައި ގައިދުރުކޮށް ފެންނައިރު، އަދިވެސް ގިނަ ލީގުތަކަށް އެއްވެސް ވަރަކަށް ސަޕޯޓަރުން ނުވައްދައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު