ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު އޮޑި ސްޕޯޓްސް ކްލަބާއި ކްލަބު އީގަލްސް ވާދަކުރި މެޗު ގޯލެއް ނުޖެހި އެއްވަރުވެގެން ނިމިއްޖެއެވެ.

މިއަދުގެ މެޗު 0-0 ގެ ނަތީޖާއަކުން އެއްވަރުވުމާއެކު އީގަލްސް މިވަގުތު ދެވަނައިގައި އޮތީ ފަސް މެޗުން 11 ޕޮއިންޓާއެކުގައެވެ. މިހާތަނަށް އައިއިރު އީގަލްސް އަދި ބަލިވެފައި ނުވާ އިރު، އެޓީމުން އެންމެފަހުން ކުލުނު ދެމެޗުން ވަނީ އެއްވަރުވެފައެވެ. ވިކްޓްރީ ސްޕޯޓްސް ކްލަބު އެއްވަނައިގައި ފަސް މެޗުން 13 ޕޮއިންޓާއެކު އޮތް އިރު، އޮޑި ސްޕޯޓްސް ކްލަބު ހަތަރު ވަނައިގައި އޮތީ ފަސް މެޗުން އަށް ޕޮއިންޓާއެކުގައެވެ.

ތަފާތު ފޯރިގަދަކޮށް މިފަހަރުގެ ލީގު ރޭސް މިހާތަނަށް ފެނިގެން ގޮސްފައިވާ އިރު، ތިންވަނައިގައި މިވަގުތު އޮތީ މާޒިޔާސްޕޯޓްސް އެންޑް ރެކްރިއޭޝަނެވެ. އެހެން ނަމަވެސް މިރޭ ބުރު ސްޕޯޓްސް ކްލަބު ބަލިކޮށް، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ތިންވަނައަށް ޖެހިލުމަށް ފުރުސަތު އެބައޮތެވެ. އެޓީމު މިރޭ މޮޅުވެއްޖެނަމަ، އީގަލްސްއާ ޕޮއިންޓްގެ ގޮތުން ހަމަހަމަވެސް ވާނެއެވެ.

މެޗުގެ ބޮޑުބައެއް ބޯ ވާރޭގައި ކުޅެން ޖެހިފައިވާ އިރު، މެޗު ފެނުނީ ހަމަލާތައް މަދުކޮށެވެ. އޮޑީގެ އަހުޒަމް ރަޝީދު (އަހު)ގެ ނުރައްކާތެރި ދެ ހަމަލާއެއް ފެނުނު އިރު، އޭނާގެ ހަމަލާއެއް ކުރީކޮޅުގައި އީގަލްސްގެ ކީޕަރު ޕާކިސްތާނުގެ ސާގިބް ހަނީފް ވަނީ މަތަކޮށްފައެވެ.

އޭގެފަހުންވެސް އޮޑި ބޮޑަށް ނުރައްކާކޮށް ފެނުނު ނަމަވެސް އެޓީމަށްވެސް އެންމެ ކާމިޔާބު އެޓޭކެއް އުފެއްދިފައެއް ނުވެއެވެ. އޭގެފަހުން ބުރުން ފޮނުވާލި ބައެއް ހަމަލާތައް ސާގިބު މަތަކުރިއެވެ.

މެޗުގައި އީގަލްސްއިން ކުރި އެޓޭކްތަކުން އޮޑީގެ ގޯލަށް ނުރައްކާ ނުކުރެވުނު ނަމަވެސް، އެޓީމަށްވެސް ވަނީ ކުރިއަށް ޖެހި ހަމަލާތައް އުފައްދަން ފުރުސަތު ފަހިވެފައެވެ. އެހެން ނަމަވެސް މެޗު ނިމުނީ ދެޓީމަށްވެސް ޕޮއިންޓަކާއެކު ގޯލެއް ނުޖެހިއެވެ.

ލީގުގައި މިރޭ އޮންނާނީ ނިއު ރޭޑިއަންޓާއި ބުރު ބައްދަލުރާ މެޗެވެ.