ރާއްޖޭގެ ދިވެހި ޕްރިމިއާ ލީގުގައި ކުޅޭ ޓީމުތަކުގެ ފެންވަރު ރަނގަޅުވެ، ލީގު ރަނގަޅުވަމުންދާ އިރު، ރެފްރީންގެ ފެންވަރުވެސް މަތިވާން ޖެހޭ ކަމަށް ކްލަބު އީގަލްސްގެ ކޯޗު އަބްދުﷲ ހަނީފް (ބެންޖޯ) ބުނެފިއެވެ.
އީގަލްސްއިން މިއަދު އޮޑި ސްޕޯޓްސް ކްލަބާ ދެކޮޅަށް ނުކުންނަ އިރު، އީގަލްސްއިން އެންމެފަހުން ކުޅުނު މެޗުގައި ދިއްދޫގައި ކުޅެ، އެ ރަށާ އެއްވަރުވީ 2-2 އިންނެވެ. އެއީ ފަހުވަގުތުއެވެ. އެއީ މިހާތަނަށް އީގަލްސްއަށް ޕޮއިންޓް ގެއްލުނު ހަމައެކަނި މެޗެވެ. ބެންޖޯ ބުނީ މިއަދު ހަވީރު އިދިކޮޅަށް ނުކުންނަ ޓީމު އޮޑިއަކީ މިދިޔަ ސީޒަނާއި މިސީޒަނަށް ބެލިޔަސް މިހާރު ވަރުގަދަ ޓީމުތަކުގެ ލިސްޓްގައި ހިމެނޭނެ ޓީމެއް ކަމަށެވެ.
އޭގެ އިތުރުން ބެންޖޯ ފާހަގަކުރީ ދިއްދޫ މެޗުގައި އީގަލްސްއާ ދެކޮޅަށް ގޯސް ނިންމުންތަކެއް ނިންމިތަން ރެފްރީގެ ފަރާތުން ފެނުނު ކަމަށެވެ.
"ދިއްދޫ މެޗު އަވޭގައި ކުޅުނު އިރު، އެމެޗުގައި އީގަލްސްއާ އިދިކޮޅަށް ފުދޭވަރަކަށް ގިނަ ނިންމުންތައް އައިސްފައި ހުރި މެޗެއް އެއީ. ރެފްރީގެ ބައިވަރު ގޯސް ނިންމުންތަކެއް ފެނުނު މެޗެއް އެއީ. އެހެންވީމަ އަސްލު އެހާ އުނދަގޫވީ ދިއްދޫ މެޗު. އީގަލްސް ސައިޑުން ވިސްނަންޏާ ވަރަށް ގޯސް ނިންމުންތައް ފެނުނު މެޗެއް އެއީ. ލީގު މިހެން ވަރުގަދަވާ ވަރަކަށް ރެފްރީންގެ ފެންވަރުވެސް ރަނގަޅުވާން ޖެހޭ. ކްލަބުތައް އެކަނި މަސައްކަތްތަކޮށްގެން ފުޓުބޯޅައެއް ރަނގަޅުނުވާނެ،"
ބެންޖޯ ބުނީ ގައުމީ ދަނޑުގައި ކުޅުނު ލީގުގެ ގިނަ މެޗުތަކެއްގައިވެސް ރެފްރީންގެ ގޯސްތައް ފެނިގެން މެޗު ހަލާކުވެފައި އެބަހުރި ކަމަށާއި، ދިއްދޫންވެސް މީގެ ކުރިން ބައެއް މެޗުތަކުގައިވެސް އެޝަކުވާތައް ކުރި ކަމަށެވެ. އަދި އެ ގޯސްތައް ސޯޝަލް މީޑިއާއިން ފެންނާނެ ކަމަށްވެސް ބެންޖޯ ފާހަގަކުރިއެވެ.
ބެންޖޯ ބުނީ ދިއްދުއާ ދެކޮޅަށް ކުޅުނު މެޗުގައި ދެ ޕެނަލްޓީއެއްގެ ހާލަތުގައާއި ރަތް ކާޑެއްގެ ހާލަތުގައިވެސް ރެފްރީގެ ފަރާތުން ގޯސް ނިންމުންތަކެއް ފެނުނު ކަމަށެވެ.
ބެންޖޯ ބުނީ ކްލަބުތަކުގެ އިތުބާރު މިހާރު ލީގަށް ލިބިފައިވާ ކަމަށާއި، ހުރިހާ މެޗަކަށްވެސް ފުރިހަމައަށް ތައްޔާރުވާން ޖެހިފައިވާ ކަމަށެވެ.
"މިދިޔަ ސީޒަނާއި މި ސީޒަނުގައިވެސް ޓީމުތަކުން މިވަނީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި. ކުރީގައި ވާގޮތަކީ ބްރޭކްތައް އައިސް، ލީގު އޮންނާނެކަމުގެ އުންމީދު ނެތިވެސް އެބަދޭ. އެކަމަކު މިދިޔަ ދެ އަހަރު މިދަނީ ހުރިހާ ޓީމެއްވެސް ރަނގަޅުކޮށްގެން. ކޮންމެ ޓީމެއްވެސް ކޮންމެ ޓީމަކަށް ލަނޑު ދެވޭނެ ކަހަލަ ދުވަސްތައް އެބަދޭ. އެކަން އެބަ ފެނިގެންވެސް ދޭ. މެޗުތަކައް ތައްޔާރުވުން މިހާރު އެންމެ މުހިއްމު ކަމަކީ. އެއްވެސް މެޗެއް ލައިޓްކޮށް އީގަލްސްއިން ނުނަގާނެ. މިހާތަނަށް އެކަން ކޮށްފައެއްވެސް ނޯންނާނެ،" ބެންޖޯ ބުންޏެވެ.
ކްލަބު އީގަލްސް
ކްލަބު އީގަލްސް
ކްލަބު އީގަލްސް
ކްލަބު އީގަލްސް
ކޮމެންޓް