ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ކްލަބު އީގަލްސްއާ ދެކޮޅަށް މިއަދު އޮޑި ސްޕޯޓްސް ކްލަބުން ކުޅޭ މެޗު ވެގެންދާނީ ވަރުގަދަ ޗެލެންޖަކަށް ކަމަށް އޮޑި ސްޕޯޓްސް ކްލަބުގެ ކޯޗު އާޖެންޓީނާގެ ލޫޝިއާނޯ ތެއިލާ (ލޫޗޯ) ބުނެފިއެވެ.

އޮޑިން މި ސީޒަނަށް ފުރަތަމަ ގެނައި ކޯޗަކީ ޕޯޗުގަލްގެ ރުއީ ގްރެގޯރިއޯއެވެ. އޭނާ އަމިއްލަ ކަމެއް ޖެހިގެން އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން އުވާލާފައިވާ އިރު، އޭގެފަހުން ކްލަބާ ހަވާލުވީ ކުރިން ރާއްޖޭގެ ވިކްޓްރީ ސްޕޯޓްސް ކްލަބަށް ކުޅުނު ލޫޗޯއެވެ. އޭނާގެ އިރުޝާދުގެ ދަށުން އޮޑިން ވަނީ ގައްދޫ ރެކްރިއޭޝަން ކްލަބު ކައިރިން މޮޅުވެފައެވެ. އެއީ 4-0 ގެ ނަތީޖާއަކުންނެވެ.

އަނެއްކޮޅުން ނުކުންނަ އީގަލްސްއިން އޮތީ ރަނގަޅު ފޯމެއްގައެވެ. ހަތަރު މެޗުން ތިން މޮޅު ހޯދައި އީގަލްސްއިން އެއްވަރުވީ އެންމެފަހުން ހއ. ދިއްދުއާ ދެކޮޅަށް ކުޅުނު މެޗުގައެވެ.

"އީގަލްސްއަކީ އަހަރެމެންނަށް ޗެލެންޖަކަށްވާނެ. މެޗު ވެގެންދާނީ އުނދަގޫ މެޗަކަށް. އީގަލްސްއިން އަންނަނީ ރަނގަޅު ކުޅުންތެރިންތަކަކާއެކު ރަނގަޅަށް ކުޅެމުން. އެކަމަކު އަހަރެމެން މިތިބީ ރަނގަޅަށް ވާދަކުރަން ތައްޔާރުވެގެން،" ޕްރި މެޗު ޕްރެސްގައި އޮޑީގެ ކޯޗު ލޫޗޯ ބުންޏެވެ.

"އަހަރެން ހިތްހަމަ ޖެހޭ މިހާތަނަށް ޓީމުން ފެނުނު މަންޒަރުން. އެންމެފަހުން އަހަރެމެން ކުޅުނު މެޗުގައި ފެނުނު ކުޅުމަށް ހިތްހަމަ ޖެހޭ. ގިނައިން ކޮންޓްރޯލްގައި އޮވެ ކުޅުނު، އެއީ އަދި ބައެއް ހާލަތްތަކުގައި ކޮންޓްރޯލް ގެއްލުނު ނަމަވެސް. އަހަރެމެން ޖެހޭ ގޯލް ޖަހަން ލިބޭ ފުރުސަތުތަކުގެ ބޭނުން މިހާރަށްވުރެ ރަނގަޅަށް ހިފަން،" އިތުރަށް ވާހަކަ ދައްކަމުން އޭނާ ބުންޏެވެ.

ލޫޗޯ ބުނީ މިހާރު ލީގު ކުރިއަށްދާ ގޮތުން ކޮންމެ ހަފުތާއަކުވެސް ކަންކަން ރަނގަޅުކުރަން ޖެހޭ ކަމަށާއި، ކޮންމެ ދުވަހަކުވެސް ބުރަކޮށް މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ. އެކަމަށް ކުރަން ޖެހޭ މަސައްކަތް ކުޅުންތެރިން ފަރާތުން ފެންނާތީ ހިތްހަމަ ޖެހޭ ކަމަށްވެސް ލޫޗޯ ބުންޏެވެ.

އީގަލްސްއާއި އޮޑި ސްޕޯޓްސް ކްލަބު ވާދަކުރާ މެޗު ފަށާނީ މިއަދު ހަވީރު 4:00 ގައެވެ.