އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާއި ގުޅިގެން، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބުދުލްޣަފޫރުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ހަތް ދައުވާއަށް އިއުތިރާފުވެވަޑައިގަތުމުން އަދަބެއްގެ ގޮތުގައި އަދީބާއެކު އެއްބަސްވުމަކަށް އައިސްފައިވަނީ 20 އަހަރަށް ޖަލަށް ލުމަށާއި ދެ މިލިއަން ރުފިޔާ އިން ޖޫރިމަނާކުރުމަށް ކަމަށް ދައުލަތުން މިއަދު ކޯޓުގައި ބުނެފި އެވެ.
އަދީބުގެ މައްޗަށް ހުށަހަޅާފައިވާ ހަތް ދައުވާގެ ތެރޭގައި ހިމެނެނީ ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރި މައްސަލަ އާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދައުވާއެއްގެ އިތުރުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމުގެ ދައުވާ އެކެވެ.
ހުކުމް އިއްވުމަށް މިއަދު ހެނދުނު ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އަދީބާއެކު އެއްބަސްވި އަދަބާ ބެހޭ ތަފްސީލު ދައުލަތުން ޝަރީއަތަށް ހުށަހަޅަމުން ދައުލަތުގެ ވަކީލާ ވިދާޅުވީ، އިއުތިރާފުގެ އެއްބަސްވުމުގައި އެއްބަސްވެފައިވަނީ ހިޔާނާތުގައި ބައިވެރިވުމުގެ ކުށުގެ ދެ ދައުވާ އާއި ކޮރަޕްޝަންގެ ތިން ދައުވާ އާއި މަނީ ލޯންޑަރިންގެ ދެ ދައުވާއެއް އުފުލުމަށް ކަމަށެވެ.
މި އެއްބަސްވުމަކީ 25 ސެޕްޓެމްބަރު 2019 ވަނަ ދުވަހު ސޮއިކުރެވިފައިވާ އެއްބަސްވުމެއް ކަމަށާއި އެ އެއްބަސްވުމުގައި ދައުލަތާއެކު ޕްރޮސެކިއުޓާ ޖެނެރަލްއާއެކު އަދީބު ސޮއިކޮށްފައިވަނީ އޭނާގެ ވަކީލު މަހުފޫޒު ސައީދުގެ ހާޒިރުގައި ކަމަށް ވެސް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.
- ފުރަތަމަ ދައުވާ: ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ
- އަދަބު: ހަތަރު އަހަރާއި ނުވަ މަހާއި 18 ދުވަހަށް ޖަލަށް ލުމަށް
- ދެވަނަ ދައުވާ: ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ
- އަދަބު: ދެ އަހަރާއި ހަތަރު މަހާއި 24 ދުވަސް ޖަލަށް ލުމަށް
- ތިން ވަނަ ދައުވާ: މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާ
- އަދަބު: ހަ މަސް ދުވަހަށް ޖަލަށް ލުމަށް
- ހަތަރު ވަނަ ދައުވާ: ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ
- އަދަބު: ތިން މަސް ދުވަހަށް ޖަލަށް ލުމަށް
- ފަސް ވަނަ ދައުވާ: މަނީލޯންޑަރިންގެ ކުށުގެ ދައުވާ
- އަދަބު: ފަސް އަހަރާއި 11 މަހާއި 21 ދުވަހަށް ޖަލަށްލުމާއި އެއް މިލިއަން ރުފިޔާއިން ޖޫރިމަނާކުރުން
- ހަ ވަނަ ދައުވާ: މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމުގެ ކުށުގެ ދައުވާ
- އަދަބު: އެއް މަހާއި 15 ދުވަހަށް ޖަލަށް ލުން
- ހަތް ވަނަ ދައުވާ: މަނީލޯންޑަރިންގެ ކުށުގެ ދައުވާ
- އަދަބު: ފަސް އަހަރާއި 11 މަހާއި 12 ދުވަހަށް ޖަލަށް ލުމާއި އެއް މިލިއަން ރުފިޔާއިން ޖޫރިމަނާކުރުން
މި ތަފްސީލުތައް ދައުލަތުން ޝަރީއަތަށް ހުށަހެޅުމުން، މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ފުރަތަމަ ނިންމެވީ ހުކުމް ކުރުމުގެ ޝަރީއަތް މިމަހުގެ 12 ވަނަ ދުވަހު ބޭއްވުމަށެވެ. ނަމަވެސް މިއީ އަވަސް ނިޔާގެ މައްސަލައެއް ކަމަށް ވާތީ، އިއުތިރާފުވި ޝަރީއަތުގެ މަޖިލީހަށް ފަހު ދެން ބާއްވާ އަޑުއެހުމެއްގައި ހުކުމް ކުރަން ޖެހޭނެ ކަމަށް ޖިނާއީ އިޖުރާއާތުގެ ގާނޫނު ބުނާ ކަމަށް ދައުލަތުން ފާހަގަކުރި އެވެ.
އެކަމާ ގުޅިގެން ވަގުތުކޮޅަކަށް ޝަރީއަތް މެދުކަނޑާލުމަށްފަހު ގާޒީ ނިންމެވީ ހުކުމް އިއްވުމުގެ ޝަރީއަތުގެ މަޖިލިސް މިއަދު ހަވީރު 6:00 ގައި ބާއްވާށެވެ.
މި ހަތް ދައުވާގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި އަލުން މި ބަލަނީ، ކުރިން އެ ދައުވާތައް އެ ކޯޓުން ބޭރުކޮށްލުމުން ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފުކޮށް އަލުން ކްރިމިނަލް ކޯޓުން މައްސަލަ ބަލަން އެންގުމުންނެވެ. އެގޮތުން މިދިޔަ ބުދަ ދުވަހު ބޭއްވި އިބްތިދާއީ އަޑުއެހުމުގައި އަދީބު ވަނީ ދައުލަތުން ކުރި ހަތް ދައުވާއަށް އޭނާ އިއުތިރާފްވެވަޑައިގަންނަވާ ކަމަށް ވިދާޅުވެފަ އެވެ.
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް