ގދ. ހޯނޑެއްދޫ އާންމު ހާލަތަށް ގެނެސްފި އެވެ.
ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ތަސްލީމާ އުސްމާން "ވަން" އަށް ވިދާޅުވީ، އެ ރަށް އާންމު ހާލަތަށް ގެނައީ މިއަދު ހެނދުނު ކަމަށެވެ.
ހޯނޑެއްދޫން ކޮވިޑަށް ބަޔަކު ފުރަތަަމަ ޕޮޒިޓިވް ވީ މިދިޔަ މަހުގެ ދެވަނަ ދުވަހު އެވެ. އެއީ މާލެއިން އެރަށަށް ގޮސް އެއް ގެއެއްގައި ހޯމް ކަރަންޓީންގައި ތިބި އެއް އާއިލާއެއްގެ ހަތަރު މެންބަރުންނެވެ. އެމީހުން ޕޮޒިޓިވް ވުމާއެކު އެރަށުން ނެގި ސާވޭލަންސް ސާމްޕަލްތަކުގެ ތެރެއިން އިތުރު ދެ މީހަކު ޕޮޒިޓިވްވި އެވެ. އެއީ މިދިޔަ މަހުގެ ހަތަރު ވަނަ ދުވަހު އެވެ.
އެފަހުން އެރަށުން ކޮވިޑަށް 45 މީހަކު ޕޮޒިޓިވްވި އިރު މިދިޔަ މަހުގެ 20 ވަނަ ދުވަހުން ފެށިގެން އެރަށުން އިތުރު ކޭހެއް ފެނިފައެއް ނުވެ އެވެ. އަދި އެރަށުގައި މިވަގުތު ހުރީ ކޮވިޑް ޖެހިފައިވާ އެންމެ މީހެކެވެ.
ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ތަސްލީމާ އުސްމާން "ވަން" އަށް ވިދާޅުވީ، އެރަށުން މިދިޔަ ދެ ދުވަހު ނެގި ރެންޑަމް ސާމްޕަލްތަކުން ވެސް އެއްވެސް މީހަކު ޕޮޒިޓިވްވެފައި ނުވާ ކަމަށެވެ. އެހެންކަމުން އެރަށުގައި ބަލި ނެތް ކަމަށް ނިންމައި، އެރަށަށް މިއަދު ހެނދުނު އާންމު ހާލަތަށް ގެނެސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ހޯނޑެއްދޫ އާންމު ހާލަތަށް ގެނައުމުން މިވަގުތު އެއްވެސް ރަށެއް މޮނީޓަރިންގެ ހާލަތުގައެއް ނެތެވެ.
ނަމަވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ރޭ އާންމު ކޮށްފައިވާ މައުލޫމާތަށް ބަލާއިރު މިވަގުތު ރާއްޖޭގެ 22 ރަށެއްގައި ކޮވިޑް ޖެހިފައިވާ 114 މީހަކު އެބަ ތިއްބެވެ. އަދި އަތޮޅު ތެރޭގައި ގައިމްކޮށްފައިވާ ކޮވިޑް ފެސިލިޓީތަކުގެ ތެރެއިން ގއ. ވިލިނގިލި ކޮވިޑް ފެސިލިޓީގައި ހަ މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.
ގދ. ހޯޑެއްދޫ
ގދ. ހޯޑެއްދޫ
ގދ. ހޯޑެއްދޫ
ގދ. ހޯޑެއްދޫ