އުމުރުން 45 އަހަރުގައި، ފުޓްސަލްގެ އެންމެ މަތީ ފަންތީގެ މުބާރާތަކަށް ނުކުމެ ކުޅުމަކީ ފަސޭހަކަމަކަށް ނުވާނެއެވެ. ހާއްސަކޮށް ފިޓްކޮށް ހުރެ، މެޗުތަކުގައި ތަފާތު ދެއްކުމަކީ ޔަގީނުން ވެސް އުނދަގޫވާނެ ކަމެކެވެ. އަދި ގިނަ ބަޔަކަށް ކުރެވޭނެ ކަމެއްވެސް ނޫނެވެ.

ރާއްޖޭގައި ބާއްވާ އެންމެ ޝަރަފުވެރި، އެންމެ ބޮޑު ފުޓްސަލް މުބާރާތުގެ ގދ. އަތޮޅު ބުރުގައި ދެން އޮތީ ފައިނަލް މެޗެވެ. އެއްކޮޅުން އެންމެފަހުގެ ޗެމްޕިއަން ވާދޫން ފައިނަލްގައި ކުޅޭ އިރު، އަނެއްކޮޅުން ނުކުންނާނީ، މުޅިން އަލަށް އަތޮޅު ފައިނަލަށް ނުކުންނަ ހޯޑެއްދުއެވެ.

ހޯޑެއްދޫން ފައިނަލަށް ކުރި ދަތުރު ބަލާލަމާ ހިނގާށެވެ. ފުރަތަމަ މެޗުގައި 5-1 އިން ރަތަފަންދޫ ބަލިކުރި އިރު، އެ މެޗުގައި އާދަމް ލަރީފް (ރޮނާބެ) ހެޓްރިކް ހަދައި، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދިއެވެ. ދެން ފިޔޯރީއާ ކުޅުނު މެޗު 1-1 އިން އެއްވަރުވި އިރު، އަތޮޅު ސެމީ ފައިނަލްގައި މަޑަވެލި ބަލިކުރީ 3-2 އިންނެވެ.

އެ މެޗުތަކުގައި ހާއްސަ ކަމެއް ފެނުނެވެ. ޒުވާން ކުޅުންތެރިއެއްގެ ސްޓައިލްގައި، އުމުރުން 45 އަހަރު ވެސް ރަށަށް މޮޅަށް ކުޅެމުންދިޔަ ރޮނާބެއެވެ. ކުރިން ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ގިނަ ކްލަބުތަކަށް ކުޅުމުގެ އިތުރުން ގައުމީ ސްކޮޑުން ވެސް ފެނިގެން ދިޔަ ރޮނާބެ، ރަށު ޓީމާއެކު ފައިނަލަށް ދިޔައީ ހާއްސަ ޓާގެޓަކާއެކު މުބާރާތަށް ނުކުމެއެވެ. އޭނާއަށް މިއީ އެންމެފަހު ގޯލްޑަން ފުޓްސަލް ޗެލެންޖެވެ.

"އަސްލު ވަރަށް ބޮޑަށް ހިތްހަމަ ޖެހިފައި މިހުރީ. އެއީ އަލަށް ހޯޑެއްދޫ ޓީމުން ގޯލްޑަންގެ އަތޮޅު ފައިނަލަށް މި ދަތުރުކުރީ. އަދި ރޮނާބެގެ ވެސް އެންމެފަހު ގޯލްޑަން މިއީ. އެހެންވީމަ އަތޮޅު ފައިނަލް ކުޅެން އެންމެފަހު ގޯލްޑަންގައި ފުރުސަތު ލިބުމުން އެއީ ވަރަށް ބޮޑު އުފަލެއް،" ރޮނާބެ "ވަން ސްޕޯޓްސް"އަށް ބުންޏެވެ.

ރޮނާބެގެ ގޯލަކަށްފަހު އުފާފާޅުކުރަނީ --- ފޮޓޯ/ އިމޭޖަސް އެމްވީ

ރޮނާބެގެ އިތުރު ޓާގެޓެއް ވެސް އެބައޮތެވެ. ކެރިއަރުގެ މިހާތަނަށް އެކި ރަށްރަށުގައި އެތައް ތަށްޓެއް އުފުލާލި އިރު ވެސް، ނުވެ އޮތް ކަމަކީ ރަށަށް ތަށްޓެއް ހޯދައިދިނުމެވެ. ކޮންމެއަކަސް އުނދަގޫ ކަމެއް ނަމަވެސް، އެއީ ދެކޭ ހުވަފެނެކެވެ.

"އަސްލު ކެރިއަރުގައި މިހާތަނަށް ރަށަށް ތަށްޓެއް ހޯދިފައެއް ނެތް. އެހެންވީމަ މި އަތޮޅު ތަށި ހޯދުމަށް ކުރެވެން އޮތް ހުރިހާ ކަމެއް، ރަށަށްޓަކައި ކުރަން ތައްޔާރު،" ރޮނާބު ބުންޏެވެ.

ހޯޑެއްދުއާ އިދިކޮޅަށް ނުކުންނަން އޮތީ ވަރުގަދަ ވާދުއެވެ. ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ވަރުގަދަ ނަމެކެވެ. އެހެން ނަމަވެސް، ރޮނާބެއަކީ ވިސްނުން އަބަދުވެސް ރަނގަޅަށް ބަހައްޓަމުން އަންނަ ކުޅުންތެރިއެކެވެ. އުމުރަކީ ހަމައެކަނި ނަމްބަރަކަށް ބަލައިގެން ކުޅުމައިގެން ކުރިއަށްދާ ސަބަބަކީ ވެސް ވިސްނުން ކަމަށް އޭނާ ފާހަގަކުރިއެވެ.

"މިއުމުރުގައި މިހެން ކުޅުމަކީ ބުރަ މަސައްކަތެކޭ ނުބުނެވޭނެ. އަބަދުވެސް ފުޓުބޯޅައިގައި ދެކެމުން އައީ އުމުރަކީ ނަމްބަރެއް ކަމަށް. އުމުރަކުން ނޫނޭ ބޯޅަ ކުޅެނީކީއެއް. ސިކުނޑީގެ ބޭނުންކޮށްގެން ބޮޑަށް މި ކުޅެނީ. އަބަދުވެސް ސިކުނޑިން ނިންމައިގެން ހުންނަނީ މިކަން އަދިވެސް ވާނެއޭ. ދެން މިކަމަށް އަބަދުވެސް ސަޕޯޓަރުންދޭ ޖޯޝާއެކު މި ހުންނަނީ އަދިވެސް. ފައިނަލަށްވެސް ނުކުންނާނީ ފޯރިގައި،" ރޮނާބެ ބުންޏެވެ.

ރޮނާބެގެ ނަޒަރުގައި ގޯލްޑަން ފުޓްސަލް ޗެލެންޖަކީ އިންގިލާބީ ބަދަލެއް ގެނެސްދިން މުބާރާތެކެވެ. ހާއްސަކޮށް މުބާރާތުން އުފެއްދި ތަރިންގެ އަދަދު ގިނަ ކަމަށް އޭނާ ފާހަގަކުރިއެވެ.

"ގޯލްޑަން ބާއްވަން ފެށުމުގެ ސަބަބުން ރާއްޖޭގެ އެތައް ފުޓްސަލް ކުޅުންތެރިންނެއް ތިބިކަން އެނގިގެން މިދަނީ. ގޯލްޑަންގެ ސަބަބުން ރާއްޖޭގެ ޓޮޕް ލެވެލްގެ އެތައް ކުޅުންތެރިންނެއް އެބަ ނުކުމޭ. އެހެންވީމަ މި މުބާރާތަކީ ވަރަށް ރަނގަޅު މުބާރާތެއް،" ރޮނާބެ ބުންޏެވެ.