ޖިންސީ އަދި ޖިސްމާނީ އަނިޔާތަކުގެ ސަބަބުން މަރުވި, ގދ. ތިނަދޫ, ތޭންކު، ޒިޔާދާ ނައީމްގެ މަރުގެ މައްސަލައިގައި އޭނާގެ ކުރީގެ ފިރިމީހާ އިބްރާހިމް ޝާހުގެ މައްޗަށް އުފުލާފައިވާ އަނބިމީހާ ރޭޕް ކުރުމުގެ ދައުވާ ސާބިތުވެ އޭނާގެ މައްޗަށް އިއްވި ތިން އަހަރުގެ ޖަލު ހުކުމަކީ އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމުގައި އެޓާނީ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.
ޒިޔާދާ ނައީމްގެ މަރުގެ މައްސަލައިގައި އޭނާގެ ކުރީގެ ފިރިމީހާ އިބްރާހިމް ޝާހުގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމުމުން، ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ މައްސަލައިގައި ހައިކޯޓުން އިއްޔެ ވަނީ އަނބިމީހާ ރޭޕް ކުރުމުގެ ދައުވާ ޝާހުގެ މައްޗަށް ސާބިތުވާކަމަށް ނިންމައި އޭނާ ތިން އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައެވެ. މިއީ އަނބިމީހާ ރޭޕް ކުރުމުގެ ކުށުގެ ދައުވާ ގާނޫނުލްއުގޫބާތުގެ ދަށުން މީހެއްގެ މައްޗަށް ސާބިތުވި ފުރަތަމަ ފަހަރުވެސް މެއެވެ.
އެކަމާ ގުޅިގެން އޭޖީ އޮފީހުން ކުރި ޓުވީޓެއްގައި ބުނީ، ހައިކޯޓުން ކުރި ހުކުމަކީ، އަންހެނުންނަށް ކުރާ އެކި ބާވަތްތަކުގެ އަނިޔާއާ ދެކޮޅަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. އެ ފަދަ މައްސަލައެއް ކޯޓުން ބަލައިގަނެ ހުކުމްކޮށްފައި ވުމުން، އެ މައްސަލަ ކޯޓަށް ވެއްދުމުގައި އެންމެ އިސް ދައުރެއް އަދާކުރި ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށްވެސް އޭޖީ އޮފީހުން ވަނީ ޝުކުރު އަދާކޮށްފައެވެ.
ޒިޔާދާގެ މަރާ ގުޅިގެން ފުލުހުން ބުނެފައިވަނީ ޒިޔާދާއަށް ޝާހު ގަދަކަމުން ޖިންސީ އަދި ޖިސްމާނީ އަނިޔާ ކުރި ކަމަށް ތަހުގީގަށް އެނގިފައިވާ ކަމަށެވެ.
ޒިޔާދާއަށް ލިބިފައި ހުރި އެކި ކަހަލަ އަނިޔާތަކަށް އައިޖީއެމްއެޗްގައި އޭނާއަށް ފަރުވާދެމުން އަންނަނިކޮށް މަރުވެފައިވަނީ 28 ޑިސެމްބަރު 2005 ގައެވެ.
އެޓަރނީ ޖެނެރަލް
އެޓަރނީ ޖެނެރަލް
އެޓަރނީ ޖެނެރަލް
އެޓަރނީ ޖެނެރަލް