މިފްކޯ މެދުވެރިކޮށް މަސްވެރިންގެ އަތުން ކިލޯއެއް 25 ރުފިޔާއަށް މަސް ގަންނަން ސަރުކާރުން ދޭ ސަބްސިޑީ އަމިއްލަ ކުންފުނިތަކަށް ނުލިބޭ މައްސަލައިގައި، އެންސިސް ފިޝަރީޒްސްއިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އަލުން ބެލުމަށް ހައިކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
އެންސިސްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި އެ މައްސަލަ އެ ކޯޓުން ނިންމާފައިވަނީ އެންސިސްއާ ދެކޮޅަށެވެ. އެހެންވެ، އެންސިސްގެ ފަރާތުން ވަނީ ސިވިލް ކޯޓުގެ އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ. އެންސިސްގެ ފަރާތުން އެ މައްސަލަ އިސްތިއުނާފުކޮށްފައިވަނީ ދައުލަތުގެ ތިން މިނިސްޓްރީއެއް ކަމަށްވާ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއާއި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް އަދި މިނިސްޓްރީ އޮފް ފިނޭންސްގެ މައްޗަށެވެ.
އެންސިސްއިން ސިވިލް ކޯޓަށް ހުށަހެޅި ދައުވާގައި ބުނެފައިވަނީ، ސަރުކާރުން މިފްކޯއަށް އެކަނި ސަބްސިޑީ ދީގެން މާކެޓް ރޭޓަށްވުރެ ބޮޑުކޮށް މަސް ގަންނަމުން ދިއުމަކީ "ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ގާނޫނު"އާ ހިލާފަށް، ވާދަވެރި އަމިއްލަ ވިޔަފާރިތައް ނައްތާލުމުގެ ގޮތުން ކުރަމުންދާކަމެއް ކަމަށެވެ. އެހެންކަމުން، މިފްކޯއިން މަސް ގަންނަ އަގަށް ގެނައި ބަދަލާއެކު އެންސިސްއިން މަސް ކިލޯއެއް ގަންނަ އަގުގެ އިތުރަށް ހިނގާ ހަރަދު ސަރުކާރުން އެންސިސްއަށްވެސް ދޭންޖެހޭނެކަމަށް ކަނޑައަޅައިދިނުމަށާއި، އެކަމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ދައުލަތުގެ މައްޗަށް ވަކިން ދައުވާކުރުމުގެ ހައްގު އެންސިސްއަށް އޮތްކަމަށް ކަނޑައަޅައިދިނުމަށް އެ ކުންފުނިން ކޯޓުގައި އެދިފައިވެއެވެ.
މި މައްސަލައިގައި ދައުލަތުގެ ފަރާތުން ސިވިލް ކޯޓުގައި އިޖުރާއީ ނުކުތާއެއް ނަގައި ފާހަގަކޮށްފައިވަނީ، މިއީ ސިވިލް ކޯޓަށް ބެލުމުގެ އިހްތިސޯސް ލިބިގެންވާ މައްސަލައެއް ނޫން ކަމަށެވެ. އަދި މިއީ ޖުޑީޝަލް ރިވިއުގެ ސިފަތައް އެކުލެވޭ މައްސަލައަކަށް ވެފައި، މަދަނީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ޖުޑީޝަލް ރިވިއު މައްސަލަ ހުށަހެޅުމަށް ދީފައިވާ މުއްދަތު ފާއިތުވެފައިވާތީ، މައުލޫއީ ގޮތުން މައްސަލަ ނުބެލޭނެކަމަށް ދައުލަތުން ވިދާޅުވެފައިވެއެވެ.
ސިވިލް ކޯޓުގައި މި މައްސަލަ ބެލުމަށްފަހު ނިންމި ނިންމުގައި ފާހަގަކޮށްފައިވަނީ، އަމިއްލަ ކުންފުނިތަކަށް ސަބްސިޑީ ނުދީ ހަމައެކަނި މިފްކޯއަށް ސަބްސިޑީ ދިނުމަކީ ސަރުކާރުން ނިންމާފައިވާ ސިޔާސަތެއް ކަމަށެވެ. އަދި "ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ގާނޫނު" އަކީ ސަރުކާރުން ނިންމާ އެފަދަ ސިޔާސީ ނިންމުންތަކުގެ މައްޗަށް ތަތުބީގުކޮށް ސަރުކާރު ޖަވާބުދާރީކުރެވޭ ގޮތަށް އޮތް ގާނޫނެއް ނޫން ކަމަށާއި، އެއީ މިފްކޯއިން އަމިއްލައަށް ވާދަވެރިކަން ނައްތާލުމަށް ކުރިކަމެއް ނޫން ކަމަށްވެސް ކޯޓުން ފާހަގަކޮށްފައިވެއެވެ. މީގެއިތުރުން، ސަރުކާރުގެ ޖުމްލަ ނިންމުމަކާ ގުޅިގެން ދައުވާލިބޭ ދައުލަތުގެ ތިން މިނިސްޓްރީ ކަމަށްވާ ފިޝަރީޒް، އިކޮނޮމިކް އަދި ފިނޭންސް މިނިސްޓްރީ ސީދާ ޒިންމާދާރުކުރުވަންޖެހޭ ސަބަބާއި، އެންސިސްއިން ހޯދުމަށް އެދޭ ފަރުވާތަކާ އެ މިނިސްޓްރީތަކާ ހުރި ސީދާ ގުޅުން ދައުވާގައި ސާފުކޮށްދެވިފައި ނުވާކަމަށް ކޯޓުން ވަނީ ބުނެފައެވެ.
އަދި މި މައްސަލައިގައި އެންސިސްގެ އިތުރުން އެހެން ފަރާތްތަކެއްގެވެސް ހައްގުތަކެއް ހިމެނޭކަން ދައުވާގައި ބުނެފައިވީ ނަމަވެސް، އެ ފަރާތްތަކުގެ މައުލޫމާތު ހުށަހަޅާފައިނުވާ ކަމަށާއި، އެ ފަރާތްތައް ނުހިމަނައި ހަމައެކަނި އެންސިސްއަށް އެ ފަރުވާ ލިބެންޖެހޭ ސަބަބެއް ބަޔާންކޮށްދެވިފައި ނުވާކަންވެސް ކޯޓުގެ ނިންމުމުގައިވެއެވެ. ސިވިލް ކޯޓުން އިތުރަށް ފާހަގަކުރި ގޮތުގައި، ކޯޓަށް ހުށަހެޅޭ ދައުވާއެއް އިބާރާތްކޮށް ފަރުމާކުރެވޭ ގޮތަކީ ކޯޓުގެ އިހްތިސޯސް އޮތްކަން ކަނޑައެޅުމުގައި މުހިންމު ކަމެކެވެ. ނަމަވެސް، ވާދަވެރިކަމުގެ ގާނޫނުގެ ދަށުން ސަރުކާރުން ބަދަލުދޭންޖެހޭ ފަދަ ގާނޫނީ ސަބަބެއް ހުށަހެޅިފައިނުވާތީ މައްސަލަ ބެލެން ނެތްކަމަށް ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
އެ ހުކުމް ބަަލައިނުގަނެ އެންސިސްގެ ފަރާތުން ވަނީ ހައިކޯޓުގައި ތިން އިސްތިއުނާފީ ނުކުތާއެއް ފާހަގަކޮށްފައެވެ. އެންސިސްއިން ހުށަހެޅި ފުރަތަމަ ނުކުތާގައި ބުނެފައިވަނީ، ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ގާނޫނަކީ ސަރުކާރުގެ ނިންމުންތަކުގެ މައްޗަށް ތަތުބީގުކުރެވޭނެ ގާނޫނެއް ނޫންކަމަށް ސިވިލް ކޯޓުން ކަނޑައެޅީ އެ ގާނޫނުގެ މާއްދާތަކަށާއި، ސުޕްރީމް ކޯޓުގެ ސާބިތުވެފައިވާ ރޫލިންގްތަކަށް އެކަށީގެންވާ ގޮތެއްގައި ރިއާޔަތްނުކޮށް ކަމަށެވެ. އެންސިސްއިން ފާހަގަކުރި ގޮތުގައި، ސަރުކާރުން މިފްކޯ މެދުވެރިކޮށް މާކެޓް ރޭޓަށްވުރެ ބޮޑުއަގުގައި މަސް ގަނެ، ސަރުކާރުން އެ ކުންފުންޏަށް މާލީ އެހީތެރިކަން ދިނުމަކީ ވާދަވެރިކަން ހަނިވާގޮތަށް ހިންގާ އަމަލެކެވެ. އަދި ވާދަވެރިކަމުގެ ގާނޫނުން ސަރުކާރުގެ ކުންފުނިތައް އިސްތިސްނާކޮށްފައި ނުވާތީ، ފިޝަރީޒް މިނިސްޓްރީއާއި ފިނޭންސް މިނިސްޓްރީން ކުރާ މިފަދަ ކަންކަމަށް ދައުލަތުން ޒިންމާ ނަގަންޖެހޭނެ ކަމަށެވެ.
ދެވަނަ ނުކުތާގައި އެންސިސްއިން ބުނެފައިވަނީ، މި މައްސަލައިގައި އެހެން ފަރާތްތަކެއް ދައުވާގެ ހަސްމުންގެ ގޮތުގައި ނުހިމަނައި މައްސަލަ ކުރިއަށް ނުގެންދެވޭނެކަމަށް ސިވިލް ކޯޓުން ނިންމީ ހައިކޯޓުގެ ނިންމުމަކާ ހަވާލާދީ ނަމަވެސް، އެ އުސޫލު މި މައްސަލައަށް ތަތުބީގުކޮށްފައިވަނީ ނުބައިކޮށް ކަމަށެވެ. އެންސިސްއިން ހުށަހެޅި ދައުވާއަކީ ހަމައެކަނި އެ ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ހުށަހެޅި، އެ ކުންފުންޏަށް އެކަނި ހާއްސަ ދައުވާއެއް ކަމަށާއި، އެއްފަދަ ހާލަތެއްގައި ތިބި އެހެން ފަރާތްތަކުން ދައުވާ ނުކުރުމަކީ އެންސިސްއިން ދައުވާ ކުރުމަށް އޮތް ހުރަހެއް ނޫން ކަމަށްވެސް ބުނެފައިވެއެވެ.
ތިންވަނަ ނުކުތާގައި، ދައުވާލިބޭ ތިން މިނިސްޓްރީގެ މައްޗަށް ދައުވާކުރަންޖެހުނު ސަބަބާއި، އެދިފައިވާ ފަރުވާތަކާ އެ މުއައްސަސާތަކާ ހުރި ގުޅުން ދައުވާ ފޯމުގައި ވަނީ މަދަނީ އިޖުރާއަތުގެ ގާނޫނާ އެއްގޮތަށް ސާފުކޮށްދީފައިކަމަށް އެންސިސްއިން ބުނެއެވެ. އަދި މައުލޫއީ ގޮތުން މައްސަލަ ބެލުމެއް ނެތި ދައުވާ ކުރިއަށް ނުގެންދެވޭނެކަމަށް ނިންމުމަކީ ގާނޫނުއަސާސީގެ 43 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ އަދުލު އިންސާފު ހޯދުމުގެ ހައްގަށް އުނިއަންނަ ކަމެއް ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.
އެންސިސްއިން ހައިކޯޓުގައި އެދިފައިވަނީ، ދައުލަތުގެ ތިން މިނިސްޓްރީގެ މައްޗަށް ދައުވާކުރުމުގެ ހައިސިއްޔަތު އެ ކުންފުންޏަށް އޮތްކަމަށް ކަނޑައަޅައި، ސިވިލް ކޯޓުގެ ނިންމުން ބާތިލުކޮށްދިނުމަށެވެ. އަދި މަދަނީ އިޖުރާއަތުގެ ގާނޫނުގެ ދަށުން، މި މައްސަލަ އަލުން މައުލޫއީ ގޮތުން ބެލުމަށްޓަކައި ސިވިލް ކޯޓަށް ތަހުވީލުކޮށްދިނުމަށްވެސް އެންސިސްއިން ވަނީ އެދިފައެވެ.
އިސްތިއުނާފީ ނުކުތާތަކަށް ރައްދު ދެއްވަމުން ދައުލަތުން ވިދާޅުވެފައިވަނީ "ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ގާނޫނު" އަކީ ވިޔަފާރި މުއާމަލާތްތައް ހިންގާ ފަރާތްތަކުގެ މައްޗަށް ހިނގާ ގާނޫނެއް ކަމަށާއި، ދައުވާގައި ހިމެނޭ ދައުލަތުގެ ތިން މިނިސްޓްރީއަކީ އެފަދަ ވިޔަފާރީގެ ހަރަކާތްތައް ހިންގާ އިދާރާތަކެއް ނޫން ކަމަށެވެ. އަދި އެ ގާނޫނުގެ ދަށުން ދައުވާއެއް ކުރާ ނަމަ، ދައުވާ ކުރަންޖެހޭނީ މަސްވެރިކަމުގެ ސިނާއަތުގައި އެންސިސްއާ ވާދަކުރާ ސަރުކާރު ކުންފުނި ކަމަށްވާ މިފްކޯގެ މައްޗަށް ކަމަށާއި، ސަރުކާރުގެ މިނިސްޓްރީތަކުގެ މައްޗަށް ދައުވާކުރުމަކީ އެ ގާނޫނުގެ ދާއިރާއިން ބޭރުން ކުރެވޭ ކަމެއްކަމަށް ދައުލަތުން ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން، ވާދަވެރިކަމުގެ ގާނޫނާ ހިލާފުވެގެން މައްސަލައެއް އުފެދިއްޖެ ނަމަ، އެ ގާނޫނުގެ ދަށުން ކޯޓަށް މައްސަލަ ހުށަހެޅޭނީ މިނިސްޓްރީއަށް އިދާރީ ޝަކުވާ ހުށަހަޅައި، އެ މަރުހަލާ ފުރިހަމަކުރުމަށްފަހު ޖުޑީޝަލް ރިވިއުގެ ދައުވާއެއްގެ ގޮތުގައިކަމަށް ދައުލަތުން ވިދާޅުވިއެވެ. އަދި އެންސިސްއިން ހޯދުމަށް އެދޭ ފަރުވާތަކަކީ މުޅި ސިނާއަތަށް ނިސްބަތްވާ ފަރުވާތަކަކަށް ވާއިރު، އެހެން ވިޔަފާރިތަކުގެ މަސްލަހަތު ނުހިމަނައި، ހަމައެކަނި އެންސިސްއަށް ބަދަލު ދޭންޖެހޭނެ ފަދަ ގާނޫނީ ސަބަބެއް ދައްކައިދެވިފައި ނުވާތީ، ދަށު ކޯޓުގެ ފަނޑިޔާރު ގާނޫނު ތަތުބީގުކުރުމުގައި އެއްވެސް ގޯހެއް ހައްދަވާފައި ނުވާކަމަށް ދައުލަތުން ވަނީ ވިދާޅުވެފައިއެވެ. އެހެންވެ ސިވިލް ކޯޓުގެ ނިންމުން ދަމަހައްޓައިދިނުމަށް ދައުލަތުން އެދިވަޑައިގެންނެވިއެވެ.
މި މައްސަލައިގައި އެންސިސްގެ ފަރާތުން ސިވިލް ކޯޓުގެ ނިންމުމަށް އިސްތިއުނާފުކޮށްފައިވަނީ، ސަރުކާރުގެ ސިޔާސީ ނިންމުންތަކަށް ވާދަވެރިކަމުގެ ގާނޫނު ތަތުބީގު ނުކުރެވޭނެކަމަށް ނިންމި ނިންމުމަށާއި، އެހެން ފަރާތްތަކެއްގެ ހައްގުތައް ހިމެނޭތީ މައްސަލަ ކުރިއަށް ނުގެންދެވޭނެކަމަށް ނިންމި ނިންމުމުގެ އިތުރުން، ދައުވާލިބޭ ތިން މިނިސްޓްރީ ޒިންމާދާރުކުރުވަންޖެހޭ ސަބަބު ސާފުކޮށްދެވިފައި ނެތްކަމަށް ނިންމި ނިންމުމަށެވެ.
މި މައްސަލަ ބެއްލެވި ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ހުޒައިފާ މުހައްމަދު މައްސަލައިގެ ރައުުޔުގައިވަނީ މައިގަނޑު ދެ ސުވާލަކަށް އަލިއަޅުވާލާފައިވެއެވެ. އެއީ މަދަނީ އިޖުރާއަތުގެ ގާނޫނާ އެއްގޮތަށް ދައުވާ ފޯމު ފުރިހަމަކޮށްފައިވޭތޯއާއި، މި މައްސަލައަށް ވާދަވެރިކަމުގެ ގާނޫނު ތަތުބީގުވާނެތޯއެވެ.
ފަނޑިޔާރު ހުޒައިފާ ވިދާޅުވީ މަދަނީ އިޖުރާއަތުގެ ގާނޫނުގެ 91 ވަނަ މާއްދާގެ (ށ) ގައިވާ ގޮތަށް ދައުވާ ނިސްބަތްވާ ދައުލަތުގެ އިދާރާތަކުގެ ނަމާއި، އެ އިދާރާތަކުން ޒިންމާ އުފުލަންޖެހޭ ސަބަބުތައް އެންސިސްއިން ހުށަހެޅި ދައުވާ ފޯމުގައި ވަނީ ބަޔާންކޮށްފައި ކަމަށެވެ. އެގޮތުން، އިކޮނޮމިކް މިނިސްޓްރީން ގާނޫނީ ޒިންމާ އަދާނުކުރުމާއި، ފިޝަރީޒް މިނިސްޓްރީން މަސްވެރިކަމުގެ ގާނޫނުގެ ދަށުން ލިބެންޖެހޭ ނަފާ ހޯދައިދިނުމުގައި އިހުމާލުވުމާއި، ފިނޭންސް މިނިސްޓްރީން ބަޖެޓާ ހިލާފަށް ސަބްސިޑީ ދޫކުރުން ފަދަ ސަބަބުތައް ދައުވާގައި ފާހަގަކޮށްފައިވާކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
މަދަނީ އިޖުރާއަތުގެ ގާނޫނުގެ 110 ވަނަ މާއްދާގެ ދަށުން އިޖުރާއީ ގޮތުން މައްސަލައެއް ބޭރުކޮށްލެވޭނީ އިޖުރާއީ ގޯހެއް ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ފެންނަން އޮތުމުންކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. ނަމަވެސް، ސަރުކާރުން މިފްކޯއަށް އެކަނި ސަބްސިޑީ ދިނުމަކީ ދައުލަތަށް ލިބިފައިވާ ސިޔާދަތީ ބާރުގެ ދަށުން ކުރި ކަމެއްތޯއާއި، މިއީ ވާދަވެރިކަމުގެ ގާނޫނުން އިސްތިސްނާވާ ކަމެއްތޯ ނުވަތަ ނޫންތޯއާއި، އަދި އެ ގާނޫނުގެ ދަށުން އެންސިސްއަށް ފަރުވާ ނަގައިދެވިދާނެތޯ ކަނޑައެޅޭނީ މައްސަލައިގެ މައުލޫއަށް ދެފަރާތުން ބަހުސްކުރުމަށްފަހުކަމަށް ފަނޑިޔާރު ހުޒައިފާ ވިދާޅުވިއެވެ. ސިވިލް ކޯޓުގައި މައްސަލަ ހިންގިއިރު އެ ކަންކަމަށް މައުލޫއީ ގޮތުން ބަހުސްކޮށްފައި ނުވާކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
އެހެންވެ ފަނޑިޔާރު ހުޒައިފާ ރައުޔު ކަނޑައެޅުއްވީ ސިވިލް ކޯޓުން އިޖުރާއީ ނަޒަރަކުން ބަލައި އެންސިސްގެ ދައުވާ ކުރިއަށް ނުގެންދެވޭނެކަމަށް ނިންމި ނިންމުން ބާތިލުކޮށް، މައްސަލައިގެ މައުލޫށް ބަލައި އަލުން ގޮތެއް ކަނޑައެޅުމަށްޓަކައި މައްސަލަ ސިވިލް ކޯޓަށް ތަހުވީލު ކުރުމަށެވެ.
އެ ރައުޔަށް ބެންޗުގައި ދެން ތިއްބެވި ދެ ފަނޑިޔާރުން ކަމަށްވާ ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ އަދި ފަނޑިޔާރު އަބްދުއްމާނިއު ހުސައިން ވަނީ ތާއީދުކޮށްފައެވެ.
އެހެންވެ، ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައި ފަނޑިޔާރު ހުޒައިފާ ވިދާޅުވީ ސިވިލް ކޯޓުގެ ނިންމުން ބާތިލުކަމަށް ކަނޑައަޅައި، އެންސިސްގެ ފަރާތުން ދައުވާކޮށްފައިވާ މައްސަލަ ބަލައި ގޮތެއް ނިންމުމަށްޓަކައި، މި މައްސަލަ ސިވިލް ކޯޓަށް ތަހުވީލުކުރާ ކަމަށެވެ.
މުހައްމަދު އިޝާން
ހައިކޯޓު
ހައިކޯޓު
ހައިކޯޓު
ހައިކޯޓު
ކޮމެންޓް