ޕާޓީތަކަށް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު މައްސަލަ ބަލަންޖެހޭ ކަމަށާއި އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީއަށް އެ ފައިސާ ލިބިފައިނުވާ ކަމަށް ޕްރޮގްރެސިވް ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
ޕީޕީއެމް އޮފީހުގައި މިއަދު ބޭއްވި ޖަލްސާގައި އަދުރޭ ވިދާޅުވީ ވަރަށް ބޮޑު ކަންބޮޑުވުމެއް މިއަދު އެބައޮތް ކަމަށާއި އެއީ އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު ކޮރަޕްޝަންގެ މައްސަލަތައް މި ސަރުކާރުން ނުބަލާ މައްސަލަ ކަމަށެވެ.
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އިއްޔެގެ ޝަރީއަތުގައި އެމްއެމްޕީއާރުސީގެ ފައިސާ ނުލިބޭ އެއްވެސް ޕާޓީއެއް ނެތް ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަތައް ދޮގުކުރައްވައި އަދުރޭ ވިދާޅުވީ އެޕާޓީއަށް އެފައިސާ ލިބިފައިނުވާ ކަމަށާއި އެކަން ދޮގުކޮށް ބަޔާން ނެރުމުގެ ބޭނުމެއް ނެތް ކަމަށެވެ.
"އިއްޔެ އަޅުގަނޑުމެންނަށް އިވިގެންދިޔައީ ކުރީގައި ނައިބު ރައީސްކަން ކުރެއްވި، އަދި އޭގެ ކުރިން ޓޫރިޒަމް މިނިސްޓަރުކަން ކުރެއްވި ބޭފުޅެއްގެ މައްޗަށް މިހާރު ހިންގަމުންދާ ޝަރީއަތެއްގައި އެބޭފުޅަކު މި ވިދާޅުވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ނުލިބޭ އެއްވެސް ސިޔާސީ ޕާޓީއެއް މި ރާއްޖެއަކު ނެތޭ. އަޅުގަނޑުމެން ވަރަށް ބޮޑަށް އެދެން މި މައްސަލަ ވީހާ އަވަހަކަށް އިންސާފުވެރިކަމާއެކު ބައްލަވައިދެއްވުމަށް. އަޅުގަނޑުމެން ޕާޓީއަކަށް ނުލިބޭ،" އަދުރޭ ވިދާޅުވިއެވެ.
މި މައްސަލައިގައި ޖަލުގައި އިންނަވަން ޖެހޭނީ ހަމައެކަނި ކުރީގެ ރައީސް އަބުދުﷲ ޔާމީން އެކަނި ނޫން ކަމަށާއި އެމަނިކުފާނަށް އިއްވާފައިވަނީ ބޭއިންސާފު ހުކުމެއް ކަމަށް އަދުރޭ ވިދާޅުވިއެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިސްނަންގަވައިގެން މި މައްސަލަ ބައްލަވަންޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ އަދީބުގެ ވާހަކަތަކަށް ބެލުމުން އެމްޑީޕީއަށާއި އަދާލަތު ޕާޓީއަށާއި މޯލްޑިވްސް ރިފޯމް މޫވްމެންޓަށް ވެސް އެފައިސާ ލިބިފައިވާކަން ހާމަވެގެންދާ ކަމަށެވެ.
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައާ ގުޅިގެން ދައުލަތުން އޭނާގެ މައްޗަށް ހުށަހެޅި ހަތް ދައުވާއަށް އިއުތިރާފުވެ ކުރިމިނަލް ކޯޓުގައި އިއްޔެ ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ހުރިހާ ސިޔާސީ ޕާޓީތަކުގެ އިތުރުން އެ ޕާޓީތަކަށް ނިސްބަތްވާ އެތައް ބޭފުޅުންނަކަށް ލިބިފައިވާ ކަމަށެވެ. އަދި މަޖިލިސް މެންބަރުންނާއި ސަރުކާރުގެ ވުޒާރާތަކާއި މިނިވަން މުއައްސަސާތަކަށް ވެސް އެ ފައިސާ ލިބިފައިވާ ކަމަށް އަދީބު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ހިޔާނާތުގެ ފައިސާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ބޭނުންފުޅު ކުރެއްވީ ދައުލަތުގެ އެކި ބާރުތަކާއި މިނިވަން މުއައްސަސާތަކަށް ނުފޫޒު ފޯރުވަން ކަމަށެވެ. އެ ފައިސާ ރައްޔިތުންގެ މަޖިލީހަށާއި، މަޖިލީހުން ނަގާ ވޯޓުތަކަށާއި އެހެނިހެން މުއައްސަސާތަކުގެ ކަންތައްތަކަށް ބޭނުންކޮށްފައިވާ ކަމަށްވެސް އަދީބު ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަަލައިގައި ރަށްތަކާއި ފަޅުތައް ދޫކޮށްގެން ލިބުނު ފައިސާ އެމްއެމްޕީއާރުސީއަށް ޖަމާކުރުމުގެ ބަދަލުގައި، އަމިއްލަ ފަރާތްތަކާއި އަމިއްލަ ފަރާތްތަކުގެ ކުންފުނިތަކުގެ އެކައުންޓަކަށް ޖަމާކުރެއްވީ ވެސް ރައީސް ޔާމީންގެ އިރުޝާދާ އެކުގައި ކަަމަށް އަދީބު ވިދާޅުވިއެވެ. އަދި އެ ހުރިހާ ކަމަކީ ރައީސް ޔާމީނަށް އެނގިވަޑައިގެން ކުރިއަށްދިޔަ ކަންތައްތައް ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު