ނ. ކެނދިކުޅުދޫގައި ތަރައްގީ ކުރާ ހޮސްޕިޓަލްގެ މަސައްކަތް އަންނަ އަހަރު ނިމޭނެ ކަމަށާއި އެއަތޮޅު ވެލިދޫ ހޮސްޕިޓަލްގެ މަސައްކަތް 2028ގެ ތެރޭގައި ނިންމައި ހިދުމަތް ލިބޭނެ ކަމަށް ހެލްތު މިނިސްޓަރު ގީލާ އަލީ ވިދާޅުވެއްޖެއެވެ.

ނ. ވެލިދޫ ސިއްހީ މަރުކަޒުގެ 25 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް މިއަދު ހެނދުނު އެރަށުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި މިނިސްޓަރު ވިދާޅުވީ މިއަދުގެ ސަރުކާރުން މި މަރުކަޒުގެ ހިދުމަތްތައް ފުޅާކޮށް ތަރައްގީ ކުރުމަށްޓަކައި ކުރެވުނު މުހިންމު މަސައްކަތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ބޮޑެތި ކުރިއެރުންތަކެއް ހާސިލު ކުރެވިފައިވާ ކަމަށެވެ. އެގޮތުން އެތެރެހަށީގެ ހާއްސަ ބަލިތަކުގެ ޑޮކްޓަރުގެ ހިދުމަތާއި އާންމުންނަށް ނުހަނު ބޭނުންތެރި ޑަޔަލިސިސްގެ ހިދުމަތުގެ އިތުރުން އެކްސްރޭގެ ހިދުމަތް ތައާރަފު ކުރެވިފައިވާ ކަމަށެވެ

މީގެއިތުރުން، މުޅި އަތޮޅުގެ ސިއްހީ ދާއިރާއަށް ކުރިއެރުންތައް އައިސްފައިވާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ނ. އަތޮޅު ހޮސްޕިޓަލުގައި އައިސީޔޫ، ނަފްސާނީ ބަލިތަކަށް ހާއްސަ ޑޮކްޓަރުންގެ ހިދުމަތް އަދި ފިޒިއޮތެރަޕީގެ ހިދުމަތް އަލަށް ފަށާފައިވާ ކަމަށެވެ. އަދި ޑައިލިސިސް އާއި ދަތުގެ ފަރުވާގެ ހިދުމަތްތައް އިތުރަށް ފުޅާކުރެވިފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

"މީގެ އިތުރުން، ނ. ކެނދިކުޅުދޫގައި އަލަށް އިމާރާތްކުރެވޭ ހޮސްޕިޓަލް ނިމި، އަންނަ އަހަރުގެ ތެރޭގައި ހިދުމަތް ދޭން ފެށުމަށް ދަނީ ތައްޔާރުވަމުން. އަދި އަތޮޅުގެ ރަށްތަކުގެ ތެރެއިން ލެބޯޓްރީގެ ހިދުމަތް ނެތް 8 ރަށުގެ ތެރެއިން ތިން ރަށެއްގައި މިހާރު އެ ހިދުމަތް ގާއިމުކުރެވިފައިވާ އިރު، ބާކީ ފަސް ރަށުގައި ލެބޯޓްރީ ގާއިމުކުރުމުގެ އަމަލީ މަސައްކަތްތައް ހަލުވިކަމާއެކު ދަނީ ކުރިއަށް،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މިއީ މުޅި މި ސަރަހައްދުގެ ރައްޔިތުންނަށް ވެސް ލިބިގެންދިޔަ ވަރަށް ބޮޑު ތަސައްލީއަކާއި ފަސޭހައެއް ކަމަށެވެ.

"އަޅުގަނޑުމެންގެ ތަރައްގީގެ މި ދަތުރު އަދި މިހިސާބަކުން ނުނިމޭ. މިހާރު މިރަށުގައި ކުރިއަށްދާ އެންމެ ބޮޑު އެއް މަޝްރޫއަކީ 30 އެނދުގެ ޖާގައިގެ ޒަމާނީ އާ ހޮސްޕިޓަލް އިމާރާތް ކުރުމުގެ މަސައްކަތް. އިރާދަކުރެއްވިއްޔާ މި ދައުރު ނިމުމުގެ ކުރިން އާ ހޮސްޕިޓަލް ހުޅުވި، މިހާރަށްވުރެ މާ ފުޅާ ދާއިރާއެއްގައި، ފެންވަރު ރަނގަޅު ސިއްހީ ހިދުމަތްތަކެއް ރައްޔިތުންނަށް ލިބެން ފަށާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

ސިއްހީ ހިދުމަތްތައް ތަރައްގީ ކުރުމާ އެކު، ކޮންމެ މީހަކުވެސް އަމިއްލަ ސިއްހަތަށް ސަމާލުކަން ދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި ބަލިވުމުގެ ކުރިން ރައްކާތެރިވުމުގެ ގޮތުން ދުޅަހެޔޮ ކާނާ ކެއުމާއި ކަސްރަތު ކުރުމާއި ސާފުތާހިރުކަމަށް އިސްކަންދިނުމަކީ އާންމު ސިއްހަތު ރަނގަޅު ފެންވަރެއްގައި ދެމެހެއްޓުމަށްޓަކައި ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެންނަންޖެހޭ ވަރަށް މުހިންމު ބަދަލުތަކެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.