ލ. އަތޮޅު ގަމު ތުނޑީ އަވަށުގެ ބަނދަރުގައި އަޅާފައި އޮތް ފުލުސް ލޯންޗްގައި ރޯކޮށްލި މައްސަލައިގައި ހައްޔަރުކުރި، ލ. ގަން، ތުނޑި، ކަޅައިދޫ، ފިނިހިޔާގެ މޫސާ އިނާސް ބަންދުން ދޫކޮށްލަން ގަމު މެޖިސްޓްރޭޓް ކޯޓުން ކުރި އަމުރު ހައިކޯޓުން ބާތިލް ކޮށްފިއެވެ.
މާޗު 22 ވަނަ ދުވަހު 3:54 އެހާކަންހާއިރު ގަމު ތުނޑި ބަނދަރު ސަރަހައްދުގައި އޮތް ޕޮލިސް ލޯންޗެއްގައި ގަސްތުގައި އަލިފާން ރޯކޮށްލި މައްސަލައިގައި މޫސާ އިނާސްގެ މައްޗަށް ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ހަވަނަ މާއްދާގެ ދަށުން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އުފުލާފައިވަނީ، ޓެރަރިޒަމްގެ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ އެވެ.
އެކަމާ ގުޅިގެން އޭނާގެ ފަރާތުން މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރަސް އެޅިދާނެކަމަށް ފެންނާތީ އާއި މައްސަލަ އާއި ގުޅުންހުރި ހެކިތައް ނައްތާލަފާނެކަމަށް ބެލެވޭތީ އެކަން ބަޔާންކޮށް 18 ޖޫން 2020 ވަނަ ދުވަހުން ފެށިގެން 15 ދުވަހުގެ މުއްދަތަށް ބަންދުކޮށްފައި ނުވަތަ ހައްޔަރުކޮށްފައި ބެހެއްޓުމުގެ މުއްދަތު އިތުރުކޮށްދިނުމަށް ގަމު މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުމުން، މައްސަލާގައި ބަންދަށް ލުއިދިނުމާމެދު ޝަރީއަތުން ހުށަހަޅާފައިވާ ޝަރުތުތަކަށް މޫސާ އިނާސް އިއުތިރާފު ވެފައިވާތީ އާއި އިނާސްގެ މައްޗަށް މިހާތަނަށް ލިބިފައިވާ ހެކި ގަރީނާތަކުގެ ބުރަދަނާއި އަދި އޭނާގެ ދިރިއުޅުމުގެ ހާލަތާއި ގުޅިގެން ދައްކާފައިވާ ވާހަކަތަކަށް ރިއާޔަތްކޮށް ކަމަށް ބަޔާންކޮށް އޭނާ ބަންދުން ދޫކޮށްލުމަށް ގަމު މެޖިސްޓްރޭޓް ކޯޓުން ވަނީ އަމުރު ކޮށްފައެވެ.
ނަމަވެސް ޕީޖީ އޮފީހުގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.
އެ މައްސަަލަ ބަލައި ނިންމުމަށްފަހު ހައިކޯޓުން އިއްޔެ ކުރި ހުކުމްގައި ވަނީ މޫސާ އިނާސް ބަންދުން ދޫކޮށްލުމަށް ގަމު މެޖިސްޓްރޭޓް ކޯޓުން ނިންމި ނިންމުން ބާތިލުކޮށް މޫސާ އިނާސް ބަންދުގައި ބަހައްޓައިދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފިނަމަ މިގަޒިއްޔާގައި ފާހަގަކުރެވިދިޔަ ކަންކަމުގެ އަލީގައި މޫސާ އިނާސްގެ ބަންދާމެދު އަލުން ގޮތެއް ނިންމަވަން ޖެހޭނެ ކަމަށް ކަނޑައަޅާ ކަމަށެވެ.
ހައިކޯޓު
ހައިކޯޓު
ހައިކޯޓު