ރާއްޖެއަށް ގަވައިދާ ހިލާފަށް ރަން އެތެރެކުރި މައްސަލައެއްގައި ޖަލަށްލާން ކުރިމިނަލް ކޯޓުން ހުކުމް ކުރި، މީހެއްގެ ހުކުމް ތަންފީޒުކޮށް ނިމުނު ދުވަހު އޭނާގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ހައިކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައިގައި ދައުލަތުން ދައުވާ ކުރީ، ސްރީލަންކާގެ ރައްޔިތެއް ކަމަށްވާ މުހައްމަދު މުހައްމަދު ސުލައިމްހާންގެ މައްޗަށެވެ.

ހަށިގަނޑުގައި ފޮރުވައިގެން ދެ ކިލޯގެ ރަން ރާއްޖެއަށް އެތެރެ ކުރި މައްސަލައިގައި ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި އޭނާގެ މައްޗަށް އެއް އަހަރުގެ ޖަލު ހުކުމެއް ކުރިމިނަލް ކޯޓުން އިއްވީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 28 ވަނަ ދުވަހު އެވެ.

މި މައްސަލައިގެ ހުކުމް އޭނާގެ ފަރާތުން ވަނީ ހައިކޯޓުގައި އިސްތިއުނާފް ކޮށްފައެވެ.

އިއްޔެއަކީ އޭނާ މައްޗަށް ކުރިމިނަލް ކޯޓުން ކުރި ހުކުމް ތަންފީޒުކޮށް ނިމޭ ދުވަހެވެ.

ހަމަ އިއްޔެ އިސްތިއުނާފް މައްސަލައިގައި ހައިކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

ހައިކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ، އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާގައި ބަޔާންކުރާ އަމަލަކީ ކަސްޓަމްސްގެ ގާނޫނުގެ 97 ވަނަ މާއްދާގެ (ހ) ގައި ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވާ އަމަލެއްކަން ޔަގީންވާ ގޮތަށް އެ މުދަލަކީ ހުއްދަ ހޯދަން ޖެހޭ މުދަލެއްކަން ނުވަތަ ޑިއުޓީ ދައްކަންޖެހޭ މުދަލެއްކަމާއި ޑިއުޓީ ދެއްކުމުން މަނާވެގަތުމުގެ ނިޔަތުގައި ގެނައިކަމުގެ ހެއްކެއް ދައުވާގައި ބަޔާންކޮށް އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުކޮށްދެވިފައިނުވާ ކަމަށެވެ.

އެހެންކަމުން، ސުލައިމްހާން ކުށްވެރިކޮށްފައި ވަނީ ގާނޫނުއަސާސީއާ އެއްގޮތްވާ ގޮތަށް ނޫން ކަމަށް ހައި ކޯޓުން ކަނޑައެޅިއެވެ.

އެހެންކަމުން އޭނާގެ މައްޗަށް ކޮށްފައިވާ ހުކުމް ހައި ކޯޓުން ބާތިލް ކުރިއެވެ.