މިނިވަން މުއައްސަސާތަކާއި ޖުޑީޝަރީއާއި މަޖިލީހާއި އެނޫންވެސް ބައިވަރު ކަންތައްތަކަށް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ހަރަދުކޮށްފައިވާ ކަމަށް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ވިދާޅުވެއްޖެއެވެ.

އަދީބު މިހެން ވިދާޅުވީ، އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނަތާ ގުޅިގެން އޭނާގެ މައްޗަށް ދައުލަތުން މިއަދު ހުށަހެޅި ހަތް ދައުވާއަށް އިއުތިރާފުވެވަޑައިގެން ވާހަކަދައްކަވަމުންނެވެ.

އަދީބު ވިދާޅުވީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ރައްޔިތުންގެ މަޖިލީހުގައި ނެގި ވޯޓުތަކަށްވެސް ހަރަދުކޮށްފައިވާ ކަމަށާއި އެ ފައިސާއިން މަންފާ ނުލިބޭ ސިޔާސީ ޕާޓީއެއް ވެސް ނޯންނާނެ ކަމަށެވެ.

އަދީބު ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ހުރިހާ ސިޔާސީ ޕާޓީތަކުގެ އިތުރުން، އެ ޕާޓީތަކަށް ނިސްބަތްވާ އެތައް ބޭފުޅުންނަކަށް ލިބިފައިވާ ކަމަށެވެ. އަދި މަޖިލިސް މެމްބަރުންނާއި ސަރުކާރުގެ ވުޒާރާތަކާއި މިނިވަން މުއައްސަސާތަކުން ކަންކަން ނިންމުމަށްވެސް މި ފައިސާ ބޭނުންކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ހިޔާނާތުގެ ފައިސާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ބޭނުންފުޅު ކުރެއްވީ ދައުލަތުގެ އެކި ބާރުތަކާއި މިނިވަން މުއައްސަސާތަކަށް ނުފޫޒު ފޯރުވަން ކަމަށެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން އަދީބުގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާގެ ތެރޭގައި ހިމެނެނީ، ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރި މައްސަލަަ އާއި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދައުވާއެއްގެ އިތުރުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމުގެ ދައުވާ އެކެވެ.

މި ދައުވާތަކަށް އަދީބު ވަނީ އިއުތިރާފުވެވަޑައިގެންފައެވެ. ނަމަވެސް އެއީ އިއުތިރާފު އެއްބަސްވުމެއްގެ ދަށުންނެވެ. އެހެންކަމުން މި މައްސަލަ އަވަސް ނިޔާގެ މައްސަަލައެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށް ކޯޓުން ވަނީ ނިންމައިފައެވެ.