އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅިގެން، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބުދުލް ގަފޫރުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާގެ އަޑުއެހުމެއް މިއަދު މެންދުރު ފަހު 3:00 އަށް ކްރިމިނަލް ކޯޓުގައި ތާވަލް ކޮށްފިއެވެ.

މިއީ އެ ހަތް ދައުވާ މީގެ ކުރިން ކްރިމިިނަލް ކޯޓުން ބޭރު ކޮށްލި މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، އެ މައްސަލަތައް އަލުން ބެލުމަށް ކުރިމިނަލް ކޯޓުގެ މައްޗަށް ހައިކޯޓުން ކުރި އަމުރާ ގުޅިގެން އެ މައްސަލަތައް ބެލުމަށް ބާއްވާ ފުރަތަމަ އަޑުއެހުމެވެ.

އަދީބުގެ ބަންދުގެ މުއްދަތު ދެމިގެންދާ ގޮތަށް މައްސަލަތައް ބެލުމަށް، މިމަހު 21 ގައި ހައިކޯޓުން ހުކުމް ކުރި ނަމަވެސް އެ ދުވަހުން ފެށިގެން ފަސް ދުވަހުގެ ތެރޭގައި އަދީބުގެ ބަންދާމެދު ގޮތެއް ނިންމުމަށް ވެސް ހައިކޯޓުގެ އަމުރުގައި ވެއެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސިކިއުޓަރު އަހްމަދު ޝަފީއު "ވަން އޮންލައިން" އަށް މައުލުމާތު ދެއްވަމުން ވިދާޅުވީ ހައިކޯޓުގެ އަމުރާ އެއްގޮތަށް އެ މުއްދަތުގައި އަދީބުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

އެގޮތުން އެ މައްސަލަ މިމަހު 23 ގައި ކޯޓަށް ހުށަހަޅާފައިވާ ކަމަަށާއި އަދީބުގެ ބަންދުގެ މައްސަލައަށްވެސް މިއަދުގެ ޝަރީއަތުން ގޮތެއް ނިންމާނެ ކަމަށް ބެލެވޭކަމުގައި އޭނާ ވިދާޅުވިއެވެ.

އަދީބުގެ މައްޗަށް ކުރާ ދައުވާތަކުގެ ތެރޭގައި ހިމެނެނީ މަނީ ލޯންޑަރިންގެ ދެ ދައުވާއެއްގެ އިތުރުން ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއަކާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާއެވެ.

މި ހަތް ދައުވާ ކްރިމިނަލް ކޯޓުން ބާތިލުކުރީ މިއަހަރުގެ ޖުލައި މަހުގެ 14 ގައެވެ.