ގެސްޓު ހައުސް ހިންގާ ރަށް ރަށުން އެހެން ރަށަކަށް ދާ މީހުން ކަރަންޓީނު ވާން ޖެހޭ ސަބަބެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.

ގެސްޓްހައުސްތައް އޮޕަރޭޓްކުރާ ރަށްރަށުން އެހެން ރަށްރަށަށް ދަތުރުކުރާ މީހުން ކަރަންޓީނު ވާން ޖެހޭނެ ކަމަށް ކަރަންޓީނުކުރުމާއި ކަރަންޓީނުކުރުމުގައި އަމަލުކުރަން ޖެހޭ ގޮތުގެ އުސޫލުގައި ހިމަނައި އާއްމު ކުރުމާ ގުޅިގެން މިއަދު ކުރެއްވި ޓްވީޓެއްގައި ބޮންޑޭ ވިދާޅުވީ ރާއްޖެ އެތެރެ ވެވެނީ ކޮވިޑް 19 ގެ ޓެސްޓު ނެގެޓިވް ވެ ބަލި ނެތްކަން ކަށަވަރުވެފައިވާ ޓޫރިސްޓުންނަށް އެކަނި ކަމަށެވެ.

އެހެންކަމުން އެކަހެރި ރަށު ވަލުތެރޭ، ހޭޅިފަށުގައި ގެސްޓު ހައުސް ހިންގާ ރަށް ރަށުން އެހެން ރަށަކަށް ދާ މީހުން ކަރަންޓީނު ވާންޖެހޭ ސަބަބެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

ބަދަލުތަކާއެކު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމު ކޮށްފައިވާ "ކަރަންޓީނުކުރުމާއި ކަރަންޓީނުކުރުމުގައި އަމަލުކުރަން ޖެހޭ ގޮތުގެ އުސޫލުގައި ބުނެފައިވަނީ ގެސްޓްހައުސްތަކަކީ ފަތުރުވެރިން މެދުނުކެނޑި އަންނަ ތަނަކަށްވާތީ ކޮވިޑު ފެތުރުމުގެ ފުރުސަތު ބޮޑު ކަމަށާއި އެހެންކަމުން ގެސްޓްހައުސް އޮޕަރޭޓް ކުރާ ރަށްރަށުން އެހެން ރަށަކަށް ދާނަމަ ކަރަންޓީން ވާން ޖެހޭނެ ކަމަށެވެ.

އެ އުސޫލުގައިވާ ގޮތުން އޮޕަރޭޓްކުރަމުން އަންނަ ރިސޯޓުތަކާއި އޮޕަރޭޓްކުރަން ނުފަށާ ރިސޯޓުތަކުން ވެސް މީހުން ދިރިއުޅޭ ރަށަކަށް މީހަކު ދާނަމަ ކަރަންޓީނު ވާން ޖެހެ އެވެ. އަދި އިންޑަސްޓްރިއަލް ރަށަކަށް މަސައްކަތަށްދާ މީހުންނަށް ވެސް މަސައްކަތަށް ނުކުމެވޭނީ އެ ރަށެއްގައި ކަރަންޓީނުކުރުމަށް ފަހު ޓެސްޓްކޮށް ނެގެޓިވްވުމުން ކަމަށް އުސޫލުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން އެ އުސޫލުގައި ވަނީ ރާއްޖެއިން ބޭރުން އަންނަ މީހުންނާއި މާލެއިން ރަށްރަށަށްދާ މީހުން ގޭގައި ކަރަންޓީނުވާން ޖެހޭ ގޮތާއި ރާއްޖެއިން ބޭރުން ރިސޯޓު މަސައްކަތަށް އަންނަ މީހުން ކަރަންޓީނު ވުމުގައި އަމަލުކުރަން ޖެހޭ ގޮތް ވެސް ހިމަނައިފައެވެ.

ސަރުކާރުން ވަނީ އަންނަ މަހުގެ 15ގައި ގެސްޓްހައުސްތައް ހުޅުވުމުގެ ހުއްދަ ދިނުމަށް ނިންމައިފައެވެ.