މި އަހަރުގެ މިހާތަނަށް ރާއްޖޭގެ ރިސޯޓުތަކުގައި ޗުއްޓީ ހޭދަކުރި ފަތުރުވެރިންގެ އަދަދު، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 40،000 އަށް ވުރެ ބޮޑުތަނުން ދަށްވެފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން، މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖޭގެ ރިސޯޓުތަކަށް 701،000 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއަހަރުގެ މިހާތަނަށް އެ އަދަދު ވަނީ 660،000 އަށް ތިރިވެފައެވެ. މިއީ ގާތްގަނޑަކަށް ހަ ޕަސަންޓުގެ ދަށްވުމެއްކަމަށް ތަފާސްހިސާބުގައި ފާހަގަކޮށްފައިވެއެވެ.

ރިސޯޓުތަކުގެ އިތުރުން ގެސްޓްހައުސްތަކަށް އަންނަ ފަތުރުވެރިންގެ އަދަދުވެސް ވަނީ ކޮންމެވެސް ވަރަަކަށް ދަށަށް ގޮސްފައެވެ. މިދިޔަ އަހަރު 225،000 ފަތުރުވެރިން ގެސްޓްހައުސްތަކަށް އައިއިރު، މިއަހަރު އެ އަދަދު ވަނީ 223،000 އަށް މަދުވެފައެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 950،000 ފަތުރުވެރިން އައިސްފައިވާއިރު، އެއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 4.1 ޕަސަންޓުގެ ދަށްވުމެއްކަމަށް ތަފާސްހިސާބުގައި ފާހަގަކޮށްފައިވެއެވެ. ފަތުރުވެރިންގެ އަދަދު މިގޮތަށް ދަށްވާން މެދުވެރިވި މައިގަނޑު ސަބަބަކީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް ކުރި އަސަރުތައް ކަމަށް ބެލެވެއެވެ.

ވަކިން ހާއްސަކޮށް، މި މަހުގެ ފުރަތަމަ ދެ ދުވަހު ރާއްޖެއަށް އައި 7،000 އެއްހާ ފަތުރުވެރިންނަކީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 21 ޕަސަންޓު މަދު އަދަދެއްކަމަށް ތަފާސްހިސާބުގައި ބުންޏެވެ. މާޗް މަހުން ފެށިގެން ފަތުރުވެރިން އަންނަ އަދަދު ދަށްވަމުން ދިޔަ ނަމަވެސް، މިދިޔަ މެއި މަހުގެ ތެރޭގައި އަދަދުތައް އަލުން ރަނގަޅުވާން ފަށާފައިވާކަން ތަފާސްހިސާބުގައި ވަނީ ފާހަގަކޮށްފައެވެ.

އާންމު ގޮތެއްގައި މެއި މަހަކީ ޔޫރަޕާއި މެދުއިރުމަތިން އަންނަ ފަތުރުވެރިން މަދު މަހެއް ނަމަވެސް، މި ދުވަސްވަރު އޭޝިއާގެ ގައުމުތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.