ކޮވިޑަށް ޕޮޒިޓިވްވާ ދަރިވަރުން އިމްތިހާނު ހަދާ ސެންޓަރުތަކުގައި އިންވިޖިލޭޓަރުން ހަރަކާތްތެރިވާން ޖެހޭނީ ޕީޕީއީ އަޅައިގެން ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.
އެޗްއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، އޭލެވެލް އިމްތިހާނު ހަދާ ކޮވިޑަށް ޕޮޒިޓިވް ދަރިވަރުންނާއި ކަރަންޓީނުގައި ތިބޭ ދަރިވަރުން އިމްތިހާނު ހެދުމަށް ހާއްސަކޮށްފައިވާ މަރުކަޒުތަކުގައި އިމްތިހާނުގެ ކަންކަން ބެލެހެއްޓުމަށް ހަރަކާތްތެރިވާ އިންވިޖިލޭޓަރުން ހަރަކާތްތެރިވާން ޖެހޭނީ ޕީޕީއީ އަޅައިގެން ކަމަށެވެ.
"މަރުކަޒުތަކުގައި ހަރަކާތްތެރިވާ ނަރުހުންނާއި އިންވިޒިލޭޓަރުން ތިބެން ޖެހޭނީ ފޭސް ޝީލްޑާއި މާސްކް ފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން،" ޑރ. ނަޒްލާ ވިދާޅުވިއެވެ.
މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން ވިދާޅުވީ، މާލޭ ސަރަހައްދުގައި އިމްތިހާނު ހަދަނީ ހަތަރު ސެންޓަރެއްގައި ކަމަށާއި އަތޮޅު ތެރޭގައި 33 ސެންޓަރެއްގައި ކަމަށެވެ. އަދި އެ ސެންޓަރުތަކަށް މި މަހުގެ ނިޔަލަށް ޓެސްޓް ކަރުދާސް ފޮނުވާ ނިމޭނެ ކަމަށްވެސް ވިދާޅުވިއެވެ.
މީގެ އިތުރުން އިހުސާން ވިދާޅުވީ، އިމްތިހާނުގެ ކަންކަން ބެލެހެއްޓުމަށް ކޮންމެ މަރުކަޒަކަށްވެސް ޗީފް އިންވިޖިލޭޓަރެއް މިހާރު ކަނޑައަޅާފައިވާ ކަމަށެވެ.
އޭ ލެވެލް އިމްތިހާނު ކުރިއަށްދާނީ އަންނަ މަހުގެ ފަސްވަނަ ދުވަހުން 23 ވަނަ ދުވަހުގެ ނިޔަލަށެވެ.