ކޮވިޑަށް ޕޮޒިޓިވްވާ ދަރިވަރުންނާއި، ކަރަންޓީން ކުރެވިފައިވާ ދަރިވަރުން އިމްތިހާނު ހެދުމަށް ވަކި ސެންޓަރުތަކެއް ގާއިމުކުރަން ނިންމައިފިއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން ވިދާޅުވީ އޭލެވެލް އިމްތިހާނު ރާއްޖޭގައި ހަދާ އިރު، ހާއްސަ ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށާއި އެކަމުގެ ގައިޑްލައިނެއްވެސް އެކުލަވާލައިފައިވާ ކަމަށެވެ.
އެގޮތުން އެހެން އަހަރުތަކުގައި ވެސް ބައިނަލްއަގުވާމީ އިމްތިހާނުތައް ރާއްޖޭގައި ހަދާ އިރު، ބަލި ހާލަތުގެ ސަބަބުން އެހެން ކެންޑިޑޭޓުންނާއެކު އިމްތިހާނު ހެދުމަށް އުޒުރުވެރިވާ ދަރިވަރުންނަށް އިމްތިހާނު ހެދޭނެ ގޮތްތަކެއް ހަމަޖައްސާ ކަމަށާއި އެގޮތުން މިއަހަރުވެސް އެ އިންތިޒާމުތައް ހަމަޖައްސާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އިހުސާން ވިދާޅުވީ މިއަހަރުގެ އޭލެވެލް އިމްތިހާނު ހަދަން ޖެހެނީ، ކޮވިޑްގެ ދުވަސްވަރަށް ވުމުން ކޮވިޑަށް ޕޮޒިޓިވް ދަރިވަރުންނާއި ކަރަންޓީނުގައި ތިބެން ޖެހޭ ދަރިވަރުންނަށް އިމްތިހާނު ހެދޭނެ ހާއްސަ އުސޫލުތަކެއް ހަމަޖައްސައި، އެކުދިންނަށް ހާއްސަކޮށްގެން ވަކި ސެންޓަރުތަކެއް ގާއިމުކުރާނެ ކަމަށެވެ.
މާލޭ ސަރަހައްދުގައި އޭލެވެލް އިމްތިހާނު ހަދަނީ ހަތަރު ސެންޓަރެއްގައެވެ.
"މި ހަތަރު ސެންޓަރުގެ ތެރެއިން އެއްވެސް ސެންޓަރަކުން ކުއްޖަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެނަމަ އަދި އެކުއްޖާ އިމްތިހާނު ހެދޭ ފަދަ ހާލަތެއްގައި ހުރިނަމަ އެކުއްޖަކަށް އިމްތިހާނު ފޯރުކޮށްދިނުމަށްޓަކައި މުޅިން ވަކިން އަޅުގަނޑުމެން އިމްތިހާނު ހޯލެއް އެބަ ގާއިމުކުރަން،" އިހުސާން ވިދާޅުވިއެވެ.
މީގެ އިތުރުން އިހުސާން ވިދާޅުވީ އަތޮޅުތެރޭގެ 33 ސެންޓަރެއްގައިވެސް އޭލެވެލް އިމްތިހާނު ހަދާނެ ކަމަށާއި މިމަހުގެ ނިޔަލަށް ރަށްރަށަށް ފޮނުވަން ޖެހޭ އިމްތިހާނު ކަރުދާސް ފޮނުވާ ނިންމާލެވޭނެ ކަމަށެވެ.
އިމްތިހާނު ހަދާ މަރުކަޒުތަކުގައި ގައިދުރުކަން ބެހެއްޓޭނެ ގޮތަށް އިންތިޒާމުތައް ހަމަޖައްސާފައިވާ އިރު، ޕޮޒިޓިވް ކުދިންނާއި ކަރަންޓީނުގައި ތިބޭ ކުދިން ތިބޭ ސެންޓަރުތަކުގައި މަސައްކަތް ކުރާ އިންވިޒިލޭޓަރުން ހަރަކާތްތެރިވާނީ ޕީޕީއީއާއެކުގައި ކަމަށްވެސް އިހުސާން ވިދާޅުވިއެވެ.
އޭ ލެވެލް އިމްތިހާނު ކުރިއަށްދާނީ އަންނަ މަހުގެ ފަސްވަނަ ދުވަހުން 23 ވަނަ ދުވަހުގެ ނިޔަލަށެވެ.
ސްކޫލް ކުދީން
ސްކޫލް ކުދީން
ސްކޫލް ކުދީން